28 August 2012

އެންމެ ފަހުން ޤައުމުވެސް ހިލާލީއެވެ





ލިޔުނީ: އަޙްމަދު ޔާމީން


އިސްވެދިޔަ ޒަމާނާއި، ގެއްލިގެންދިޔަ އުފާވެރި ދުވަސްތަކުގެ ހަނދާންތައް ހިތަށް އުނދަގޫ ކުރަމުން ދަނީއެވެ. ހަނދާނުގެ ފޮނިފޮނި މަންޒަރުތަކުގައި ބުރެކި ޖައްސަމުން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވޭތޯ ލައްކަ މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ދިމާވެފައި މިވަނީ ހާމައަށް ފެންނާންއޮތް، ސާފު، އޮޅުވާނުލެވޭނޭ މައްސަލައެކެވެ. ކުރިމަތިވަމުން އަންނަނީ ސަމާސާ ސުވާލުގެ މަންޒިލެއް ނުމެ ނޫންމެއެވެ. ޤައުމުގެ ނަވުގެ ހުންގާނު މިވަގުތު މިހުރީ އެންމެ ރަނގަޅު މިސްރާބުގައި ކަމާމެދު ކުރެވެމުންދާ ސުވާލެވެ. ޤައުމުގައި ހިނގަމުން މިދަނީ އެންމެހާ ދިވެހިން އެދިއެދިތިބިފަދަ ވެރިކަމެއްކަމާމެދު ކުރެވޭ ހިތި ސުވާލެވެ. ވެރިކަމޭތޯއެވެ؟ ނޫނެކެވެ. އަނިޔާވެރިކަމެކެވެ. އަޅުވެރިކަމެކެވެ. އުނދަގޫވެރިކަމެކެވެ. ބިރުވެރިކަމެކެވެ. އާހް..

ޤައުމުގެ ޙާލުގެ ދުލުން މިއަދު ބޭރުވެގެން މިދާ އާހްގެ ހިތްދަތި އަސަރުތަކަކީ އަޅުގަނޑުފަދަ ލިޔުންތެރިކަމަށް ކޮށި މީހަކަށް ބަޔާންކޮށް ދެވޭ ވަރަށްވުރެ މާ އަސަރުގަދަ، މާފުން މާނައެއް ދޭހަކޮށްދޭ އާހް އެކެވެ. މި ލޮބުވެތި ވަޠަނަށްޓަކައި ޤުރުބާންވެ ވަޑައިގެންނެވި އެތައް އަބްޠޯލުންނެއްގެ ރޫހް މިޤައުމުގެ މިއަދުގެ ޙާލާމެދު ކަރުނައަޅާނެކަން ޔަޤީނެވެ. ޢަލީ ރަސްގެފާނާއި، ބޮޑު ތަކުރުފާނެވެ. ދޮންބަންޑާރައިންނާއި، ކުޅުދުއްފުށީގެ ފަޚުރުވެރި ޙުސެއިން އާދަމެވެ. އެ ޤައުމީ ބަޠަލުން މިއަދުގެ ޒުވާން ޖީލަށް ވާރުތަކޮށްދީފައި މިވާ މިނިވަންކަމަކީ އެބޭފުޅުން މިއަދުގެ ޖީލާއި ޙަވާލުކޮށްފައިވާ އަމާނާތެކެވެ. އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައެވެ. އެމާތް އަބްޠާލުންގެ ޤައުމީ ޖިހާދުގެ އަގު މިއަދުގެ ޖީލުން އަދާކުރަމުން މިދަނީ ކޮންފަދަ ޚިޔާނާތްތެރިކަމަކާއި އެކީގައިތޯއެވެ؟

