ލިޔުނީ: އަހުމަދު ޔާމީން
މި ޤައުމުގެ ސިޔާސީ އުދަރެހަށް ފާއްދާލި ކިތަންމެ
ދޯދި ތަކެއް އުދަރެހުގެ ބަނަ ފުސް ވިލާތަކުގެ ތެރެއަށްވަދެ ގެއްލިފައި ވުމަކީ
އިއްތިފާގެކޭ ދަންނަވާހިތެއް ނުވެއެވެ. ރައްޔިތުންނަށްޓަކާ ނުހަނު އިޚްލާސްތެރި
ކަމާއެކު ހެޔޮ ނިޔަތުގައި އުފެއްދި ކިތަންމެ ޕާޓީ އެއް ވާވެ ހަސްނެތިފައި
ވުމަކީވެސް އިއްތިފާގެކޭ ދެންނެވޭކަށްނެތެވެ. ކޮންމެ 5 އަހަރަކުން ރަށްފުށުގެ
ނިކަމެތި ރައްޔިތުންނަށް ތިއްތި މޫނު ދައްކައިގެން އެހެނަސް އެތެރެހަށިން މަލާމާތް
ކުރަމުން އެކި ނަންނަމުގައި ޖެހި ކަޑަތަކަކީވެސް އިއްތިފާގީ ކަމަކަށްވުރެ ބޮޑަށް
ރައްޔިތުން ނިކަމެތިކޮށް ބަލިކަށިކޮށްލުމަށް ރޭވިގެން ހިންގުނު ޖަރީމާ ތަކެއް
ކަމަށް ދަންނަވަންޖެހެއެވެ. ޤައުމަށްޓަކާ ދީނަށްޓަކާ ވަޠަނަށްޓަކާ ކަމަށް ބުނެ
ޤައުމީ ކަނު ލޯބީގައި ރައްޔިތުން ބަނދެގެން ތިބެމެ ރައްޔިތުންގެ ބައިތުލްމާލު
އަންބޮނޑިއަށް ކަހާލުމަކީވެސް އިއްތިފާގެކޭ ނުބެނެވޭނެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން ޖާގަ ހޯދި ޒުވާން
ފަހުލަވާނުން ފަހަތައް ޖައްސާލުމަށްފަހު މާޒީގެ އަނދިރި އަނދިރީންގެ 30 އަހަރުގެ
ލަޝްކަރު އަލުން ނިކުމެ ސިޔާސީ މައިދާނުގައި ވަކި ހިއްޕަމުންދަނީ ބިރުވެރި
ހަލުވިމިނެއްގައެވެ. ރައްޔިތުންގެ ބުރަ މަސައްކަތުން ސިޔާސީ މައިދާނުގެ
"ސައިޑެއްގައި" މަޑުކުރުވާފައި ތިބި "އަނދިރި ތިރީހުގެ"
ޚާއިނުންތައް "ޓަކާ" ގްރޫޕްތަކުގެ ނިވަލުގައި ތިބެ މި ޤައުމުގެ ދުސްތޫރީ
ނިޒާމަށް ސީދާގޮތެއްގައި ނުފޫޒު ފޯރުވުމުގެ މަސައްކަތާއިގެން މިއަދު
މެކުހައްޖަހައިފިއެވެ. އަޅުގަނޑު ކަންބޮޑުވަނީ ސިޔާސީ ގޮތުން މާ
ތަޖުރިބާހުރިކަމަށް ދަޢުވާކުރައްވާ އަދި ހިތްޕުޅު އެހާމެ ޒުވާން ކަމަށް ވިދާޅުވާ
ޢުމުރުފުޅުން 75 އަހަރު ކަމަށް އިޢުލާން ކުރެއްވި، ޢުމުރު ޔަޤީންނުވާ "ބައްޕާފުޅަށްޓަކާ" މި
ޙުއްބުލް ވަޠަންގެ ޤައުމިއްޔަތުގެ އެންމެހާ ބަހާތައް ފުނޑު ފުނޑު ކޮށްލުމަށް
ދިވެހި ލޭހިނގާ ކިތައްމެ ޒުވާނުންނެއް މިއަދު މަސައްކަތް ކުރަމުން ދާތީއެވެ.
