30 March 2020 0 comments

ރަޙްމެއް ނެތް "ޖައްބާރެއް"! ކުށެއްނެތް އަންހެން ކުއްޖެއްގެ، އަނިޔާވެރި މަރު.


ދިވެހި ތާރީޚުގައި ނުފެންނަފަދަ ހިތާމަވެރި މަންޒަރެއް، މިދިޔަ ޖުމާދަލް އާޚިރާ މަހުގެ ތެރޭގައި، ފ. އަތޮޅު ނިލަންދޫގައި ތަމްސީލް ވެގެން ހިނގައްޖެއެވެ.....

ނިލަންދޫ ޙަސަން މޫސާގެ ޙައްވާ އަކީ، ޢުމުރުން 7 އަހަރުވީ، ލަޠީފް އަންހެން ކުއްޖެކެވެ. ޖުމާދަލް އާޚިރާ މަހު 16 ވިލޭރެއި، މެންދަންވީއިރު، އޭނާއަށް އޮތީ ވަރުގަދައަށް ނިދިފައެވެ. މެންދަމުން އަލިވިތަނާ، އެރަށުގައި އުޅޭ ހިމިތީ ބަނޑޭރި އިބްރާހީމްގެ އާދަމް، ޙައްވާގެ ގެއަށް ވަދެ، އެ ނިކަމެތި ފަކީރު، ކޮނޑަށްލައިގެން ދިޔައީ، ރަށުގެ ފުއްޓަރު ފަރާތު އަތިރިމައްޗަށެވެ... އެ ދިޔަގޮތަށް ގޮސް އުނަގަޑުތާ ފެނަށް އެރި، ކުއްޖާގެ ކަރުގައި ދެއަތުން ހިފާފައި މޫދަށް ގަންބައި ކަރަށް ފައިން އަރައި ބާއްވައިގެން މަރާލީއެވެ. މޫދަށް ފައްތާފައި ބައިގަޑިއެއް ހާއިރު ބޭއްވިކަމަށް ވެއެވެ. މަރުވުމަށްފަހު، ބޮއްކުރައަކަށް ލައިގެން ގެންގޮސް ބޭރަށް ކޮށްޕައިލީއެވެ.

އެ ނުލަފާ މުޖުރިމަކީ އެރަށުގައި ހުންނަ މަޝްހޫރު ވަގެކެވެ. އޭނާ އެ އަންހެން ކުއްޖާ މަރާލީ، ވައްކަން ކޮށްކޮށް ނުކުޅަދާނަވެގެން، އަދަގޮޑިޖަހާން ޤަސްދު ކޮށްފައިވާ ދުވަހުގެ ކުރީ ރެއެވެ. އޭނާ އަދަގޮޑި ޖަހާން އުޅުނު މީހުންނަށް ބޮނޑިއެއް ދިނުމުގެ ނިޔަތުގައެވެ. ކުޑަކުޑަ ޙައްވާ އަކީ، ނިލަންދޫ މުދިންމަނިކުގެ ދޮން ދަރިފުޅެކެވެ. މިކުޑަކުޑަ ޙައްވަ އަށް މާތް ރަސްކަލާންގެ ސުވަރުގޭގައި މަތިވެރި ދަރަޖަ ދެއްވާށި އެވެ!

އެ ނުލަފާ ކަންތައް ކުޅަ އާދަމް، ބުރިހަން ނަގަފައި އަރުވާލައިފިއެވެ. އާދޭހެވެ! ހިތާމައަކީ، އެފަދަ "ޖައްބާރު" ން ނަށް ދިނުން އެކަށީގެންވާފަދަ އަދަބެއް، ދިވެހި ޤައުމުގައި އަދި ކަނޑައެޅިފައި ނުވާކަމެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. އެ ނުލަފާ ކަލޭގެއަށް ޙައްޤު ވެގެންވާ އޮތީ، އެންމެ އަދަބެކެވެ................. މަރެވެ.


ނޯޓް: މީގެ 70 އަހަރު ކުރިން ފ. ނިލަންދޫގައި ޢުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު، އަނިޔާވެރި ރަޙުމުކުޑަ ގޮތަކަށް މަރާލި ޚަބަރު. މިއީ ހިޖުރައިން 1 ޝަޢުބާން 1369 (19 މެއި 1950މ.) ގެ ސަރުކާރުގެ ޚަބަރު ނޫހުގައި ލިޔެފައިވާ ޚަބަރެއް.

0 comments

އަބަދުވެސް ހަމަ މިހެންތަ؟ ދިވެހި ވިޔަފާރިވެރީންނަށް ގޮވާލުމެއް.