އާއެކެވެ. ވާރުތަވަމުން، ފުރޮޅެމުން، ދެމެމުންއައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ދާދިފަހަކާއި ޖެހެންދެން އޮތީ ވަކިބައެއްގެ، ނުވަތަ ވަކި ޢާއިލާތަކެއްގެ ތަރިކަ މުދާ ގަނޑަކަށް ވެފައެވެ. ނިކަމެތީންނަށް އޮތީ މުއްސަނދީންގެ ފައިތިލައިގައި ބޮސްދީ ސަލާންޖެހުމެވެ. މަޖުބޫރު ކުރެވިފައިއޮތީ ފޯރާ ވިޔަފާރިވެރީން ރުހޭ ގޮތަކަށް ބޮޑު ކާފާއި، ކުޑަ ކާފު ޖަހައިދިނުމެވެ. ވެރީން ނުރުހޭ ރައްޔިތުމީހާއަށް އޮތީ ތިމާގެ އަމިއްލަ ދަރި ތިމާގެ އަތްދަނޑި މަތީގައި ނިޔާވާ މަންޒަރު ބަލަން ރޮއި ރޮއި ހުރުމެވެ. އަނބިދަރީން ބަނޑަށްޖެހި ނިމިދާމަންޒަރު ބަލަން ކެތްނުކުރެވުނު ކިތައްމެ ރައްޔިތެއް އެމީހެއްގެ ޢާއިލާ ގަދަ ކީރިތިވަންތަ މާތް ﷲ އަށް ވަކީލުކުރުމަށްފަހު އަމިއްލައަށް ދިރިހުރުމުގެ ނޭވާތަކަށް ނިމުން ގެނުވިއެވެ.

ބޮޑެތި ބިޔަ ޤާރޫނު ސައުދާގަރުންނާއި، މާލޭގެ ބޮޑެތި ޢާއިލާތަކުގެ މެދުގައި ފިތިފައިތިބި ދިވެހި ރައްޔިތުންނަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނީ 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހުން ފެށިގެންނެވެ. ދިރިތިބުމުގެ ޙަޤީޤީ ބޭނުމާއި، އިންސާނީ ކަރާމާތް އެއުރެންނަށް ވިސްނުވައިދިނީ "ހެޔޮ ވެރިކަމުގެ" ކުޅަދާނަ މާލިމީންނެވެ. މަރަށް އިންތިޒާރުކުރަމުންއައި ޢުމުރުން ދުވަސްވީ ޢިއްޒަތްތެރީންނަށް ހިނިތުންވުން ގެނެސްދިނީ "އަންނި" ދިއްކޮށްލި 2000 ރުފިޔާއިންނެވެ. މަހުޖަނުންނަށް ނޯކިރީ ކޮށްދެމުން ދިޔަ ނިކަމެތި އެކަނިވެރި މައިންނަށް އެވެރީންގެ ޙަޔާތުގެ ވޮށް ދިއްލާލަދިނީ ސާދާ ދިރިއުޅުއްވުމުގެ ޒުވާން ލީޑަރެވެ. ދިވެހި ބިމަށް އުފަންވީ ނަމަވެސް ދިވެހި ފަސްގަނޑުން "ބިންވެރި" ކަމުގެ ނަސީބު ނުލިބުނު މީހުންގެ އުއްމީދަކަށްވީ "ފްލެޓް ދޮންބެ" އެވެ. ޔަޤީނުންވެސް ކަށަވަރު ޙަޤީޤަތަކީ ރައީސް މުޙައްމަދު ނަޝީދަކީ އިސްލާޙީ ޙަރަކާތުގެ މޭސްތިރިޔާކަމެވެ. އެހެނަސް މިއަދު މިވަނީ އެ އިސްލާޙީ އޮށުން ފެށި ގަސް ރަނގަޅަށް ނުފޯދި އުޅެނިކޮށް މަރާލުމުގެ މަސައްކަތް ފެށިފައެވެ. ސަބަބަކީތޯއެވެ!! ސަބަބުތަށް ކުރީން މި ދެންނެވުނީއެވެ. ސަބަބަކީ މާލޭގެ މެދުފަންތީގެ ޒުވާނަކަށް ދިވެހި ރައްޔިތުންގެ ތާޢީދު އޮހޭން ފެށުމެވެ. މާލޭގެ "ބޮޑުންނަށް" ނުވަތަ "ބޭފުޅުންނަށް" ޙަޖަމްނުވި ކަމަކީ މިއީއެވެ. "ކެނެރީގޭ ނަޝީދު" ދެކެ އަންނަ ގަދަ ރުޅިއެއްގެ ސަބަބުން އެވެރީން މިއަދު ހިލާލާފައިމިވަނީ މިޤައުމުގެ މުސްތަޤްބަލެވެ. އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ދިވެހިންގެ ތާރީޚް މިއަދު ލިޔެވެމުން މިދަނީ އަނދިރި ކަޅު ސޮފްހާތަކެއްގެ ގޮތުގައެވެ. ކިހާ ލަދު ހުތުރު ކަމެއްތޯއެވެ؟ 