ދިވެހިންގެ އަތުން ދިވެހިންގެ ޤައުމު ހަލާކުކޮށްލުމަށް "އާއުސްމިންތަކުގެ
ޒަޢީމް" ކުޅުއްވާ ގޭމްގެ ނުރައްކާތެރިކަން ނުވިސްނޭ ސިޔާސީ ޅަ ސިކުނޑިތަކުގެ
ނުކުޅެދުންތެރި ކަމާއެވެ.
ވިސްނަވާށެވެ. މަލްޓިޕާޓީ ޑިމޮކްރަސީގެ ނިޒާމަކަށް
މި ޤައުމު ކުރި ދިގު އުނދަގޫ ދަތުރުގައި އެނޫން އެހެން ގޮތެއް ނެތިގެން
މަޖުބޫރުވެގެން މި ޤައުމުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ޖެހުނީ
އެމްޑީޕީ ގެ ލީޑަރޝިޕާއި، އެކްޓިވިސްޓުންގެ މިންނެތް މަސައްކަތުންނެވެ. ޢަދާލަތު
ޕާޓީ ވިޔަސް ދިވެހި ޤައުމީ ޕާޓީ ވިޔަސް އަދި ޕީޕީއެމް ވިޔަސް މިއަދު ދިވެހި ސިޔާސީ
ވެށީގެ ތެރެއަށް ނޭވާލުމުގެ ފުރުސަތު ލިބިފައިވަނީ ތިޔަ ވިދާޅުވާ
"ލާދީނީ" އެމްޑީޕީ އިން ލަދު ޙަޔާތް ކަނޑާލުމަށްފަހު ސިޔާސީ ޕާޓީ
އުފެއްދުމަށް އޭރުގެ ސަރުކާރަށް ކުރި ޕްރެޝަރުގެ ސަބަބުންނެވެ. އެދުވަހު ސިޔާސީ
މައިދާނުގައި ފިޔަޖަހަމުން އައި އުންމީދީ ކިތައްމެ ތަރިއެއް މައުމޫންގެ ކެހިވެރި
ރޭވުމުގެ ދަށުން މިއަދުވަނީ ބަސްނުވިކޭ އަދި ގަދަކަނޑެއްގައި އެކީގައި
ދަތުރުކޮށްލުމަށް އަމުދުން ކަމުނުދާ އޮޑި ތަކަކަށް ހަދާފައެވެ. އެކަތިގަނޑެއްގެ
ގޮތުގައި ތިރީހުގެ އަނިޔާވެރިންނާ ދެކޮޅަށް ނިކުތް ވަރުގަދަ ބިޔަ ލަޝްކަރުގައި
ރެނދުލެއްވީ ސީދާ މައުމޫނުގެ ރޭވުމުންނެވެ. ސިޔާސީ ޒުވާން ލީޑަރުން ވިއްސި ވިހާލި
ކޮށްލައި ކޮންމެ ލީޑަރެއްމެ އެމީހަކު އުފެއްދި ޕާޓީއަކާއެކު ކަނޑުގެ ބިޔަ
ރާޅުތަކުގެ ތެރޭގައި ޣަރަޤުވާނޭ ވަގުތެއްގެ އިންތިޒާރުގައި ދިރިހުރުމާއި މަރާއި
ދެމެދު ހަނގުރާމަ ކުރަމުން ދަނީއެވެ. މައުމޫނުގެ "ހިޔަޅު" ވިސްނުމާމެދު
މި ޤައުމުގެ ޒުވާން ލީޑަރުން ވިސްނާ ވަޑައިގަންނަވަންވީ ވަގުތު އަދިވެސް
ނުޖެހެނީތޯއެވެ؟
އެއީ އެދުވަހެވެ. 7 އަހަރު ފަހުން މިއަދު ސިޔާސީ
ޕާޓީތަކުގެ ޤާނޫނެއް ވުޖޫދު ވުމުގެ މަގުމަތީގައި އުޅޭއިރު މުޅިން ތަފާތު
ވިސްނުމެއްގައި 30 އަހަރުގެ އަނިޔާވެރިންގެ ފަހަތަށް ވަދެ ތިބި 3000 މެމްބަރުން
ހަމަނުވާ އަދި ހަމަ އެހެންމެ ލީޑަރޝިޕް ކަށަވަރުނުވާ އަމިއްލަ އެދުމުން
ފޯވެފައިތިބި ތަފާތު ޕާޓީތަކުން ގަދަބަސް ބުނެ ތިމާމެންގެ ޕާޓީގެ ޙައްޤުތައް
ގެއްލޭ ވާހަކަ ދައްކަވާއިރު ، ކޮންމެ ހައްޤަކާ ގުޅިގެން ހަމަތަކަކާއި އުސޫލުތަކެއް
އެމުނި އެކުވެފައިވާކަން ނުވިސްނޭކަމީ ލަދު ކަމެކެވެ. އަދި ހަމަ އެހެންމެ
