29 August 2012 10 comments

ބަޣާވާތާ ދެކޮޅަށް ނުނިކުގެ ޓީވީ ބަލަން ގޭގައި ތިބެންޏާ ޕޮލިސް ސްޓޭޓެއްގައި އުޅެން ތައްޔާރުވޭ





ލިޔުނީ: އަޙްމަދު ޔާމީން


އެކުވެރިންނޭވެ. ޙުއްބުލް ވަޠަންގެ މާތް ރޫޙާނީ ގުޅުންތަކުގެ މައްޗަށް ވިސްނާ ފިކުރުކުރުމަކީ މާތް ކަމެކެވެ. ދަރުމަވެރި ކަމެކެވެ. ޤައުމީ ނަޒަރަކުން ވިސްނާއިރު ޙަޤީޤީ ޤައުމިއްޔަތަކީ އެންމެ މީހަކު، ދެމީހެއްގެ މިންނަތުން ޙާސިލް ކުރެވޭނޭ ކަމެއްނޫނެވެ. ވަގުތާއި ޙާލަތު ތަދުބީރުކުރާ ކޮންމެ ގޮތަކީ ތިމާ އެންމެ ހިތްހަމަޖެހޭ ގޮތް ކަމަށް ނުވެދާނެއެވެ. އެހެނަސް "ނުރޯ ދަރިއަކަށް ކިރު ނުލިބޭނޭ" ކަމަށް އަޅުގަނޑުމެންގެ ކާބަފައިން ބުނެފައިވަނީވެސް ގައިމު ކަމެއް ވެގެންތާއެވެ. މިނިވަންކަމުގެ ޙަޤީޤީރަހަ ލިބުމަށްއެދި އަޅުގަނޑުމެންނަށް ގޭގައި މަޑުމަޑުން ތިބެވޭކަށްނެތެވެ. އަވަހަށް ނިކުންނަވާށެވެ. އެބޭފުޅަކަށް ކުރެވުނުގޮތަކަށް ބަޣާވާތާ ދެކޮޅަށް ކުރެވެމުން މިދާ ޤައުމީ ޖިހާދުގައި ބައިވެރިވެ ލައްވާށެވެ. ޓީވީ ބައްލަވަން ސިޓިންރޫމްގައި އިންނަވާއިރު ރައްޔިތުންގެ ސުލްޙަވެރި އިޙްތިޖާޖް ތަކުގެ ތެރެއިން ހުސްޖާގަ ތިބާއަށް ފެނިވަޑައިނުގަންނަވަނީތޯއެވެ؟ އެހެނަސް ޙަޤީޤަތުގައި  އެއީ ހުސްޖާގައެއް ނޫނެވެ. އެއީ ތިބޭފުޅާގެ ޖާގައެވެ. އަވަހަށް ނިކުމެވަޑައިގެން އެ ހުސްޖާގަ ފުރާލައްވާށެވެ. ޤައުމީ ޖޯޝީ ރޫހުން އެ މައިދާނުގައި ސާބިތުވެ ލައްވާށެވެ.