އާއެކެވެ. އުފެދިފައި މިވަނީ ބޮޑު މައްސަލައެކެވެ. ފުލުހުން "ޖަޒްބާތުގައި" ޖެހިތިބެ ކުރި ބޮޑު"ޖަޒްބާތީ" ބަޢާވާތުގެ ސަބަބުން މިއަދު މިވަނީ ދާޚިލީ ހަމަނުޖެހުމުގެ ރަނގަބީލް މިޤައުމުގައި ޖެހިފައެވެ. ޤައުމުގެ އަމާންކަން ގެއްލި، އިޖްތިމާޢީ ފޭރާން ވީދި، ދިވެހީންގެ ދިވެހިވަންތަކަމާއި، ޤައުމިއްޔަތުގެ އަގު މިއަދު މިވަނީ ފައިސާއިން ގަނެވޭ މުދާގަނޑަކަށް ވެފައެވެ. "ބަޣާވާތަކުން" ޤައުމު ފިރުކާލި ބޮޑެތި "ބާޣީ" "ޣައްދާރު" "ޚާއިނުން" ވިސްނާންވީ މާދަމާވެސް އަންނާން އެބައޮތްކަމެވެ. ރައްޔިތުން ނިކުމެ އެ ބައިގަނޑު ޖަވާބުދާރީ ކުރުވާނެކަމެވެ. 30 އޯގަސްޓްގެ ފަހުން ޤައުމު ކެކި އަރާނެ ކަމެވެ. ޤައުމީ ފުލުހުންނާއި، ޤައުމީ ސިފައިން ނިކުމެ "ޖަޒްބާތީ" ބާޣީ ޔުނީފޯމްއެޅި ޣައްދާރުން ވަކިވަކިން ހޮވާ އެއްފަރާތް ކުރާނެ ކަމެވެ. ދެންވެސް އަވަހަށް ކުރެވުނު ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން މަޢާފު ހޯދުމަށް އަވަސްވެ ގަންނާށެވެ. މި ޤައުމުގެ މުސްތަޤްބަލަށްޓަކައެވެ. އަޅުގަނޑުމެންގެ ދަރީންނާއި، އެދަރީންގެ ދަރީންގެ ޙައްޤުގައެވެ.


10 comments:

Anonymous said...

ހިތުގެ ރިހުން ކިތަންމެ ހާވެސް ފުނެވެ. ހިތް ކުދިކުދި ވާ ކަހަލަ އެވެ. އޯގާތެރި ކަން ގައުމުގައި ޢާއްމުވަމުން ދިޔަހިނދު، އެކަނިވެރި ހިތްތަކުގަައި ދިރި އުޅުމުގެ އުއްމީދު އާވެގެން ދިޔަ ހިނދު، ޤައުމު ޤައުމަކަށް ހައްދަވާ ދެއްވި ދުވަސް ވީ ބޭފުޅުންނަށް ހައްްްޤު
ޮާޢިނާޔަތް ލިބެން ފެށިހިނދު، ނުކުޅެދޭ ކުދިންގެ މައިންގެ ހިތުގާ އުއްމީދު އާވި ހިނދު
މި ޤަައު މުގެ ޒުވާން ވަލިއްޔުލް އަމްރު ގެ ވެރިކަން ބަޣާވާތުން ވައްޓާ ލުމުން ހަމަހިމޭންކްން އިޚްތިޔާރު ކުރާނީ ކިހިނެއް ހެއްޔެވެ.

ޖަލީލު said...

ވަރަށް ފުރިހަމަ ލިޔުމެއް. މައުމޫނާއި ޔާމީނާއި ގާސިމަށް މިލިޔުން ހަޖަމެއް ނުކުރެވޭނެ. އެވެރިން މިހާރު ފައިވިއްދާފައި އެތިބީ ކޯނީގެ ރިޕޯރޓް ނިވާފަތްގަނޑަކަށް ލައިގެން. ސަލާމަތް ވެވޭނެކަމަށް. ﷲއިރާދަކުރެއްވިއްޔާ ހަމަހިލާ އެހެނެއް އެހެނެއް ނުވާނެ. އެވެރިންގެ ނުބައި ރޭވުމުގެދަށުން ފުލުހުންނާއި ސިފައިންގެ މަދުބަޔަކު ލައްވައި ދިވެހި ދަރިންނަށް ދިން އަނިޔާގެ ބަދަލު އެ ޣައްދާރުންނަށް ލިބޭނެ.

