ލިޔުނީ: އަޙްމަދު ޔާމީން
އެރޭ ހާދަ ރުއިމެވެ.
ހަނދާންވަނީ އެ މަންޒަރެވެ. 13 މާރޗް 2015 އެވެ. ކަންފަތުގައި ގުގުމަނީ އެ
ބަސްފުޅެވެ. "ހުރިހާ ބޭފުޅުންވެސް ހިތްވަރު ގަދަ ކުރައްވަން" ކުރެއްވި
އިލްތިމާސެވެ. ހަވާ ފަޓާސް ބަރިއެއްހެން ހިންގުނު ޝަރީޢަތެވެ. މެންދަމު އިއްވުނު
ބޭއިންސާފު ޙުކުމެވެ. 13 އަހަރުގެ ކުޑަގޮޅިއެވެ. ޖޯޝާއެކު އުފުލަމުން ދިޔަ އަޑު
ކަރު ބުޑުގައި ތާށިވިއެވެ. އިތުރަށް އަޑު ބޭރުވާގޮތެއް ނުވިއެވެ. އަތުގައި އޮތް
"ފްރީ ޕްރެޒިޑެންޓް ނަޝީދު" ޕޯސްޓަރ ބިންމައްޗަށް ވެއްޓުނީ އިޚްތިޔާރުން
ބޭރުގައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ފުހެމުން މިސްރާބު ޖެހީ ގެއާ ދިމާލަށެވެ.
ހިތަށް އެރިއެވެ. މި
ނިމުނީއެއް ނޫނެވެ. ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެވެ. ދިވެހިންނަށް
އެމަނިކުފާނު ހެޔޮ ވެރިކަމެއް ކޮށްދެއްވާނެއެވެ. މިއަދު އެމަނިކުފާނަށް
ބޭއިންސާފުވީ ފަރާތްތަކަށް ހެޔޮވިސްނޭނެ ދުވަހެއް އަންނާނެއެވެ. އެދުވަސްވެސް
ދިވެހިން ދެކޭނެ ކަމަށް ޔަޤީން ކުރަމުން މާތްﷲ އަށް ވަކީލް ކުރާ ޙާލު ގެއަށްވަދެ ސޯފާގައި
އިށީންދެ ފޯނުނަގާ ޓްވީޓް ކުރަން ފަށައިފީމެވެ.
އެހެން ދުވަހެކެވެ.
މެންދުރު ގެޔަށް ކާންވަނީ ބަނޑުހައިވެފަ ހުރިލެއް ބޮޑުކަމުންނެވެ. ބެލްކަނިން ބޭރު
ބަލާލީމެވެ. މިނިވަން ފަންސާހަށް މާލެތެރެ ތައްޔާރުކުރަމުންދާ މަންޒަރު ފެނުމުން
އެވީ ފޫއްސެއް ބުނެދޭންވެސް ނޭންގުނެވެ. ކާމޭޒު ކައިރީ އިށީންދެ ތަށިތަކުގެ
މަތިނަގަން ފެށީމެވެ. އަސްތަޣްފިރުﷲ! ބޮނޑިބަތެވެ. ހުރިހާ ތައްޓެއްގައި
ބޮނޑިބަތެވެ. ރިމޯޓްނަގާ ޓީވީ ހުޅުވާލީމެވެ. އިންތިޚާބުވިޔަސް ރައީސް ނަޝީދަށް
މަޤާމު ޙަވާލު ނުކުރަން ވަޢުދުވި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް
މަޖިލީހުގައި ނެގުމަށް ތައްޔާރުވަނީއެވެ. ބަލަބަލާ ހުއްޓާ ފަތުއަޑުކިޔާފަ އެއޮށް
ފާސްކޮށް ނިންމާލީއެވެ. ބޮނޑިބަތް ގަނޑުގެ ފޮނި މަޑުވެ އަމުދުން ކާން ނުކެރޭވަރު
ވީއެވެ. ރައީސް ނަޝީދަށް އަމާޒުކުރި ގޮވެލިފަތި ތިމާއަށް އަމާޒުވެ އިންތިޚާބު
ވުމުންވެސް ގޮނޑި އަތުލީއެވެ. އެއްޗެއް ވިސްނޭނެ ކަމަށް އުއްމީދު ކުރަމެވެ. އަދި
ހިތާމައިގައި ބައިވެރިވަމެވެ.
