13 November 2012 5 comments

ފިނޭންސް މިނިސްޓަރަށް އާދޭހުގެ ނަސޭޙަތެއް






ލިޔުނީ: އަހުމަދު ޔާމީން

ޤައުމުގައި ގުގުމަމުންދަނީ އިންޒާރުގެ ރަނގަބީލްގެ އަޑެވެ. އިޤްތިޞާދީ އަނދަވަޅަކަށް ޤައުމު ވެއްޓި ނިމިދަނީއެވެ. ސިޔާސީ ވެރިންގެ ވާހަކަ ރަނގަޅެވެ. ބަސްމަގު ރިވެތިވެފައި ހިތްގައިމެވެ. އެހެނަސް ދެރަކަމަކީ ބަސްގިނަވެ ޢަމަލު މަދުވުމެވެ. ރައީސް ނަޝީދުގެ ވެރިކަންވެސް މާޒީގެ ތެރެއަށް ވަދެ ނިމިއްޖެއެވެ. ޑރ ވަހީދުގެ ވެރިކަމަށްވެސް 10 މަސްވީއެވެ. އެހެނަސް ބަދަލުވީ ކޮންކަމެއް ކޮންމިންވަރަކަށް ކަމާމެދު ސުވާލު އުފައްދާން ޖެހެއެވެ. ޤައުމުގެ އިޤްތިސާދު މިއޮތީ އަދަގޮނޑި ޖެހިފައެވެ. ޚަރަދު ކުޑަކުރަން އެބަޖެހެއެވެ.  އެހެނަސް ބޭކާރު ވާހަކައިގައި ދުވަސްތައް ނިމިގެން ދަނީއެވެ. ޢަމަލު ކުރުމަށް ޖެހިލުންވެވެނީއެވެ.

ފިނޭންސް މިނިސްޓަރ ޖިހާދު މިއަދު ހާމަކުރައްވަމުން ތިޔަ ގެންދަވަނީ ދިވެހި ގައުމުގެ ރައީސް ވާހަކަ ދައްކަވަންޖެހޭ އެޖެންޑާ އައިޓަމެކެވެ.  ސިޔާސީ ޕާޓީތަކުގެ ވެރިން ދައްކަވަންޖެހޭ ވާހަކައެކެވެ.  ރައީސަކަށް ވާން ބޭނުންފުޅުވާ ބޭފުޅުން ދައްކަވަން ޖެހޭ ވާހަކައެކެވެ. މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ދައްކަވަން ޖެހޭ ވާހަކައެކެވެ. އެހެނަސް އެވާހަކަތައް ނުދައްކާތިބެ ބޭރު މުއްސަނދި ވަސީލަތްތަށް ގިނަ ގައުމުތަކުގައި ގެންގުޅޭ ގާނޫނުތަށް އަކުރުން އަކުރަށް ތަރުޖަމާކޮށްގެން މެރެތަން ރޭހެއް ނިންމާހެން މަޖިލީހުން ފާސްކޮށް ތަންފީޒު ކުރަން އުޅުމުގެ ނަތީޖާ މިއަދު މި ފެންނަނީއެވެ. ރިޔާސީ ކެންޑިޑޭޓުން ދައްކާހާވެސް ވާހަކައަކީ އެ ޕާޓީއެއްގެ މޮޅު ކަމުގެ ވާހަކައެވެ. ތަނަވަސްކަން ގެނެސްދޭނެ ވާހަކައެވެ. އެއަރޕޯޓް އަތުލި ވާހަކައެވެ. އެކަމަކު ހަރުދަނާ ސިޔާސަތެއް އެކުލަވާލާ އޭގެ ވާހަކަ ދައްވާ ހަމަ އެއްވެސް ކެންޑިޑޭޓެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އާއެކެވެ. ޒިންމާ އޮތީ ބެހިފައެވެ. ބާރުވެސް ވަނީ ބެހިފައެވެ. އެކަމަކު ޒިންމާ އާއި ބާރު އެކުއެކީގައި ހިންގޭނެ ޚަރަދު ކުޑަ އޮނިގަނޑަކާ މެދު ވިސްނާ އެވާހަކަ ދައްކާ އެއްވެސް ސިޔާސީ ލީޑަރެއް ނެތެވެ. ޖިހާދު ތިޔަ ދައްކަވަނީ އެ ބޭފުޅުން ދައްކަވަން ޖެހޭ ވާހަކައެކެވެ. އެކަމަކު ތިވާހަކަ ރައްޔިތުންނާ ހަމައަށް ގެނެސް ރައްޔިތުންގެ ރުހުން ހޯދައިގެން ވެރިކަމަށް ވަޑައިގެން ސިޔާސަތެއްގެ ގޮތުގައި ތަންފީޒު ކޮށްދެއްވަން ކެރިވަޑައިގަންނަވާނޭ ހިތްވަރު ހުރި ސިޔާސީ ލީޑަރެއް މި ޤައުމުގައި އެބަހުރިބާވައެވެ.