ޔަޤީނެވެ. މިއީ 21 ވަނަ ޤަރުނެވެ. މިޤައުމުގައި މިއޮތީ ޒުވާން ޖީލެކެވެ. ޤައުމުގެ ފުރިހަމަ ދެ ޖީލު މައުމޫނުގެ މަކަރުވެރިކަމާއި، ކެހިވެރިކަމުން މަސްތުވާތަކެތީގެ ވަބާގައިޖައްސުވާ ހަލާކުކޮށްލިކަން މިއަދުގެ ޖީލުގެ ޒުވާނުން ދަންނަންޖެހޭނެއެވެ. މިއަދު ޤައުމު ސަލާމަތްކުރުމަކީ އަޅުގަނޑުމެން ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތެކެވެ. އިޙްތިޖާޖް ކުރައްވާށެވެ. މަގުތަކަށް ނިކުންނަވާށެވެ. މިޒަމާނުގައި، ޒުވާން އާބާދީއެއް އޮތް ޤައުމެއްގައި އަސްކަރީ ވެރިކަމެއް ކުރުމަކީ ލަދުހުތުރު ކަމެކެވެ. ޕޮލިސް ސްޓޭޓަކަށް މިޤައުމުވުމަށް ތިބާ ރުހެމުތޯއެވެ؟ ތިމާގެ ދަރީންގެ މުޅި ޙަޔާތް އަޅުވެތިކަމުގައި ނިމިގެންދިއުމަށް އެދޭނީ ހަމަބުއްދިހުރި ކޮން އިންސާނެއްތޯއެވެ؟ 6،7،8 ފެބްރުއަރީ 2012 މިޤައުމުގައި ތަކުރާރުވުމަކީ ދިވެހިން އެދޭކަމެއް ނޫނެވެ. ވަގުތުގެ އަޖަލުގައި ޖެހި ކުރެވޭ އެންމެހާ ކަންކަމުގެ ނަތީޖާ ނިކަން ހިތިވާނެއެވެ. ބާޣީންނަށް އެހިތިކަން ފެންނާން ދެންއޮތީ 72 ގަޑިއެއްހާއިރެވެ. އެހެނަސް އެކަންކުރެވޭނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނިކުމެ ނިކަން ކަށިން ހިތްވަރު ނެރެގެންނެވެ.

އެކުވެރިޔާއެވެ. ތިބާ ހަމަ ސިޓިންރޫމްގައި ޓީވީ ބައްލަވަން އިންނަވާނީ ތޯއެވެ؟ ޤައުމީ މައިބަދައިގައި އަޅަމުންދާ ވޭނުގެ އަޑު ތިބާއަށް ނުއިވެނީތޯއެވެ؟ މި މަޑުމައިތިރި ހިތްގައިމު ފަޒާގެ ތެރެއަށް ޖެހި ވަޒަންތައް އެތަށް ޒުވާނުންނެއްގެ ފުއްކިބައަށް އެރި ހަނދާން ނެތުނީތޯއެވެ؟ އެއީ އެދުވަހެވެ. އެދުވަހު ސިއްރުގައި ވަޔަށް، ޖައްވުގެތެރެއަށް، ފަޒާގެތެރެއަށް އުދުއްސާލި އުންޑަ މިއަދުވެސް ވަނީ ހަމަ ދިވެހި ރައްޔިތުންނަށް އަމާޒު ކުރެވިފައެވެ. އެހެނަސް ތަފާތު ސިފައެއްގައެވެ. ރައްޔިތުން އިނދަ ޖައްސާލުމުގެ ވިސްނުމުގައެވެ. މިޤައުމުގައި ފުލުހުންނާއި ސިފައިންނޫން ބަޔަކަށް މުސްތަޤްބަލެއް ނޯންނާނޭފަދަ އަޑިނުބައި ރޭވުންތަކެއްގެ ތެރެއިންނެވެ. އަޅުގަނޑަށް އިވެމުންދާ ބިރުވެރި އަޑުތައް ތިބާވެސް އައްސަވާނެކަން ޔަޤީނެވެ. ފުލުހުންނަށް ހައުސިން ލޯން ދިނުމަށް ނިންމި ވާހަކައެވެ. ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ޕޮލިސް ސްޓޭޝަންއެއް ޤާއިމްކުރާ ވާހަކައެވެ. 50 ފްލެޓް ހުޅުމާލެއިން މިލްކު ކޮށްދޭ ވާހަކައެވެ. މުސާރައާއި ޢިނާޔަތްތައް ބޮޑުކުރާ ވާހަކައެވެ. މެޑިކަލް އިންޝުއަރެންސްގެ ވާހަކައެވެ. ރިސޯޓް ތަރައްޤީކޮށް ހިންގާ ވާހަކައެވެ. ބާޣީ ނާޒިމް އާއި ބާޣީ ރިޔާޒްގެ އަމިއްލަ ވިޔަފާރިތަކުގެ ވާހަކައެވެ. ފައިސާ ލިބުނުގޮތެއް ނޭންގި މުއްސަނދި މަހުޖަނުންނަށް ވެފައިވާ އަދި ވަމުން އަންނަ ސަލާމަތީ ޚިދުމަތްތެރީންގެ ވާހަކައެވެ. މިހުރީ ހައްތަހާވެސް މިނިވަން ވިޔަފާރީގެ ތެރެއަށް ސަލާމަތީބާރުތައް ވަދެ ޤައުމު އިނދަ ޖައްސާލުމުގެ އިންޒާރުތަކެވެ. ރައްޔިތުން ބިކަކޮށް އޮޅުއެޅުމުގެ ގޮތުން ޖަހަމުންދާ ރަނގަބީލުތަކެވެ. ލަގްޒަރީ ވިލާ ތަކުގައި އެވެރީން އުޅުމަށް ކޮށަމުންދާ މަގުތަކެވެ. ޤައުމު އެނބުރި އެއްކަލަ އަނދިރި ބަނަ 30 އަހަރުގެ ތެރެއަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ. އާއެކެވެ. މޮޅުމީހާއަށް މޮޅުގޮތް ހޯދުމަށެވެ. ދެރަމީހާ އިތުރަށް ނިކަމެތި ކޮށްލުމަށެވެ.