މުޙައްމަދު ޢާޡިމް ޢަލީ އިރޯސް މ. މަޑުއްވަރި said...

ބްރޯ ޔާނު ހަބޭސް އިނގޭ މި ލިޔުން… ވަރަށް ހަބޭސް…ހަމަ ހަޤީގަތް…ލިޔުން ކިޔަމުން ދިޔައިރު ހަމަ މަންްޒަރު ސިފަވަމުން ދިޔަ… ތި ގޮތަށް ލިޔުންތަށް ލިޔުއްވަމުން ކުރިއަށް ވަޑައިގަންނަވާ … ދޮންބެ ގެ ލިޔުމުގެ ފެންވަރު ވަރަށް ރަނގަޅު…ބަސްމަގު އަދި ޖުމްލަ ތަށް ގުޅުވާލުން އެހާމެ ފުރިހަމަ… މި ލިޔުން ލިޔެފަ ދެން މަޑުން ހުންނާނީ އެއްނޫން…ދޮންބެގެ ގަލަމަކީ ހިނގާނެ ގަލަމެއް…ސަންގަ އެ އެ އުޅޭ ރަންދެލި މެނަށްވުރެ މާ ބޮޑަށް ދޮންބެ އަށް ލިޔުން ލިޔެގެން ކުރިއަށް ދެވިދާނެ…އެހެނަސް ހަޤީގަތް ހާމަކޮށްދޭތި…ދޮންބެ ސާބަހޭ…

ވީ ލަވް އަންނި said...

މި އާރޓިކަލް ކިޔާލުމުން ލޮލުން ފާއްދާލީ ކަރުނަ އެވެ

ރަޓުކޫދާ said...

ތިޔައީ ދިވެހި ތާރީޚަށްޓަކައިވެސް އަދަދުނުކުރެވޭހާ ޙަޤީޤަތް ތަކުގެ މައްޗަށް ލިޔެފައިވާ ވަރަށް ފުރިހަމަ ލިޔުމެއް. ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނޭޥެ! ސާފު ބިއްލޫރި ކޮޅެއްފަދަ ޙަޤީޤަތަކީ މިއީ. މާތް ރަސްކަލާނގެ އަންނި ( ފަޤީރުންނާއި ނިކަމެތިންގެ ހިތްތަކުގެ ރައީސް) އަށް ހެޔޮރަޙްމަތްލައްވާ އަދި އެއްފަހަރު މިޤައުމުގެ ވެރިކަން މިންވަރު ކުރައްވާށި!އާމީން.

އިސްދޫ ދާއޫދު މޫސާ said...

އަދުލުވެރި އިސްލާމީ ސަރީއަތް ހިންގާ ގައުމެއްގައި ނަމަ ފޮޓޯއިން ފެންނަ 6 މީހުން ތިބޭނީ 6 ގޮއްމަސް ބުރިހެން ހަތަރެސް ފައި ކަނޑާފައެވެ. ގެންގުޅެންޖެހޭނީ ފައްޖެހިއެނދެއްގައެވެ

ގައުމު said...

ލޮލުން އަންނަނީ ކަރުނަ އެވެ ހިތައް ވަނީ ނުތަނަވަސް ކަމާ ބިރުވެރިކަން ވަދެފަ.ދިރިއުޅުމަށް ކުރި އުއްމީދު ވަނީ ނެތިގޮސްފަ

މަރްޔަމް އާނަ said...

ވަރަށް ފުރިހަމަ ލިޔުމެއް… ވަރަށް ސަޅި.. މި ލިޔުންތެރިޔާގެ ޓްވިޓަރ އކނޓ ފޮލޯ ކޮށްލަން އެބަ ހިތަށްއަރާ

އަބުދުﷲ ޔާމީން said...

ވަރަށްސަޅި ލިޔުމެއް މިއީ. ހަޤީޤަތް ހާމަކުރުމުގައި ފަހަތަށް ޖެހުމަކީ އެންމެ ފިނޑި މީހުންގެ ގޮތް، މިއީ ހަޤީޤަތް ހާމަކުރެވޭނެ އެންމެ ފަސޭހަ އަދި އެންމެ ރީތި ގޮތް..

ޔާގިރި ގިރި said...

ވަރަށް އަސަރު ގަދަ ލިތުމެއް..ކިޔަމުން ދިޔަ ގަޑީގައި ގައިން ހީބިހި ނަގަނަގާ ހުރީ…

Post a Comment

Labels

 
;