2008  ވަނަ އަހަރު ދިވެހިންގެ ހަޔާތުގައި ބޭއްވުނު އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ނިމި، އެ އިންތިޙާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ރައީސް އެންމެ ފުރަތަމަ ދުވަހުވެސް ދެއްކެވި ވާހަކަ ފުޅުގެ ހަގީގަތް މިއަދު މިދަނީ ފެންނަމުންނެވެ. ރައީސް ނަޝީދުގެ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް އެކުލަވާލުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާއި ހަޖޫޖަހައި، ކުރީ ޖެއްސުމެވެ. ކޮންމެ ރަށެއްގައި ކައުންސިލްތަކެއް އުފެއްދުމުގެ ބަދަލުގައި، މުޅި ރާއްޖެ 7 ސަރަޙައްދަކަށް ބަހާލައިގެން، އެ ސަރަޙައްދެއްގެ އާމްދަނީ އެ ހިސާބުތަކަށް ފެތުރިގެންދާނެ ފަދަ ނިޒާމެއް ގާއިމުކުރަން އުޅުމުން އެކަމަށްވެސް ހުރަސް އެޅީއެވެ. ކޮންމެ ރަށެއްގައި ކޯޓެއް ހެދުމުގެ ބަދަލުގައި ދާއިރާތަކުގެ ކޯޓުތަކެއް އުފެއްދުމަށްކުރި މަސައްކަތްވެސް ފެއިލްކޮށްލީއެވެ. މިހެން ގޮސް މި ދައުލަތުގެ ކަންކަން ރަނގަޅުކުރަން ކުރި ހުރިހާކަމެއް މުގުރާލުމަށްފަހު، މާލިއްޔަތު ގާނޫނަށް އިސްލާޙުގެނެސް ސަރުކާރަށް ޖެއްސުންކުރުން ނޫންކަމެއް އިދިކޮޅު ފަރާތްތަކުން ނުކުރެއެވެ. ދިވެހިރައްޔިތުން ހޭލާކަށް ނުވޭތޯއެވެ؟ މިގައުމުގެ ކަންކަން ގޯހުން ގޯހަށްގޮސް މުޅި ގައުމު ނެތިވެ ހަލާކުގެ ތެރެއަށްދާއިރު ކުޅިބަލަން މިތިބެނީ ކީއްވެތޯއެވެ؟ އަޅުގަނޑުމެންގެ ފަސްގަނޑަށް އަޅުގަނޑުމެންގެ ބާރު ނުހިގާކަމަށްވަނީނަމަ މިގައުމު ބޭރުބަޔެއްގެ އަތްމަތީގަ އޮތުމުގެ އިޙްސާސް ނުކުރެވޭތޯއެވެ؟

ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރު ހިންގަން ދަތި ކުރަންޖެހި ހުރިހާ މަޅިއެއްގައި މިއަދު ވެރިކަމުގައި ތިބި ފަރާތްތައް އެވަނީ ޖެހިފައެވެ. ސާބަހެވެ..!! ޤައުމަށް ނުބެލުނަސް ވެރިކަން ކުރެވޭތޯ ބަލާށެވެ. އެހެނަސް އާދޭހާއެކު މި އެދެނީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖަހައި ދިނުމަށެވެ. މާބޮޑުކަމެއް ނޫނެވެ. ކުޑަ ކުޑަ ހައެއްކަ ކަމަކުންވެސް މިހާރު ކުރެވެމުންދާ ބޭކާރު ޚަރަދު އެތައް ތަނަކުން ކުޑަކުރެވިދާނެއެވެ. ދައުލަތުން ބޮޑު މުސާރަދޭ ސިޔާސީ “ބޭކާރު” މަގާމުތައް މަދުކުރަން ޖެހެއެވެ. މިހާތަނަށް މާބޮޑު ކަމެއް ރައްޔިތުންނަށް ކޮށްނުދެވި މިއޮތް ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރައަށް ކުރަން ޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން، ލޯކަލް ކައުންސިލްގެ ގާނޫނު އިސްލާހުކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހެއެވެ. ދައުލަތުން އެންމެ ބޮޑު މުސާރަ ލިބޭ، ގައުމަށް އެންމެ އިޚްލާސްތެރިވާން ޖެހޭ، އެކަމަކު އެކަމުން ރެކިގެން އެއުޅުއްވާ “އިއްޒަތްތެރި މެންބަރުންގެ” މުސާރައިން ބައެއް އުނިކުރަން އެބަ ޖެހެއެވެ.  ގައުމު ފަސާދަކުރާ ސިޔާސީ ޕާޓީތަކަށް ޚަރަދުކުރަން ޖެހޭ މިލިއަން މިލިއަން ރުފިޔާ މަދު ކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. މިހުރީ ހައްތާވެސް ކުރެވޭނެ ކަންތައްތަކެވެ. އަވަހަށް ފައްޓަވާށެވެ !

އަދިވެސް ދަންނަވަމެވެ. 900 މިލިޔަނުން ބޭންކަށް ދަރާފަ ތިބި މީހުންވެސް މިޤައުމުގައި އެބަ ތިއްބެވެ. އެ ފައިސާ އަނބުރާ ހޯދޭނޭ ގޮތެއް ނެތެވެ. މި މައްސަލާގައި ޑިއާރްޕީ ގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ އާއި ސުވާލުކޮށްލާނޭ ހިތްވަރު ފިނޭންސް މިނިސްޓަރގެ ހަށިކޮޅުގައި އެބަހުރިތޯއެވެ؟ އަނެއްބަޔަކު ބޮޑެތި ރިސޯޓްތައް ހިންގަވާއިރުވެސް މުވައްޒަފުންނަށް މުސާރަނުދެވި އެތަކެއް މަހެއްވަނީވެފައެވެ. ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރަށް މުއައްޒަފުންނަށް މުސާރަ ދެއްވޭވަރަށް ޢާމްދަނީ ނުލިބެނީބާވައެވެ. އެހެނީ އެއީވެސް މިޤައުމުގެ ރައްޔިތުންނެވެ. އެމީހުން ކުރާ މަސައްކަތުގެ އުޖޫރަ އެމީހުންނަށް ލިބިދޭން ޖެހޭނެއެވެ. މިހިރީ ހައްތަހާވެސް ގައުމުގެ އިގްތިސާދަށް ގެއްލުން ލިބޭ ކަންކަމެވެ. މިލިސްޓް ވަރަށް ދިގުވެސް ކުރެވިދާނެއެވެ. އެހެނަސް ކުރާނެ ކަމެއް ނެތެވެ. މަށަށްލިބޭ އެއްޗެއްގެ “ޒައްރެއްގެ”މިންވަރުވެސް ދޫކުރާކަށް މަގޭހިތެއް ނުބުނެއެވެ. ބޭނުންވަނީ ނިކަމެތި ރައްޔިތުމީހާ ފެލާލާށެވެ.

މައުނަވީ ރޮނގަކުން ވިސްނާއިރު ފިނޭންސް މިނިސްޓަރ ތިޔަ ވިދާޅުވާ ވާހަކަފުޅު ރަނގަޅެވެ. ނަމަވެސް ހިނގަހިނގައި އޮތް ދައުލަތެއް މިއަދު ކުއްލިގޮތަކަށް ފުނޑިގެން ނިމިގެން މިދަނީއެވެ. ޒިންމާ ނަންގަވާނީ ކޮންބޭފުޅެއްތޯއެވެ. ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ދަންނަވަން ޖެހެނީ ދިވެހިރާއްޖެ އާއި ރާއްޖޭގެ އިގުތިސާދާއި ބޭރުގެ ދަރަނީގެ މިންވަރު މިހާރު މިއޮތީ ގައުމެއްގެ ގޮތުގައި އޮތުމަށްވުރެ އަޅުވެތިވެ އޮތުމުގެ ސަގާފަތަކަށް ފެތިފައިކަމަށް ފެންނަވަރުގެ ހާލަތުގައިކަމެވެ.