ވިސްނަވާށެވެ. މާދަމާ މިޤައުމުގައި ދިރިއުޅޭނީ އަޅުގަނޑުމެންގެ ދަރީންނެވެ. އެދަރީން އަޅުގަނޑުމެންގެ މައްޗަށް ހިތްބަރުކޮށް ބަދު ދުޢާ ކުރުމަށް އެދޭނީ ކާކުތޯއެވެ؟ އެދުވަހުން އެ ދަރިފުޅު ބުނާނެވެ. "ތިމަންނާމެންގެ ކާބަފައިން މި ޤައުމު އަޅުވެތިވުމަށް ދޫކޮށްލީ ކީއްވެ ހެއްޔެވެ؟ 30 އަހަރުގެ އަޅުވެތިކަމުން ޤައުމު މިންޖު ކުރުމަށްފަހު އެ ހިތްވަރު ތަކުރާރު ނުކޮށް ބާޣީންގެ ކުރިމަތީގައި އިސްޖެހީ ކީއްވެހެއްޔެވެ؟ އަހަރެމެންގެ މުސްތަޤްބަލް ނޭއްގާނީ ކަމެއްގެ ތެރެއަށް ދޫކޮށްލީ ކީއްވެ ހެއްޔެވެ؟ ބާޣީންގެ ކިއްލާ ވަރުގަދަކޮށް މޫލައި ހެދި ބޮޑުވާން ފުރުސަތު ދިނީ ކޮން މަޖުބޫރެއް ކުރިމަތިވެގެން ހެއްޔެވެ؟ މިއަދު އެމޫތަށް ބުރިކޮށްލާނޭ ފަންވަރު ހުރި ޚަންޖަރެއް އަހަރެމެންނަށް ލިބިފައެއް ނެތެވެ. އެއަށްވުރެ އެމޫތަށް އެވަނީ އާރުލާ ވަރުގަދަވެފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެމެންގެ ކާބަފައިން އަހަރެމެންނަށް މި ފޯރުކޮށްދިން ޙަޔާތަށް ހަލާކު ހުއްޓެވެ." 