އުސޫލުތަކާއި ހަމަތަކުގެ ތެރޭގައި އުޅެންޖެހުމަކީ ހައްޤުން މަހްރޫމްވުން ކަމުގައި
ބެލެވޭނެ އިންސާނީ އުސޫލެއް އަޅުގަނޑަކަށް ނުވިސްނުނެވެ. ޙައްޤަކީ ފުޅާ ކުރެވޭ
ބީދައިން ހަނިވެސް ކުރެވޭ އެއްޗެކެވެ. އެކަން ކުރެވެނީ ގާނޫނަކުންނެވެ. ސިޔާސީ
ޕާޓީތަކުގެ ބިލެއް ފާސްކުރީ އެ އިންތަކާއި މިންތައް އެކަށަ އެޅުމަށްޓަކައެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ
ސިޔާސީ ޕާޓީތަކުގެ ބިލްގެ ސަބަބުން އެއްވެސް މީހެއްގެ ނުވަތަ ޕާޓީއެއްގެ ޙައްޤަށް
އުނިކަމެއް އަތުވެދާނޭ ކަމަށް ބަލާނޭ ޖާގައެއް ނެތެވެ. އެހެނީ އެމީހެއްގެ ޤާބިލްކަން
ހުރިނަމަ މިހާރުވެސް ސިޔާސީ ޕާޓީ އުފެއްދުމުގެ ފުރުސަތު އެބަ އޮތެވެ. 10،000
މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެ ޢަދަދަށް މެމްބަރުން ހަމަ ކުރުމަށް 3މަސް
ދުވަސް އެބަ ލިބެއެވެ. ދެންވެސް ބޮޑާ ނުހާކާ 10،000 މެމްބަރުން ހަމަކޮށްލަން
އުޅެމާ ބަހީއެވެ. އެހެނަސް ޝެއިޚް ޢިމްރާން އާއި، ޑރ ޙަސަންގެ ކިބައިގައި 10،000
މެމްބަރުން ހަމަކޮށްލާނޭ ޤާބިލްކަން ނެތުމަކީ ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީޤު
ނުކުރުމަށް ވަހީދު ހަސަން މަނިކަށް އޮތް ޢުޒުރެއް ނޫނެވެ. އަޅުގަނޑު ހިތުން ސިޔާސީ
ޕާޓީ އުފެއްދުމާ ދެމެހެއްޓެނިވި ގޮތަކަށް ޕާޓީތައް ހިންގުމުގެ ޙައްޤަށް އުނިކަން
އައިކަމަށް ކަނޑައެޅޭނީ ސިޔާސީ ޕާރޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ޢަދަދަކީ
ރާއްޖޭގައި ތިބި އެކަމަށް ޝަރުތު ހަމަވާ މީހުންގެ ޢަދަދައްވުރެ އިތުރު އަދަދަކަށް
ވާނަމައެވެ. މާޒީއަށް ބަލާއިރު ވޭތުވެދިޔަ 7 އަހަރުވެސް އެކަނި ފަރުދަކަށް ސިޔާސީ
ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ފުރުސަތެއް ނެތެވެ. ފަހަރުގައި ލަވަ ޕާޓީ އެއް
ރަޖިސްޓްރީ ކުރެވިދާނެ ތޯއްޗެކެވެ. ޔަޤީނުންވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ
ކުރެވެނީ 3000 މެމްބަރުން ހަމަވުމުންނެވެ. ވީއިރު އެދުވަހު އެވިދާޅުވާ ޙައްޤުތައް
ނުގެއްލިފައި ކުއްލިއަކަށް މިއަދު އެޙައްޤުތައް ގެއްލެންވީ ކީއްވެބާއެވެ؟ އަދި އެ
ވިދާޅުވާ ރައްޔިތުންގެ ތާޢީދާއި، ރުހުން ލިބިފައިވާނަމަ ޑރ ޙަސަން އަށާ ޝެއިޚް
އިމްރާން އަށް މިއަދު 10،000 މެމްބަރުން ހަމަ ނުކުރެވެންވީ ސަބަބެއް އަޅުގަނޑަށް
ހަމަ އުޅެ އުޅެ ނުވިސްނުނެވެ.