ކުރީގެ ސަރުކާރުން ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ރަށްތަކެއް ދޫކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާ ވިދާޅުވުމަކީ ފިނޭންސް މިނިސްޓަރުގެ ގާބިލުކަމާއިމެދު ސުވާލު އުފެއްދުމުގެ އިތުރުން، ފިނޭންސް މިނިސްޓަރުގެ ސިއްޙީ ހާލުކޮޅާއި މެދުވެސް ސުވާލު އުފެދޭވަރުގެ ވާހަކައެކެވެ. ކުރީގެ ސަރުކާރުން ރަށްތަކެއްދޫކުރަން ނިންމީ ތިރީސް ހާހަށްވުރެ ބޮޑު އާބާދީއެއްގެ ނަރުދަމާ ނިޒާމާއި، ފެނުގެ ޙިދުމަތް ލިބޭނެގޮތުގެ އިންތިޒާމާއެކުގައެވެ. ނަމަވެސް މިއަދު 14 ރަށް ހުޅުވާލައިގެން ރައްޔިތުންނަށް އެކަމުން ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ. 14 ރަށުގެ ކުލި އެޑުވާންސްކޮން ނަގައިގެން ތިޔައުޅުއްވަނީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ މުސާރަދެވޭވަރުވޭތޯނޫންހެއްޔެވެ؟ ވީމާ ރަށްތައް ދޫކުރުމުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި އެކަން ކޮށްފައި އޮތީ ރައީސް ނަޝީދުގެ ވެރިކަމުގައިކަން ދިވެހިރައްޔިތުންނަށް މިއަދު އެބަ އެނގެއެވެ. ދެން އޮތީ ގާނޫނާއި ޚިލާފަށް ރަށްތަށް ދިނުމޭ ބުނާވާހަކައެވެ! ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާގޮތަށް ރަށްތަށް ދިނުމުގެ ފުރުސަތު އޮވެއެވެ. ކުރީގެ ސަރުކާރުން ފެނާއި ނަރުދަމާއަޅާގޮތަށް ރަށްތަކެއް ރިސޯޓުގެ ގޮތުގައި ދޫކުރީ ދިވެހި ދައުލަތާއި ދެމެދު ކޮންޑިޝަނަލް އެގްރިމެންޓެއްގައި ސޮއިކުރުމަށްފަހުއެވެ! އަދި އެ އެގްރިމެންޓުގައިވާގޮތަށް ދިވެހި ދައުލަތުންވެސް އަދި އެ ރަށްތަށް ދިން ފަރާތްތަކުންވެސް ވަނީ އަމަލުކޮށްފައެވެ. ކުރީގެ ސަރުކާރުންވެސް އަދި މިއަދުގެ ސަރުކާރުންވެސް އެގްރިމެންޓަށް އޮތީ އަމަލުކޮށްފައެވެ. ދައުލަތުން އެއްބަސްވެފައިވާ އެގްރިމެންޓަކަށް ދެފަރާތުން އަމަލުކުރަމުން ގޮސް، ހަމަ ކުއްލިއަކަށް ގާނޫނާއި ޚިލާފޭ ބުނެ އެގްރިމެންޓެއް ބާތިލް ނުކުރެވޭނެކަން ހަމަބުއްދިހުރި ކޮންމެ މީހަކުވެސް މިއަދު ގަބޫލުކުރާނެއެވެ. މައްސަލައެއްނެތެވެ! އެގްރިމެންޓް ބާތިލް ކުރަން ބޭނުންނަމަ ކޮމްޕެންސޭޝަން ދިނުމަށްފަހު ބާތިލުކުރަންވީއެވެ. ތީގެން ކޮންމެ ރަށެއްގެ ކޮމްޕެންސޭޝަންގެ އަގު 40 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެއެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއިމެދު ބޭރުގެ އިންވެސްޓަރުންގެ ހިތްތައް ކިލަނބުކުރަން ބޭނުން ކަމަށްވަނީނަމަ، ތިޔަކަހަލަ ވާހަކަދައްކަވާށެވެ! ނަމަވެސް އާޚިރުގައި ހުރިހާގޮތަކުންވެސް އެކަމުގެ ހިތާމައާއި ގެއްލުން އޮތީ ހަމަ ދިވެހިރައްޔިތުންނަށެވެ! އެކަމަކު ދައުލަތުން ކޮށްފައިވާ އެގްރިމެންޓަކީ އެއްޗެއްނޫންކަމަށް ހަދައިގެން އުޅުމުގެ ނަތީޖާ ހިތިވާނެކަންވެސް މިފުރުސަތުގައި ގަބޫލުކުރައްވާށެވެ!