އޭ އަޚާއެވެ. މި ޤައުމުގެ ހިތްވަރުގަދަ ޒުވާނާއެވެ. ތިބާއަށް ކެތްކުރެއްވޭނެ ތޯއެވެ؟ މުޖައްރިބު ކަމަކީ ޤައުމުގެ ޙާލުގެ ދުލުން ގޮވަމުންދާ ވޭނީ ގޮވުންތަކަށް ޤައުމިއްޔަތުގެ ރޫޙެއްހުރި އެއްވެސް ދަރިޔަކަށް ފުރަގަސްދޭން ނުކެރޭނޭކަމެވެ. އަދިވެސް އިންނެވީ ތޯއެވެ. ތިޔަހެން ނުހައްދަވާށެވެ. މަގުތަކަށް ނިކުމެ ޤައުމީ ޖިހާދަށް ކަނދުރާ ދިއްކޮށްލައްވާށެވެ. ތިބާގެ ވިސްނުން ގޭގެ ސިޓިންރޫމުން ބޭރަށް ނެރުއްވާށެވެ. އިސްލާޙީ ޙަރަކާތާއި، ގުޅިވަޑައިގަންނަވާށެވެ. ބާޣީންތައް ފަހާލުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވެލައްވާށެވެ. 30 އޯގަސްޓްގެ ކުރިން ރައްޔިތުންގެ ސަފުތަކުގެ ތެރޭގައި ހުސްކޮށް އޮތް ތިބާއަށް ޚާއްސަކުރެވިފައިވާ ޖާގަ ފުރާލަދެއްވާށެވެ. މިއީ ތިބާގެ ދަރީންގެ ޙައްޤުގައި ތިބާ ގެ ޙިއްސާ މި ޤައުމަށް ފޯރުކޮށްދޭންޖެހޭ ވަގުތެވެ. އެހެނަސް މި ޤައުމު ޕޮލިސް ސްޓޭޓަކަށް ވުމަށް ތިބާ އެދޭނަމަ ނުވަތަ ތިބާގެ ދަރީންގެ ޙަޔާތަކީ ހިތްދަތި އަނިޔާވެރި އުނދަގޫ ޙަޔާތަކަށް ވުމަށް އެދޭނަމަ ތިބާ ޓީވީ ބައްލަވަން ސިޓިން ރޫމްގައި އިންނަވާށެވެ.



  http://www.newdhivehiobserver.com/news/4242
28 August 2012 10 comments

އެންމެ ފަހުން ޤައުމުވެސް ހިލާލީއެވެ





ލިޔުނީ: އަޙްމަދު ޔާމީން


އިސްވެދިޔަ ޒަމާނާއި، ގެއްލިގެންދިޔަ އުފާވެރި ދުވަސްތަކުގެ ހަނދާންތައް ހިތަށް އުނދަގޫ ކުރަމުން ދަނީއެވެ. ހަނދާނުގެ ފޮނިފޮނި މަންޒަރުތަކުގައި ބުރެކި ޖައްސަމުން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވޭތޯ ލައްކަ މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ދިމާވެފައި މިވަނީ ހާމައަށް ފެންނާންއޮތް، ސާފު، އޮޅުވާނުލެވޭނޭ މައްސަލައެކެވެ. ކުރިމަތިވަމުން އަންނަނީ ސަމާސާ ސުވާލުގެ މަންޒިލެއް ނުމެ ނޫންމެއެވެ. ޤައުމުގެ ނަވުގެ ހުންގާނު މިވަގުތު މިހުރީ އެންމެ ރަނގަޅު މިސްރާބުގައި ކަމާމެދު ކުރެވެމުންދާ ސުވާލެވެ. ޤައުމުގައި ހިނގަމުން މިދަނީ އެންމެހާ ދިވެހިން އެދިއެދިތިބިފަދަ ވެރިކަމެއްކަމާމެދު ކުރެވޭ ހިތި ސުވާލެވެ. ވެރިކަމޭތޯއެވެ؟ ނޫނެކެވެ. އަނިޔާވެރިކަމެކެވެ. އަޅުވެރިކަމެކެވެ. އުނދަގޫވެރިކަމެކެވެ. ބިރުވެރިކަމެކެވެ. އާހް..

ޤައުމުގެ ޙާލުގެ ދުލުން މިއަދު ބޭރުވެގެން މިދާ އާހްގެ ހިތްދަތި އަސަރުތަކަކީ އަޅުގަނޑުފަދަ ލިޔުންތެރިކަމަށް ކޮށި މީހަކަށް ބަޔާންކޮށް ދެވޭ ވަރަށްވުރެ މާ އަސަރުގަދަ، މާފުން މާނައެއް ދޭހަކޮށްދޭ އާހް އެކެވެ. މި ލޮބުވެތި ވަޠަނަށްޓަކައި ޤުރުބާންވެ ވަޑައިގެންނެވި އެތައް އަބްޠޯލުންނެއްގެ ރޫހް މިޤައުމުގެ މިއަދުގެ ޙާލާމެދު ކަރުނައަޅާނެކަން ޔަޤީނެވެ. ޢަލީ ރަސްގެފާނާއި، ބޮޑު ތަކުރުފާނެވެ. ދޮންބަންޑާރައިންނާއި، ކުޅުދުއްފުށީގެ ފަޚުރުވެރި ޙުސެއިން އާދަމެވެ. އެ ޤައުމީ ބަޠަލުން މިއަދުގެ ޒުވާން ޖީލަށް ވާރުތަކޮށްދީފައި މިވާ މިނިވަންކަމަކީ އެބޭފުޅުން މިއަދުގެ ޖީލާއި ޙަވާލުކޮށްފައިވާ އަމާނާތެކެވެ. އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައެވެ. އެމާތް އަބްޠާލުންގެ ޤައުމީ ޖިހާދުގެ އަގު މިއަދުގެ ޖީލުން އަދާކުރަމުން މިދަނީ ކޮންފަދަ ޚިޔާނާތްތެރިކަމަކާއި އެކީގައިތޯއެވެ؟