ދެން އިވެންފެށީ މާ
ބިރުވެރި އަޑެކެވެ. މާބާރުގަދަ ބޮޑުވަޒީރަކު ނައިބުރައީސްކަމަށް ގެންނަން ނިންމި
ޚަބަރެވެ. މަޖިލިސް މެމްބަރުން ރެއެއް ދުވާލެއް ނެތި އެ ނައިބު ރައީސް ޕްރޮމޯޓް
ކުރުމުގައި އުޅުއްވާ މަންޒަރެވެ. އެކަކު ބުނެއެވެ. އެއީ ޚާލިދު ބިން ވަލީދެވެ.
އަނެކަކު ބުންޏެވެ. އެއީ ކޮންމެ ސަރުކާރަކަށްވެސް ލިބޭނެ ރަންގަނޑެކެވެ. ދެން ހުރި
މީހާ ބުނާއަޑު އިވުނެވެ. އެއީ ތިމަންނަމެން ޕާޓީ ހިންގުމަށް ޗަންދާ ހޯދައިދޭ
ބޭފުޅާއެވެ. ހިތަށް އެރިއެވެ. ކިހާވަރަކުން ދާނެބާވައެވެ.
މުޅި މަޖިލިސް އެކީ
އެކައްޗަކަށް ފޫގަޅައިގެން ނިކުމެ މިނިވަން ފަންސާހަށް ނިކަން ބިޔަ ނައިބު
ރައީސްއެއް ގޮނޑީގައި ވަޑުވައިފިއެވެ. މުޅި ޤައުމު "ސްޓްރެސް ފްރީ"
ވީކަމަށް ނިންމާ ސިއްކަ ޖަހައިފިއެވެ. ދެނަކާ ދެނެއް ނެތެވެ. ބިޔަ ނައިބު ރައީސް
ފުލުފުލުން އިދިކޮޅު ފަރާތްތަކަށް ނިސްބަތްކޮށް ގަދަބަސް ވިދާޅުވުން އުފަލަކަށް
ހައްދަވައިފިއެވެ. ޔެލޯފީވާ ނައްތާލަން ވައިރަސް ތަކެއް މުޅި ރާއްޖެއަށް ދޫކޮށްލަނީ
ކަމަށްބުނެ މަހާރެހެންދި ރުއްސަން މަހާސިންތާގެ ނަމުގައި އެރޮބިކްސް ކްލާސްތަކެއް
ވެސް ހިންގައިފިއެވެ. ރައީސް ޔާމީން އަތްޕުޅު ޖައްސަވަނީއެވެ. ސިއްދީޤު އާއި
އައްބާސް އާދިލް ރިޒާ ނަށްޓަވަނީއެވެ. ވާހް ސަރީ ވާހް!
ވިސްނާލީމެވެ.
މިވެރިން މިހާވަރަކުން މިއުޅެނީ ކާމިނީ ޢާއިލާގެ ހިޔަޅުކަން އަދި ނޭންގެނީއެވެ.
ބޮކި ނައިބުރައީސް ބޮތްކެއްހެން ފަޅާވެސް ލާނެއެވެ. ކަންތައްވީ ހީކުރެވުނު
ގޮތަށެވެ. ޚާލިދު ބިން ވަލީދު ގެ ލަޤަބް އަބޫ ޖަހުލުގެ ލަޤަބަށް ބަދަލުކޮށް
މިނިވަން ދުވަހަށް ގެނައި ނައިބުރައީސް ޖުމްހޫރީ ދުވަހަށް ބޭރުކުރާނެކަން އިޢުލާނު
ކޮށްފިއެވެ. އެންމެ އިޚްލާސްތެރި ބްރޯ ބޮޑު ޓެރަރިސްޓަކަށް ވީޔޯލައެވެ. ފިނިފެންމާ
ދޯނީގައި އެގޮވި އެއްޗެއް ގޮވައި ވަޔަށް އަރައިގެންދިޔަ ހަވާ ފަޓާސް ގަނޑެއް
ގޮތަށް ބްރޯވެސް ވަޔަށް ބުރައިގެން ދިޔައީއެވެ. އެންމެ 107 ދުވަހުގެ ތެރޭގައި
ހުރިހާ އާރަކާއި ބާރެއް ގެއްލި ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާން ޖެހުނީއެވެ.
