21 January 2016

Intel Report


ލިޔުނީ: އަބުދުﷲ ޔާމީން

މައްސަލައެއްގައި ތުހުމަތުކުރެވި ހައްޔަރުގައި އިނުމަށްފަހު ތަހުގީގު ނިމުނުކަމަށްބުނެ ކޯޓަށް ގެންދާމީހާގެ ޝަރީއަށް ކުރިއަށްގެންދާއިރު، ފުލުހުންގެ ފަރާތުން ހުށައަޅާ ހެއްކެއްގެ ގޮތުގައި ގެންނަ ކޮމާކޯޅިއެއްގެ ތެރޭގައި އިންނަ، "އިންޓެލް ރިޕޯޓް"އަކީ މިއަދު ދިވެހިންނަށް ވަރަށް އާންމުއެއްޗެކެވެ. އިންޓެލް ރިޕޯޓްގެ ނަމުގައި ތުހުމަތު ކުރެވި ހައްޔަރުވާ މީހާގެ ނިމުން ވާނުވާ ނޭންގޭ ކޮމާކޯޅިއަކަށް ލާންޖެހޭ މައްސަލައަކީ ދިވެހިން މިއަދު ކަންބޮޑުވާންޖެހޭ ކަމެކެވެ.

އިންޓެލް ރިޕޯޓަށް ބިނާކޮށް ކަމެއް ނިންމައިފިނަމަ، ގިނަފަހަރަށް ރައްޔިތުންނަށް އެކަންކަން ހާމަކުރެވޭނީ އެކަމެއް ނިމި ހަމައަކަށް އެޅުމުނެވެ. ނުވަތަ އެކަން ބަލަންޖެހޭ ވަރަށް ބަލާ ނުރައްކަލެއް ނެތްވަރަށް އެކަން ހަންމަތަ ކުރެވުމުނެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ކަންހިނގަނީ މިމަގުނެވެ. ރައްޔިތުންނަށް އެކަން އިނގޭހިސާބުން އެކަމަކީ އިންޓެލްގެ ކަމަކަށްނުވާނެއެވެ. އެވާނީ ހާމަވެފައިވާކަމަަކަށެވެ. އެމައްސަލައަކަށް ހިންގޭނީ މިނިވަން ތަހުގީގެކެވެ. މިއުސޫލުން ދުނިޔެ ހިނގާއިރު، މިކުޑަ ދިވެހިރާއްޖޭގައި މިކަންވެސް މިވަނީ ބަދަލު ކުރެވިފައެވެ. ރައްޔިތުންނަށް އިނގިގެން ހިންގޭ ތަހުގީގާއި ބޭއްވޭ ޕްރެސްތަކަށް ފަހުވެސް މިބޭފުޅުން ކުރިއަށް ގެންދަވަނީ ހަމަ "އިންޓެލް" މަސައްކަތެވެ. އެންމެނަށް އިނގޭ ބޮޑުސިއްރެއްގެ ގޮތުގައެވެ.

ޝައްކެއްނެތެވެ! ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި އިންޓެލް މައުލޫމާތު ތަކުގެ މައްޗަށްބިނާކޮށް ޖަރީމާތަށް ހުއްޓުވިފައި އެބަހުއްޓެވެ. ޤައުމުގެ ސަލާމަތަށް ނުރައްކާވާ ބޮޑެތި ޓެރަރިޒަމްގެ އަމަލުތަށް ހުއްޓުވާ އެފަރާތްތަކާ މެދު ފިޔަވަޅުއެޅިފައި އެބަހުއްޓެވެ. އިންޓެލް މައުލޫމާތަށް ބިނާކޮށް ވެރިން ކަންކަމުގައި ގޮތްނިންމާ އެމައްސަލަތަކަށް ހައްލުގެނެސް އެކަންކަން ރައްޔިތުންނަށް ހިއްސާކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް މިހުރިހާ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ނިންމާ ޝަރީއަތަށް ދާއިރު، "އިންޓެލް ރިޕޯޓަށް" ބިނާކޮށް އެއްވެސް މީހެއްގެ މައްޗައް ދައުވާއެއްކޮށްފައެއް ނެތެވެ. އެމީހުންގެ މައްޗަށް ދައުވާކުރެވެނީ އިންޓެލް ރިޕޯޓުގެ އެހީގައި ހިންގޭ ތަހުގީގުން ލިބޭ ހެކީގެ މައްޗަށް ބިނާކޮށެވެ. އެހެންނަމަވެސް މިރާއްޖޭގައި މިހާރު ގިނަ ޝަރީއަތްތަށް ނިމިގެންދަނީ ކޮމާކޯޅީގައި އިންނަ އިންޓެލް ރިޕޯޓަށް ބިނާކޮށެވެ.

އެވެސް އޯކޭއެވެ!! އިންޓެލް ރިޕޯޓަށް ބިނާކޮށް ޝަރީއަތްވެސް ނިންމަންވީއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުން ކަންކަން ނިންމާގޮތާ ރާއްޖޭގެ ކަންކަމާ އަޅާ ހަމަކުރާ ބޭފުޅުންނަށް ގޮތްނިންމުމަށް މިކަންވެސް ދޫކޮށްލާނަމެވެ.

