Showing posts with label kulli. Show all posts
Showing posts with label kulli. Show all posts
03 December 2015 1 comments

E' Biruveri Meemu..!!


ލިޔުނީ: އަޙުމަދު ޔާމީން
ކުޑައިރު އަކުރު އުނގަންނައި ދިނުމަށް މަންމަމެން ކިޔައިދީ އުޅުނެވެ. މީމުން މަސް، މީމުން މަރުތެޔޮ، މީމުން މުޅޯއްޓެވެ. ހަމައެގޮތަށް އަކުރުތަކުގެ ފިލީގެ އަޑު ދެނެގަތުމަށް މަންމަގެ އަޑުދަށުން ކިޔައި އުޅުނީމެވެ. މީމު މަތީ އަބަފިލި ޖެހީމާ "މަ"، މީމު ތިރީ އިބިފިލި ޖެހީމާ "މި"، މީމު މަތީ އުބުފިލި ޖެހީމާ "މު" އެވެ. "މަ، މި، މު" އެވެ. އޭރުވެސް ގަންނާކުރައްވާ ބިރުން މަންމަމެން ކިޔައިނުދޭ އެއްޗެއް އޮވެއެވެ. އެއީ، މީމުން "މައުމޫން" އެވެ. އޭރު ގޭގައި ހުންނަ ފޮޓޯއަކުންވެސް ފެންނަނީ ރައީސުލް ޖުމްހޫރިއްޔާއެވެ. މަންމަމެންވެސް ކިޔާ އުޅެނީ އެގޮތަށެވެ. ޤަބޫލު ކުރެވިފައިއޮތީ ރައީސުލް ޖުމްހޫރިއްޔާ އަކީ އެ ފޮޓޯއިން ފެންނަ ނިކަން އަބުއި ބޭފުޅާއަށް ކިޔާ ނަން ކަމުގައެވެ. އެކަމަކު ހިތަށް އަރައެވެ. ހާދަހާވާ ޒާތެއްގެ ނަމެކެވެ. އިހަށް އެވާހަކަ ބާއްވާށެވެ.
މިހާރުގެ ވާހަކައެވެ. އޭރު މަންމަމެން ބިރުގަންނަނީ މީމުން މައުމޫން ކިޔާދޭށެވެ. މިހާރަށް ވިސްނާއިރު މައުމޫންގެ ކޮއްކޮ ރައީސް ޔާމީން ގެ ކުރިމަތީގައިވެސް މީމަށް ވުރެ ވަކިން ބިރު ބޮޑު އިތުރު އަކުރެއް ނެތެވެ. ދިވެހިދަޢުލަތުގެ ހުރިހާ ބާރެއް އަމިއްލަ އަތްޕުޅަށް ޖަމާކުރައްވައިގެން ހުންނަވައިގެންވެސް ރައީސް ޔާމީނަށް ނުހުއްޓުވިގެން އުޅޭ އެ ބިރުވެރި މީމުގެ ސިއްރުތަކުގެ ތެރެއަށް ފީނާލަން ޖެހިއްޖެއެވެ. ފުރަތަމަ ކަމަކަށް ރައީސް ޔާމީންގެ ތުއްތޮންބެ ރައީސް މައުމޫންގެ ޚުދުމުހުތާރު ދިގުވެރިކަން ފުރޮޅާލީ "މީމުން" ފެށޭ "މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ" ތެރެއިން ނިކުތް ޅަވަރެއްގެ ސޮރެކެވެ. "މީމުން" ފެށޭ "މުޒާހަރާގެ" ޤާނޫނު އަސާސީ އިން ރައްޔިތުންނަށް "މީމުން" ފެށޭ މިނިވަންކަން ހޯދައިދިނުމަށް އެތަކެއް ޤުރުބާނީތަކެއް ވަމުންއައި "މީމުން" ފެށޭ މުޙައްމަދު ނަޝީދޭ ކިޔާ ނިކަން ފިސާރި، ހިތްވަރުގަދަ، ކެރޭ ލީޑަރެކެވެ. ބިރުގަންނަން ޖެހިއްޖެތާއެވެ. ސިހުރު ހާހޫރަ ހަދަން ގެންގުޅޭ ކަހީނު ކަލޭގެއަށްވެސް މި މީމު ހިފަހައްޓަން އެއްކަމެއްވެސް ކުރެވުނު ކަމަކަށް ނުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރިމަތިވާންފެށީ މާ ބިރުވެރި ކަންތައްތަކެކެވެ. އެއްކަލަ މީމުން ފެށޭ މުޙައްމަދު ނަޝީދު ހިފާ ހައްޔަރުކޮށް ނުޙައްޤު އެތައް އަނިޔާއެއްދީ 13 އަހަރަށް ހުރަގޭގައި ބަންދުކޮށްފިއެވެ. އެހެންނަމަވެސް މީމުގެ ކުޅިވަރު ހުއްޓޭގޮތެއް ނުވިއެވެ. މީމުގައި އުބުފިލި ޖަހާފައި މުޒާހަރާތައް ކުރުން މެކުހަށް ޖަހައިފިއެވެ. ގިނަފަހަރަށް މީމުގައި އުބުފިލި ޖަހާލާއިރަށް ތުއްތޮންބޭ ބޭރު ކޮންމެވެސް ކަރައަކަށް ފުރައިގެންދެއެވެ. "މީމުން" އެ ލިބޭ ނަފްސާނީ ގެއްލުމަށް ފަރުވާ ކުރައްވަން ކަމަށްވެސް ވެދާނެއެވެ. އެހެނަސް ރައްޔިތުން މާ ހުށިޔާރެވެ. އެމީހުން ތިބީ މީމުން މައުމޫން ނުކިޔަން ނިންމައިގެންނެވެ. ރައްޔިތުން ކުރި ކަމަކީ މީމުން "މޭޑޭ" މުޒާހަރާކޮށް މުޅިމާލެ ބަންޑުންޖަހާވަރު ކޮށްލީއެވެ. ހަމަ އެއާ ވިދިގެން މީމުން "މިންޖުވާން" ނިކުމެ ސަރުކާރު ހާސްކޮށްލީއެވެ.  ބޭރުފުށުން މާ ޑިމޮކްރެޓިކް ގޮތްގަނޑު ދައްކައިގެން އުޅުނު ސަރުކާރު މުޅިދުނިޔޭގެ ކުރިމަތީގައި ރަނގަޅަށް ބަރަހަނާ ކޮށްލީއެވެ.