ވީމާ ދުނިޔޭގެ އެހެނިހެން ބައެއްގައުމުތަކުގެ ފިނޭންސް މިނިސްޓަރުން އިސްތިއުފާދޭންދިމާވި ސަބަބުތައް މުތޯލިއާ ކުރެއްވުމަށްފަހު ތިބޭފުޅާވެސް އެމަގުން ހިންގެވުން ބުއްދިވެރިވާނެ ކަމަށް ދަންނަވަމެވެ. އަދި ޤައުމު ފުނޑުފުނޑުވެދާ ފަދަ ދެކޮޅު ނުޖެހޭ ފޯމިއުލާއެއްގެ ދަށުން ރައްޔިތުން އިންތިޚާބްކުރި ސަރުކާރު ވައްޓާލި ކަމަށްޓަކައި ތިޔަ ބޭފުޅުންގެ މައްޗަށް ރައްޔިތުންގެ ހިތުގައި އުތުރި އަރަމުން ދަނީ ނަފްރަތުގެ އަލިފާނެވެ.

މާތް ﷲ ޢަޅަމެންގެ ޤައުމު މި އަނިޔާވެރިންގެ ކިބައިން ސަލާމަތް ކުރަށްވައި، ލިބޭމިންވަރު ދެނެތިބެ ވިސްނުންތެރި ކަމާއެކު ޚަރަދުކުރާ ރައްޔިތަކު ދިރިއުޅޭގައުމެއް ކަމުގައި މި ދިވެހިޤައުމު ލައްވާށި. – އާމީން
http://times.mv/view/2606
08 November 2012 2 comments

ވިސްނުމެއް ނެތަސް ޤައުމު ހަމަ ހަބޭސް




ލިޔުނީ: އަހުމަދު ޔާމީން

21 ވަނަ ޤަރުނުގެ ޑިމޮކްރަސީއަށް ބީރައްޓެހި ބައިގަނޑަށް ވަރަށް ސަލާމެވެ. "ހިތިބޭހެއް ބޯން އެބަޖެހެޔޭ" ރައީސް ނަޝީދު ވިދާޅުވި ބަސްފުޅު ކަލޭމެން އަޑު އެހީމު ހެއްޔެވެ؟ އަޑު އިވުނު ނަމަވެސް ތީގެ ތެރެއިން އެކަކުވެސް އެވާހަކަ ޤަބޫލު ނުކުރިކަމީ ހިތާމައެކެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދުގެ އެވާހަކަފުޅަށް ގޮންޖެހުމަށް ފަހު ތިޔަ ބާގައިގެ މީހުން ޖެއްސީ މުޒާހަރާ ތަކެކެވެ. "އަގަޔާ އަތާ ދިމާނުވަނީ - ރައްޔިތުން ހަނާވަނީ.." ކަމަށް ބުނެއެވެ. ނަމަވެސް އޭރަކު އަދި ހަނައެއް ނުވެއެވެ. އަދިވެސް ހަނާވާން ކައިރިވެސް ނުމެވެއެވެ. ރާއްޖޭން ފުރަފުރައިގެން ދާ ދިވެހިންގެ އަދަދަށް ބަލައިލި ނަމަވެސް އެކަން އެބަ އެގެއެވެ.  ޗުއްޓީ ތަކުގަ ލަންކާ، އިންޑިޔާ، ބެންކޮކް، މެލޭޝިޔާ އަދި ސިންގަޕޫރަށް ދާ ދިވެހިންގެ އަދަދު މިވަނީ ހަބޭސް ވެފައެވެ. ގޭގޭގަ ގެންގުޅެން ގެންނަ ބޭރު ކައްކާއިންގެ އަދަދު ވެސް ހަބޭސް ވެއްޖެއެވެ. ކެފޭ ތަކާއި ސައިހޮޓާތައް ފުރިފައި ވަނީ ދިވެހި ޒުވާނުންނައިގެންނެވެ. ވަޒީފާއެއް އަދާކުރަންކެރޭ ޒުވާނެއް ނެތޭ ބުނުމަކީވެސް ކުށަކަށް ނުވާނެއެވެ. އެކަމަކު ހަކުރުބޯންކެރެއެވެ. ސަލާން ޖަހަންކެރެއެވެ. ވީއިރު ޤައުމު ހަނާވާކަމަށް ބުނެވޭކަށް ނެތެވެ. މީހަމަ ހުރިހާ ކަމަކަށް ހަބޭސް ޤައުމެކެވެ.