އާއެކެވެ. ވާރުތަވަމުން، ފުރޮޅެމުން، ދެމެމުންއައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ދާދިފަހަކާއި ޖެހެންދެން އޮތީ ވަކިބައެއްގެ، ނުވަތަ ވަކި ޢާއިލާތަކެއްގެ ތަރިކަ މުދާ ގަނޑަކަށް ވެފައެވެ. ނިކަމެތީންނަށް އޮތީ މުއްސަނދީންގެ ފައިތިލައިގައި ބޮސްދީ ސަލާންޖެހުމެވެ. މަޖުބޫރު ކުރެވިފައިއޮތީ ފޯރާ ވިޔަފާރިވެރީން ރުހޭ ގޮތަކަށް ބޮޑު ކާފާއި، ކުޑަ ކާފު ޖަހައިދިނުމެވެ. ވެރީން ނުރުހޭ ރައްޔިތުމީހާއަށް އޮތީ ތިމާގެ އަމިއްލަ ދަރި ތިމާގެ އަތްދަނޑި މަތީގައި ނިޔާވާ މަންޒަރު ބަލަން ރޮއި ރޮއި ހުރުމެވެ. އަނބިދަރީން ބަނޑަށްޖެހި ނިމިދާމަންޒަރު ބަލަން ކެތްނުކުރެވުނު ކިތައްމެ ރައްޔިތެއް އެމީހެއްގެ ޢާއިލާ ގަދަ ކީރިތިވަންތަ މާތް ﷲ އަށް ވަކީލުކުރުމަށްފަހު އަމިއްލައަށް ދިރިހުރުމުގެ ނޭވާތަކަށް ނިމުން ގެނުވިއެވެ.