އަޅުގަނޑުވެސް އެއްބަހެވެ. އަޅުގަނޑުގެ ފުންނާބު
ވަރަށް ތިރިއެވެ. އެހެނަސް ޚިޔާލު ފާޅުކުރުމުގެ އިމުގެ ތެރޭގައި އަޅުގަނޑުގެ
ވިސްނުން ވެސް ހާމަކޮށްލާނަމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤާނޫނު އަސާސީގައި
ވަކިޙައްޤެއް ކަނޑައެޅި ބަޔާންވެފައި ވުމަކީ އެ ޙައްޤެއް ކޮންމެ ރައްޔިތަކަށް އޭގެ
ޒާތުގައި ފުރިހަމަވުން ލާޒިމް ކުރެވޭނޭ ކަމެއް ނޫނެވެ. މިސާލަކަށް ސިޔާސީ ޕާޓީ
އުފެއްދުމާއި ، ސިޔާސީ ޕާޓީއެއްގައި ބައިވެރި ވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް
ލިބުމުގެ މާނައަކީ އެކަމާއި ގުޅޭގޮތުން އުފައްދާ ޤާނޫނަކުން ޤާނޫނު އަސާސީގައި
ބުނެވިދިޔަ ޙައްޤަށް އިންތަކަކާއި މިންތަކެއް ކަނޑައެޅުމަށް ހުރި މަގުތައް
ބަންދުވުމެއް ނޫނެވެ. ޙައްޤު ލިބިދީފައިވިޔަސް އެމީހެއްގެ ޤާބިލްކަމާ ހިތްވަރުން
ނޫންގޮތަކަށް ހާސިލް ނުކުރެވޭ ކިތަންމެ ޙައްޤެއް ޤާނޫނު އަސާސީގައި ކަނޑައެޅި
ބަޔާންވެގެންވެއެވެ. މިސާލަކަށް ކިޔެވުމާ ވިޔަފާރިކުރުންފަދަ ކަންތައްތަކަށް
އެންމެންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންވާކަމަށް ޤާނޫނު އަސާސީގައި
ބަޔާންވެގެން ވާއިރު ހަމަ ގައިމުވެސް އަޅުގަނޑު އަދި ބޮޑު ވިޔަފާރިވެރިއަކަށް
ނުވެއެވެ. އަދި ހަމަ އެހެންމެ ޕީ.އެޗް.ޑީ އެއްވެސް ނުވަތަ ޕްރޮފެސަރެއްގެ ދަރަޖައެއްވެސް
ނުލިބެއެވެ. ވީއިރު މިކަމުގައި ކުށްވެރި ވަނީ ޤާނޫނުތޯއެވެ؟ ނޫނީ އަޅުގަނޑުގެ ޤާބިލްކަން ނެތްކަމުގެ ޒިންމާ އަޅުގަނޑު
ނަގައިގެން ހުންނާނީތޯއެވެ؟ ހަމަ
ގައިމުވެސް އެކަމުގެ ޒިންމާ އޮތީ އަޅުގަނޑަށް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.
ވީއިރު ސިޔާސަ ވެގެން އުޅުއްވާ ސިޔާސީވެރިން ކޮންމެ
ކަމެއް "ޑރ ހަސަންގެ ކޯޓަށް ދިއުމާ" ހަމައިން ނިންމަވަން މި އުޅުއްވަނީ
ހަމަ ޤާބިލްކަން ނެތީމާކަމަށް އަޅުގަނޑުގެ ކޮށި ސިކުނޑިއަށްވެސް އެބަ ވިސްނެއެވެ.