14 February 2013 3 comments

ދެ ރައީސުންނާއި ، ޤައުމީ މަސްލަޙަތު





ލިޔުނީ: އަހުމަދު ޔާމީން


އިންސާނީ ހަމަހަމަކަމާއި، ކަރާމާތް އިންސާނުންނަށް ވިސްނެން ފެށީއްސުރެ އިންސާނުން ދިޔައީ މިނިވަންކަމުގެ ރޯޅިއަށް ދީލާލަމުންނެވެ. ހިކިފަސް ސަހަރާތަކާއި، ބިޔަވާދީތަކުގެ އައްސޭރީގައި އެކަމަށްއެދި ހަނގުރާމަކުރަމުންނެވެ. އަޅުވެތިކަމުގެ ސަޤާފަތަށް ފުރަގަސްދެމުންނެވެ. އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ޚިޔާލު ފާޅުކުރުމާއި ، އިންސާނާގެ އަމިއްލަވަންތަކަމުގެ ވާހަކަ ދެކެވެންފެށުމުގެ އެތައްހާސް އަހަރެއްކުރިން މުޅި ދުނިޔޭގެ އެތަން މިތަނުން މިދެންނެވި އިންސާނާގެ ކަރާމާތް ރައްކާތެރިކޮށްދޭ ކަންތައްތަކަށް ޑިމޮކްރަސީގެ ނަމުން ނަންދީ އެނަން ހަރުވެސް ކޮށްފިއެވެ. ވީއިރު އަޅުގަނޑުމެން މީ ކޮންބައެއްތޯއެވެ؟؟ މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިން ކުޑަކަކޫޖަހަން ޖެހިދާނެފަދަ ކަމެއް ކުރުމަށް އަޅުގަނޑުމެންގެ ވެރީން ވިސްނަވާނަމަ އެއީ މޮޔަ ވިސްނުމެކެވެ.

ޙަޤީޤަތާ ކުރިމަތިލުމަކީ ފުދުންތެރިންގެ ސިފައެކެވެ. ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. ރައްޔިތުންގެ މާލިމީއަކަށްވެހުރެ އެރައްޔިތުންނާއެކު ބިޔަކަނޑުތަކުގައި ދަތުރުކުރުމަކީ ފިސާރި ހިތްވަރުހުރެގެން މެނުވީ ކުރެވޭނޭކަމެއް ނޫނެވެ. ޙަޖަމްކުރަން ދަތި އެތިވަރުތައް ހަފަރާތުންމެ ތިމާއާ ދިމާއަށް އަންނާނެއެވެ. އެހެނަސް ލީޑަރުންގެ ކިބައިގައި އަޑުއެހުމުގެ ކެޕޭސިޓީ ހުނާންވާނެއެވެ. އެތެރެއާއި ބޭރަށް ލޯހުޅުވޭންވާނެއެވެ. އިޙްތިރާމް ކުރުމާއެކު ބޮޑު ހިތެއްގެ ވެރިއަކަށް ވާންޖެހޭނެއެވެ.

ހަނދާންކުރާށެވެ. ރައީސް މައުމޫނާއި، ރައީސް ނަޝީދަކީ މި ޤައުމަށް ކިތަންމެ ބޮޑު ލޮޅުމެއްވެސް އަރުވާލެވޭނޭ ދެ ޝަޚުސިއްޔަތެވެ. ކުރީގެ ރައީސުންނެވެ. މިޤައުމު ރަމްޒުކޮށްދޭ ދެ ނިޝާނެވެ. ދެބޭފުޅުންގެ ފަހަތުގައިވެސް އެތައްހާސް ރައްޔިތުންނެއް އެބަތިއްބެވެ. މީގެން ބޭފުޅަކަށް ކުޅެލުމަކީ ޤައުމު ހަލަބޮލިކުރުން ފިޔަވައި އިތުރުކަމެއް ޙާސިލްވާނޭ ކަމެއްނޫނެވެ. ޤައުމުގެ އިސްސަފުގައި މިވަގުތު ތިއްބެވި މައިނޯރިޓީ ވެރީންގެ ޒާތީ އެޖެންޑާގައި ޤައުމު ހަލަބޮލިކޮށްލައިފިއެވެ. އެހެނަސް ރައީސް ނަޝީދު މިވަނީ އެންމެ ފަހުން އެބޭފުޅުންގެ ބޮނދު ބުޑަށް ސައި ކިޔާފައެވެ. ދެން އޮތީ ސައިފިލުވުމަށް ރަމަލުޖަހާ ފާލުބެލުމެވެ. އެހެނަސްގޯ ހޯމް” ކެމްޕޭނުގައި “ޖީއެމްއާރް” ބޭރުކޮށްލިހެން އިންޑިއާ މިޤައުމުން ބޭރުކޮށްލުމަކީ މުޅި އިންޑިއާ ކަނޑު ނުރައްކަލަކަށް ހުށައެޅިގެން ދާނެ ކަމެކެވެ. ޑރ.ވަހީދު ވިސްނަވާންވީ އަޅުގަނޑުމެން އެންމެންނަށްވުރެ މި ޤައުމު ބޮޑުކަމެވެ. ފުރަތަމަ އިސްކުރާންޖެހެނީ ޤައުމީ މަސްލަޙަތުކަމެވެ. ޤައުމީ މަސްލަޙަތު ޙިމާޔަތްކުރާން ބޭނުންނަމަ ރައީސް ނަޝީދަށް މިނިވަންކަމާއެކު މިޤައުމުގައި އުޅުމުގެ ފުރުސަތު ހޯދަދޭންޖެހެއެވެ. ރައީސް މައުމޫނަށް ގޯނާކުރުމުގެ ވިސްނުން އެމްޑީޕީގެ ސަޕޯޓަރުންވެސް ދޫކޮށްލަން ޖެހެއެވެ. އަދި ޑރ.ވަހީދުވެސް މިނިވަން އިންތިޚާބަކަށް މަގުދައްކައި، އެ އިންތިޚާބަށް ގޮވާލާން އެބަ ޖެހެއެވެ. ހަމަ ޤައުމުގެ ޙައްޤުގައެވެ. އަންނާންއޮތް ޖީލުތަކުގެ ޙައްޤުގައެވެ.

ކާމިޔާބީގެ ދަނޑިވަޅަކީ އިރު އިރު ކޮޅުން އަންނަ އެއްޗެއް ނޫނެވެ. އަދި އެ ވަގުތުތައް އަންނާނީ ކުރިން އެވަގުތު އަންނަކަން އިއުލާން ކޮށްފައެއްވެސް ނޫނެވެ. ނަމަވެސް ކާމިޔާބުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. އެވަގުތުގެ ބޭނުން ހިފާން އެނގުނު މީހަކީ ޙިކްމަތްތެރިއެކެވެ. ކުޅަދާނަމީހެކެވެ. ލީޑަރެކެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދުނިޔެ ހިނގާނީ ތޮށަލިދުޅައަށްކަމެވެ. އަބަދުވެސް އެއްފަންވަތް މަތިން އަނެއް ފަންވަތް ދަށުންކަމެވެ. މިއަދު ފިސާރި ފަރި މަލަކަށްވިޔަސް އެމަލުގެ ވަހާއި ކުލަ ގޮސް ތަނޑިން ލުހޭނެކަން ހަނދާންކުރާށެވެ.

Labels

 
;