އެހެނަސް އަބްދުﷲ ޖިހާދު މިދައްކާ ވާހަކަތައްވެސް އަޑުއަހާލަން އެބަ ޖެހެއެވެ. ފިނޭންސް މިނިސްޓްރީއާއި ހަވާލުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް މި ދައްކަވަނީ ދާދި އެއްވާހަކަތަކެކެވެ. ތީ މިހާރު ދިވެހިންނަށް އާ ވާހަކަތަކެއްނޫނެވެ. އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާދީފައިވާ އިޤްތިސާދީ ސަރަހައްދުގައިވާ ދިވެހި ރައްޔިތު އެންމެންގެ ތަރިކައިގެ ފޮނިމީރުކަމަކީ، އެއިރެއްގައި އެތަކެއްޗާއި ހަވާލުވެގެން ތިބޭ ބައެއްގެ އެއްޗެއްކަން އަޅުގަނޑު ދެނަ ހުރީމެވެ. އެހެނަސް ދެރަކަމަކީ އެތަރިކައިން ލިބޭހާ އެއްޗަކުންވެސް ފުއްދާލައިގެން އުޅެން ނޭންގޭތީއެވެ.  އެހެންކަމުން އެކި މޮޅުނަންތަކުގެ ދަށުން ރައްޔިތުންގެ އަތުން ނެގޭ ފައިސާ މިދަނީ އެއްދުވަހުން އަނެއް ދުވަހައް އިތުރުވަމުންނެވެ.

އަޅުގަނޑަށް މިއީ ވަރަށް ހެއްވާކަމަކަށް ވެއްޖެއެވެ. އަދި މިއީ ބޮޑު ޖޯކަކަށްވެސް ވެއްޖެއެވެ. މިވަރުގެ ބޮޑު ބުރަޔަކާއެކު ޤައުމު ކަވާލުވުމަށް އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ޖީބުންނާއި އަދި ވިޔަފާރިވެރިންގެ އަތުން ވެސް ހޯދައިގެން ވެރިކަމަށް އަންނަން އުޅޭ ކޮންމެ ބަޔަކު ހޭބޯނާރާ މިއުޅެނީ ކާކު އެމީހުން ކައިރީ އެދި ރޮއެ އާދޭސް ކޮށްގެންބާއެވެ.. އަދި ވެރިކަމަށް އާދެވުމާއެކު ދެންމިދައްކަނީ ކޮން ވާހަކަ ތަކެއްބާއެވެ. އާދެ އަޅުގަނޑުމެންނަކީ ހަޤީގަތުގައިވެސް ބުއްދީގެގޮތުން ފިސާރި ނުކުޅެދުން ތެރިބައެކެވެ. ނަމަވެސް، ބުއްދީގެ އަހުލުވެރިން ކަމުގައިވާ ރާއްޖޭގެ ސިޔާސީބޭފުޅުން މިބަސް ބޭނުންކުރަންވާ ހާލަތުގައި ވިދާޅުވެ އުޅޭނީ ދިވެހިންނަކީ ދުނިޔޭގައިވެސް ތިބި އެންމެ ދުރުވިސްނޭ ބުއްދިވެރިންކަމުގައެވެ. ވާނީވެސް އެހެންތާއެވެ. ދިހަ ބާރަ ކެމެރާގެ ކުރިމަތީގައި ބަޣާވާތް ކުރުމަށްފަހު އެއީ ނުކުރާކަމަކަށް ވެސް ހެދިއްޖެތާއެވެ.. މިހުރި ކަންކަމަކީ ހައިރާންވެ އަންތަރީސް ވާ ވަރުގެ ކަންކަމެވެ. 21 ވަނަ ޤަރުނުގެ ކަނު، ބީރު ދިވެހިން ހޭލުންތެރި ބަޔަކަށް ވާނީ ކޮންދުވަހަކުންބާވައެވެ.؟؟

Labels

 
;