ޤަބޫލުކުރައްވާށެވެ. އެމްޑީޕީ އިން މިންޖުވާން ކުރި މުޒާހަރާ ކިތަންމެހާވެސް ކާމިޔާބެވެ. ރައްޔިތުން ދެމި ގުއިރޯނުގައި ސަރުކާރު ވަނީ ރަނގަޅަށް ޖެހިފައެވެ. ސިޔާސީ މާބޮޑު ބާރުވެރިކަމެއް ސަރުކާރުގެ އެތެރޭގައާއި، ރައްޔިތުންގެ މަޖިލީހުގައި ނެތްކަމުގައި ވިޔަސް އެމްޑީޕީ ދަނީ ރައްޔިތުންގެ ބާރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަމުންނެވެ. އަނިޔާވެރިކަމާ ދެކޮޅަށް ދުޢާ ކުރުން ޢާއްމުވާން ފެށުމުން ސަރުކާރަށް މަޖުބޫރުވީ ދުޢާކުރުން މަނާކޮށް ސަރުކާރުގެ ރަސްމީ ލެޓަރހެޑްގައި ބަޔާންނެރެ "ލާދީނީ" ޓެގް އަމިއްލަ ކަރުގައި އަޅުވާށެވެ. ސިޔާސީ ލީޑަރުން ބަންދުކޮށް، ސިޔާސީ ގޮތުން ރައްޔިތުން ހައްޔަރުކޮށް އަމިއްލަ އަތުން އަނިޔާވެރިކަމުގެ ލޭބަލްވެސް އަމިއްލަ ސަރުކާރުގައި ޖަހާށެވެ. މީމުގައި އުބުފިލި ޖަހާލީމާ ގަންނާކުރެއްވި ބިރުން ރައްޔިތުންނަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އިމެއްނެތި އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާ "ޚުދުމުހުތާރު" ކަމުގެ ބިލްބޯޑް ރައީސް އޮފީސް ކުރިމަތީގައި ބަހައްޓާށެވެ. އަނިޔާވެރިކަން އިސްކޮށް ރައްޔިތުން އޮބަހައްޓާ ބައިނަލްއަޤްވާމީ ދުނިޔޭގައި ސަރުކާރު އަމިއްލައަށް ފަޟީޙަތްވާށެވެ.
މިއަދުގެ ހަޤީޤަތަކީ މިއީއެވެ. ގަދަބާރުން ގަދަބަދަވި ކަމުގައި އުޅެމުން އައި "މިރައީސް" ގެ ބޮޑާކަމާއި، ތަކައްބުރުކަމާއި، ނާޤާބިލުކަން މުޅިޤައުމަށް ބޭޒާރުވެ ސަރުކާރާމެދު ޕީޕީއެމްގެ މެމްބަރުންވެސް މާޔޫސްވެ އުއްމީދު ކަނޑާލައިފިއެވެ. ރަސްކަމަކަށް މިރައީސް އަމާޒް ހިފާފައިވާކަމަށް ރައްޔިތުން ޤަބޫލުކޮށްފިއެވެ. މިންޖުވާން މުޒާހަރާއިން ލިބުނު އެންމެބޮޑު ކާމިޔާބަކީ އެއީއެވެ. ސަރުކާރުގެ ނުކުޅެދުންތެރިކަން މުޅި ޤައުމަށް އިޙުސާސް ކުރެވުމެވެ. އެމްޑީޕީގެ މެމްބަރުންވެސް، އަދި އިސްލާޙަށް އެދޭ އެންމެހާ ދިވެހިންވެސް ދާންވީ ކުރިއަށެވެ. ބާރަށް ކުރިއަށެވެ. މި ސަރުކާރުގެ އަނިޔާވެރި ވަކިތަކުން ޤައުމު ސަލާމަށް ކުރުމަށެވެ. ހިފެހެއްޓިފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަށް އަލުން ހޯދުމަށް އާހިތްވަރަކާއެކު ކަމަރު ބަނދެގެންނެވެ. އުއްމީދާއި، ހިތްވަރާއެކު ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެއެވެ. ކާމިޔާބުގެ އައްސޭރި އޮތީ ނުހަނު ކައިރީގައެވެ. ހަމަޔަޤީނުންވެސް މީމުގައި އުބުފިލި ޖަހާއިރަށް މަރަށް ތެޅިގަންނަ ސަރުކާރަކަށް ރައްޔިތުންނަށް ކޮށްދެވޭނެ ވެރިކަމެއް ނެތެވެ. ބޮޑުވަރަކަށް އޮލިމްޕަހުގައި ސަރުކާރުން ޕްރޮޑިއުސްކޮށް، ނަހުލާ ޑައިރެކްޓްކުރާ "އެ ބިރުވެރި މީމު" ނަމަކަށް ކިޔާ ފިލްމެއް އެޅުވިދާނެ ތޯއްޗެކެވެ.