ދެންއުފެދޭ ސުވާލަކީ މިބޭފުޅުން މިގެންގުޅޭ އިންޓެލް އަކީ ކޮބައިކަމާމެދު އުފެދޭ ސުވާލެވެ. އަވަށްޓެރި އިންޑިޔާގައި ރޯ އޮވެއެވެ. ޕާކިސްތާނުގައި އެސް.އީ.ސީ.ޕީ ހަރަކާތްތެރިވެއެވެ. ރާއްޖޭގައި ހަރަކާތްތެރިވަނީ ޖުމްހޫރީމައިދާނުގައި އިންނަ، ގަޑިއިރަކުން އެއްފަހަރު ސިފައިންގެއަށް ވަދެ ނިކުމެ ހަދާ ތުނބުޅިލީ މީހާބާއެވެ. ނޫނީ ޔޫޓިއުބް.ކޮމް ބާއެވެ. ނޫނީ ރައީސް ޔާމީނުގެ ހުވަފެފުޅު ބާއެވެ. ނޫނީ ރާއްޖޭގެ އިންޓެލްއަށް ކަމެއް އިނގެނީ ކަމެއް ހިންގާ ނިމުމުން ބާއެވެ. ތަންތަން ބަލާފާސް ކުރުމަށްޓަކާ ގެނެވޭ ކޯޓު އަމުރުގައި އިންޓެލް މައުލޫމާތެއްގެ ގޮތުގައި ޔޫޓިއުބް.ކޮމް އިނުމަކީ ޖޯކެއްކަން ޔަގީނެވެ.

މިދަރަޖައަށް ކަންތަށް ދިޔުމުން ރައްޔިތުންގެ ހިތުގައި އިންޓެލްއާ ދޭތެރޭ ސުވާލު ނުއުފެދި ނުހުންނާނެކަން ކަށަވަރެވެ. ނިދާހޭލާ ގޮތަށް ރައީސް ދެއްވާ ޕްރެސްގައި، އިންޓެލް މައުލޫމާތު ނުލިބޭތާ 3 މަސްވެއްޖެކަމަށް ބުނުމަކީ ޖޯކެކެވެ. އެހެންނަމަވެސް އެ މައުލޫމާތު ނައިބު ރައީސް ނިދާ ގޮދަޑި ދަށުގައި ހުރުމަކީ އިންޓެލް ރިޕޯޓް ތައްޔާރު ކުރެވޭ މަރުކަޒާ ދޭތެރޭ އަދި އެ އިންޓެލް ރިޕޯޓާ ދޭތެރޭ ވެސް ސުވާލުކުރަންޖެހޭ ކަމެކެވެ. ފުލުހުންގެ މަރުކަޒު ހިންގުމަށް ނައިބުރައީސް ފައިސާ ދެއްވަނީ، ބަދަލެއްގެ ގޮތުގައި އިންޓެލް ރިޕޯޓް ލިބޭ ގޮތަށް ހަމަޖެއްސިފައި އޮންނަ ސިސްޓަމެއްގެ ތެރެއިން ކަމަށްވާނަމަ، ޤައުމުގެ ސަލަމަތީ ހިދުމަތްތަކުގެ ފެންވަރާއި މެދު ސުވާލު ނުއުފަށްދަންވީ އެއްވެސް ސަބަބެއް ނެތެވެ.

ރިޕޯޓާއި މެދު އަދި ރިޕޯޓް ނެރޭ މަރުކަޒާމެދު ސުވާލުކުރަނީ ރައްޔިތުމީހާ އެކަނިއެއްނޫނެވެ. ހުދު "މިރައީސް" ވެސް ހުންނެވީ މިމައްސަލައިގައި ކޮމާކޯޅިއެއްގެ ތެރޭގައިކަން ޔަގީނެވެ. ކޮމާކޯޅީގައި އިންނަ "އިންޓެލް ރިޕޯޓް"ގެ މައްސަލައަށް ރައްޔިތުން ހައްލެއްހޯދަންވެއްޖެއެވެ. "އިންޓެލް ރިޕޯޓު"ން ރައްޔިތުމީހާއަށް ލިބޭ އިންޓެލް ގެއްލުމަށް ހައްލެއްނުހޯދާ މިބިރުވެރިކަމުން ސަލާމަތްވެވޭކަށް ނެތެވެ. ޤައުމީ ސަލާމަތަށް ނުރައްކާވަނީ ރައްޔިތު މީހާ ބުނާ ބަހަކުން ނުވަތަ ރައީސްގެ ހުވަފެންފުޅަކުން ކަމަށް ވާނަމަ މިކަންކަމަކީ ނިމުން އަންނަން ވެއްޖެ ކަންކަމެވެ. ސިސްޓަމްގެ މައްސަލައެއްކަމަށް ވާނަމަ ސިސްޓަމްވެސް އިސްލާހުކުރަންވީއެވެ. ރައްޔިތުންގެ މަޖިލީހާ ކޯޓުތަކާ މިނިވަން މުއައްސަސާތަށް ބަނޑުދަށުލައިގެން ވެރިކަންކުރައްވާ، ވެރިކަމަށް ބަގުޑިބައްދަވާ މިރައީސަށް މިކަންކަމަށް ހައްލެއް ހޯދުން އުދަގޫކަމަކަށް ވެގެން ނުވާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ!

 

0 comments:

Post a Comment

Labels

 
;