ބޮޑެތި ބިޔަ ޤާރޫނު ސައުދާގަރުންނާއި، މާލޭގެ ބޮޑެތި ޢާއިލާތަކުގެ މެދުގައި ފިތިފައިތިބި ދިވެހި ރައްޔިތުންނަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނީ 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހުން ފެށިގެންނެވެ. ދިރިތިބުމުގެ ޙަޤީޤީ ބޭނުމާއި، އިންސާނީ ކަރާމާތް އެއުރެންނަށް ވިސްނުވައިދިނީ "ހެޔޮ ވެރިކަމުގެ" ކުޅަދާނަ މާލިމީންނެވެ. މަރަށް އިންތިޒާރުކުރަމުންއައި ޢުމުރުން ދުވަސްވީ ޢިއްޒަތްތެރީންނަށް ހިނިތުންވުން ގެނެސްދިނީ "އަންނި" ދިއްކޮށްލި 2000 ރުފިޔާއިންނެވެ. މަހުޖަނުންނަށް ނޯކިރީ ކޮށްދެމުން ދިޔަ ނިކަމެތި އެކަނިވެރި މައިންނަށް އެވެރީންގެ ޙަޔާތުގެ ވޮށް ދިއްލާލަދިނީ ސާދާ ދިރިއުޅުއްވުމުގެ ޒުވާން ލީޑަރެވެ. ދިވެހި ބިމަށް އުފަންވީ ނަމަވެސް ދިވެހި ފަސްގަނޑުން "ބިންވެރި" ކަމުގެ ނަސީބު ނުލިބުނު މީހުންގެ އުއްމީދަކަށްވީ "ފްލެޓް ދޮންބެ" އެވެ. ޔަޤީނުންވެސް ކަށަވަރު ޙަޤީޤަތަކީ ރައީސް މުޙައްމަދު ނަޝީދަކީ އިސްލާޙީ ޙަރަކާތުގެ މޭސްތިރިޔާކަމެވެ. އެހެނަސް މިއަދު މިވަނީ އެ އިސްލާޙީ އޮށުން ފެށި ގަސް ރަނގަޅަށް ނުފޯދި އުޅެނިކޮށް މަރާލުމުގެ މަސައްކަތް ފެށިފައެވެ. ސަބަބަކީތޯއެވެ!! ސަބަބުތަށް ކުރީން މި ދެންނެވުނީއެވެ. ސަބަބަކީ މާލޭގެ މެދުފަންތީގެ ޒުވާނަކަށް ދިވެހި ރައްޔިތުންގެ ތާޢީދު އޮހޭން ފެށުމެވެ. މާލޭގެ "ބޮޑުންނަށް" ނުވަތަ "ބޭފުޅުންނަށް" ޙަޖަމްނުވި ކަމަކީ މިއީއެވެ. "ކެނެރީގޭ ނަޝީދު" ދެކެ އަންނަ ގަދަ ރުޅިއެއްގެ ސަބަބުން އެވެރީން މިއަދު ހިލާލާފައިމިވަނީ މިޤައުމުގެ މުސްތަޤްބަލެވެ. އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ދިވެހިންގެ ތާރީޚް މިއަދު ލިޔެވެމުން މިދަނީ އަނދިރި ކަޅު ސޮފްހާތަކެއްގެ ގޮތުގައެވެ. ކިހާ ލަދު ހުތުރު ކަމެއްތޯއެވެ؟ 

އާއެކެވެ. އުފެދިފައި މިވަނީ ބޮޑު މައްސަލައެކެވެ. ފުލުހުން "ޖަޒްބާތުގައި" ޖެހިތިބެ ކުރި ބޮޑު"ޖަޒްބާތީ" ބަޢާވާތުގެ ސަބަބުން މިއަދު މިވަނީ ދާޚިލީ ހަމަނުޖެހުމުގެ ރަނގަބީލް މިޤައުމުގައި ޖެހިފައެވެ. ޤައުމުގެ އަމާންކަން ގެއްލި، އިޖްތިމާޢީ ފޭރާން ވީދި، ދިވެހީންގެ ދިވެހިވަންތަކަމާއި، ޤައުމިއްޔަތުގެ އަގު މިއަދު މިވަނީ ފައިސާއިން ގަނެވޭ މުދާގަނޑަކަށް ވެފައެވެ. "ބަޣާވާތަކުން" ޤައުމު ފިރުކާލި ބޮޑެތި "ބާޣީ" "ޣައްދާރު" "ޚާއިނުން" ވިސްނާންވީ މާދަމާވެސް އަންނާން އެބައޮތްކަމެވެ. ރައްޔިތުން ނިކުމެ އެ ބައިގަނޑު ޖަވާބުދާރީ ކުރުވާނެކަމެވެ. 30 އޯގަސްޓްގެ ފަހުން ޤައުމު ކެކި އަރާނެ ކަމެވެ. ޤައުމީ ފުލުހުންނާއި، ޤައުމީ ސިފައިން ނިކުމެ "ޖަޒްބާތީ" ބާޣީ ޔުނީފޯމްއެޅި ޣައްދާރުން ވަކިވަކިން ހޮވާ އެއްފަރާތް ކުރާނެ ކަމެވެ. ދެންވެސް އަވަހަށް ކުރެވުނު ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން މަޢާފު ހޯދުމަށް އަވަސްވެ ގަންނާށެވެ. މި ޤައުމުގެ މުސްތަޤްބަލަށްޓަކައެވެ. އަޅުގަނޑުމެންގެ ދަރީންނާއި، އެދަރީންގެ ދަރީންގެ ޙައްޤުގައެވެ.


Labels

 
;