 ބަލަ އަބަދުވެސް ހަމަ މިހެންތަ؟ ދިވެހިރާއްޖޭގެ މާޟީގެ ތާރީޚް ގެ ގަނޑުތައް އުކަމުން ދާއިރު، ދިވެހީންނަކީ، ވިޔަފާރީގެ ޚިޔާލާތުގެ ތެތްކަމުން މަޙްރޫމް ވެފައިވާ ބައެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ދިވެހިންނަކީ، ހިތްވަރުން ވަކިވެފައިވާ ބައެއްކަމަކަށްވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. އެއްޒަމާނެއްގައި ދިވެހިންނަކީ ދިވެހި ބިމުގައި ހެދުނު ކާބޯތަކެތީން ފުދިގެން، ދިވެހި އަތްތަކުން އުފެއްދި ތަކެތީގެ ބޭނުން ހިފައިގެން އުޅުނު ބައެކެވެ. އަނެއް ޒަމާނެއްގައި، ދިވެހީންނަކީ ބޭރު ތަންތަނުގައި ހެދިފައިވާ ކާބޯތަކެއްޗާއި، ބިދޭސީންގެ އަތްތަކުން ހައްދާފައިވާ ތަކެތި، ދިވެހިންގެ ފުރާދުއްވާ ތަކެތީގައި ގެނެސްގެން އެތަކެތިން ބޭނުންތައް ފުއްދައިގެން އުޅުނު ބަޔެކެވެ. އަދިވެސް އަނެއް ޒަމާނަކީ، ދިވެހީން އެބައިމީހުންގެ ވިޔަފާރި ބޭރުގެ ރަށްރަށުގައި ފަތުރައިގެން، ރާއްޖޭގެ ނަމާއި، ޢިއްޒަތް މަތިވެރިކުރި ޒަމާނެވެ. މި ޒަމާނަކީ...... އާހް!


އަދުގެ އަޅުގަނޑުމެންގެ ޙާލެވެ! އަދުގެ އަޅުގަނޑުމެންގެ ހިތާމަވެރި ޙާލެވެ! އާދެ! މިޒަމާނަކީ، ދިވެހީން ދިރިދުނިޔޭގައި ތިބުމަށްޓަކައި، ބޭރު ބިންތަކުގައި އުފެދޭ ތަކެއްޗާއި، އެހެނިހެން ޤައުމުޤައުމުގެ މީހުން ހަދާ އެއްޗެތި، ބިދޭސީ ވިޔަފާރިވެރިން އެބައިމީހުންގެ ފުރާ ދުއްވާ އެއްޗެތީގައި ގެންނާން ޖެހިފައިވާ ޒަމާނެވެ. ޝައްކެއްނެތެވެ. ވިޔަފާރިކުރާ،ދިވެހިން މިޒަމާނުގައި ވަރަށްވެސް ގިނައެވެ. އިހު އުޅުނު ވިޔަފާރިވެރިންނަށްވުރެ، އެބައިމީހުންގެ ޚިޔާލާތުތައް މަތިވެރިކަމުގައިވުން އެކަށީގެންވެއެވެ. ވިޔަފާރީގެ ސިއްރުތަކާއި، ޙިކުމަތްތަކުގެ ތެރެއަށް ވަންނާނޭ ދޮރުތައް ދުވަހަކުވެސް ނުހުޅުވޭ ފަދައިން އަދުވަނީ ހުޅުވިފައެވެ. ނަމަވެސް.....

އާދެ! ނަމަވެސް ވިޔަފާރީގެ މަތިވެރި ދަނޑުގައި ދިވެހި ޤައުމަށް ލިބެމުންދާ ފައިދާއަކީ ވަރަށްވެސް ކުޑަ ފައިދާއެކެވެ. ނުވަތަ ސުމެކެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނެއް، ނުވަތަ ކަކާގޭ އިސްމާޢީލް ދީދީ އެއް، ނޭވާފުޅު ލެއްވި ބިމެއްގެ މަތީން، ޒަމާނާ ނިސްބަތްކޮށް ބަލާއިރު، އުފެދެންވީ އެއްވެސް ވިޔަފާރިވެރިއެއް ހަމަކަށަވަރުންވެސް އަޅުގަނޑަކަށް ނުފެނެއެވެ. ސަބަބަކީ، ސިއްރަކީ ފަހެ ކޮބައިތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި، އެކަމުގެ ސަބަބަކީ، ގާތްގަނޑަކަށް ދިވެހިންގެ އެންމެންނީ، އަދު ވިޔަފާރިވެރިން ކަމުގައި ވެފައިވާކަމެވެ. ޤައުމީ ބޭނުންތަކުގެ މައްޗަށް ޢާއްމު ފައިދާއަށް ވުރެއް ބޮޑަށް އަމިއްލަ އެދުންތަކަށާއި، އަމިއްލަ މުއްސަނދިކަމުގެ މައްޗަށް ތަރުޙީބު ދެވޭކަމެވެ. ވިޔަފާރީގެ ތަނަވަސް ދަނޑުގައި ހުޅުވިފައިވާ ގިނަގުނަ ވެގެންވާ އެކިއެކި މަގުތަކުން ހިނގޭތޯ ނޫޅެ، ވިޔަފާރީގެ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހުރިހައި ވިޔަފާރިވެރީންނަށްމެ އެނބުރެވޭކަމެވެ. އާދޭހެވެ! ޤައުމު މުއްސަނދިވޭތޯ، ޤައުމު ކުރިއަރާތޯ، ދިވެހީންގެ ޢިއްޒަތާއި ނަން ފެތުރޭތޯ ބޭނުންކަމަކީ، އެދެވޭ ކަމަކީ، އެންމެންގެ އެއްބާރުލުމެވެ. =ދިވެހި ދަރިއެއް=


ނޯޓް: މިއީ ހިޖުރައިން 1 ޝައްވާލު 1366 (މީލާދީން 18 އޮގަސްޓް 1947) ގައި ނުކުތް ސަރުކާރުގެ ޚަބަރުގެ 46 ވަނަ ނަންބަރު ނޫހުގައި "ދިވެހި ދަރިއެއް" ގެ ފަރާތުން ދިވެހި ވިޔަފާރިވެރީންނަށް ގޮވާލާފައިވާ ގޮވާލުމެއް. މިއީ މިހާރަށްވެސް ފުދޭ ރަނގަޅު ގޮވާލުމެއް.

Labels

 
;