ސަނާ ކިޔަމުން ފަހަތުން ދުވި އެންމެންގެ އަތުން ގްރީން ބަޓަނަށް ޕްރެސްކޮށް
އިމްޕީޗްކޮށް ނިންމާލީއެވެ. ހެއްދެވި ނުހެއްދެވިއަށް ގޮވީއެވެ. އިންސާނިއްޔަތު
ކަމުގެ ބަހެއް ބުނެލީ ހަމައެކަނި އެއްކަލަ އެމްޑީޕީ އިންނެވެ. މާތް ﷲ ގެ ކުޅަދުން
ވަންތަ ކަމެވެ.
ދެން ކުރިމަތިވީ
މާބޮޑު ކަމެކެވެ. ރައްޔިތުންގެ މަޖިލިސްކުރާގޭ ކައިރިއަށް ނޫސްވެރިން އެއްވެ
އުޅޭތީ ވާގޮތެއް ބަލާލަން ކައިރިއަށް ޖެހިލީމެވެ. ރޭގަނޑު ކަމަށް ވުމުން
މަޖިލީހުގެ ޖަލްސާއެއް ނޯންނާނެތާއެވެ. މިހާ ޑިމޮކްރެޓިކް ވެރިކަމެއް އޮންނަ
ޤައުމެއްގަ ކުއްލި ކުއްލި އަށް އުސޫލު ބަދަލުވިޔަސް މަޖިލިސް މެމްބަރުން ވަރަށް
އިޚްލާސްތެރިވާނެތާއެވެ. ކުއްލިޔަކަށް ފެނުނީ ގުންފައި ޖަހާފައި ނިކަން
ފުންނާބުއުސް ބޭފުޅަކު ނިކުމެ ޝަކުވާ ކުރައްވަން ފެއްޓެވި މަންޒަރެވެ. ޖަވާބު
ދާރީވާން ފުރުސަތު ނުދިނީޔޯލައެވެ. މައްސަލަ ހުށައަޅާ 12 ގަޑީއިރު ތެރޭ ރާސްޓަސް
ކިޔާ މައްސަލަ ނިންމާ މަޤާމުން ބޭރުކޮށްލަނީ ކަމަށާއި، މީ ބޭއިންސާފު ކަމަށް ވިދާޅުވެއްޖެއެވެ.
ކާކުތޯ ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ރައީސް ނަޝީދަށް ބޭއިންސާފު ދަޢުވާކުރި
ޕީޖީ އެވެ. ވައިސޫރިއެއްހެން މަޤާމު ގެއްލުނީއެވެ. ދަންވަރު ރައީސް ނަޝީދަށް
ހުކުމް އިއްވަން މައްސަލަ ހުށައެޅުއްވި ޕީޖީ ދަންވަރު މަޤާމުން ބޭރުކޮށް
އެއްލާލީއެވެ. މާޟީ އިޢާދަވީއެވެ. ރައީސް ނަޝީދަށް ބޭއިންސާފުވީ މީހުން، ފަހަރަކު
މީހަކު މިދަނީ އެ ބޭއިންސާފުގެ ހިތިކަން ދެކެމުންނެވެ. އެބޭފުޅުން އެބޭފުޅުންނާ
ނަގޫ ގޮށްޖެހި ވަފާތެރިންނާއި، ބޭވަފާތެރިން އެބޭފުޅުންނަށް ވެސް އޮޅި ހަމަ
ރަނގަޅަށް އަތަށް ގޮވައިފިއެވެ. ކުރާނެކަމެއް ނެތެވެ. ވާންހުރި ގޮތްވެ ނިމޭނެއެވެ.
ޝުކުރު ކުރުން ހެޔޮވާނެއެވެ.
0 comments:
Post a Comment