26 November 2015 0 comments

Minjuvaan.. Emmen..

ލިޔުނީ: އަޙުމަދު ޔާމީން
"ކަމަކަށް ގޮވާލީމާ މިޤައުމުގެ ޢިއްޒަތާ އަބުރަށްޓަކާ، އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަވެސް ހުންނާންމޭ...

ކިއްލާތެރޭގާ ވަދެ އޮތަސް ކަނޑުގާއޮތަސް ދަނޑުގާ އޮތަސް، ބިއްލާހި ތެދެކޭ މަރުއައިސް ގެންދާނެކަން ދަންނާނަމޭ..."

ވަޠަނުގެ ލޮބުވެތި މުވާތިނުންނޭވެ. ޤައުމިއްޔަތު ވިއްކައިފިއެވެ. ޙައްޤުތައް ހިފަހައްޓައިފިއެވެ. ޒުވާނުން ކަތިލައިފިއެވެ. ރިޟްވާން ގެއްލުވާލައިފިއެވެ. ޔޫތް ސިޓީ ކާލައިފިއެވެ. މީޑިޔާ ޙިޞޯރުކޮށްފިއެވެ. މިނިވަންކަން ނަގާލައިފިއެވެ. އިޤްތިޞާދު ރޮއްވާލައިފިއެވެ. ޤައުމު ދަރުވާލައިފިއެވެ. އިސްތިޤްލާލް އޮޅާލައިފިއެވެ. ވަޙްދަތު ދިރުވާލައިފިއެވެ. ދީން އޮޅުވާލައިފިއެވެ. ރައްޔިތުން ނިކަމެތިކޮށްފިއެވެ. ސިޔާސީވެރިން ހުރަގޭގައި ޤައިދުކޮށްފިއެވެ. މިތުރުން ހަތުރުންނަށް ހަދައިފިއެވެ. ގަދަމީހާ ގަދަވެއްޖެއެވެ. ބަލިމީހާ ބަލިވެއްޖެއެވެ. ފުރިތާ ޖެހިއްޖެއެވެ. ނޫނީ އެއަށްވުރެ ގޯސްވެއްޖެއެވެ. ވެރިން ގެރިންނަށް ވެއްޖެއެވެ. ގޭގައި މަޑުން ތިބުން ލަދު ކަމަކަށް ވެއްޖެއެވެ. މަގުމައްޗަށް ނިކުންނަށް މަޖުބޫރުވެއްޖެއެވެ. މިންޖުވާން ޖެހިއްޖެއެވެ. މިކަން ނިންމާން ޖެހިއްޖެއެވެ.

ޖެހިގެން ހުރިގޭ އިބުރާހީމް މުޅި ޢާއިލާ ގޮވައިގެން ފުރަނީއެވެ. ކަމަނަ ގޯތީ އާދަނު އިއްޔެ ބޭލި އޮޑީގައި މާލެއަށް ދިއުމަށް މުދިންބެ ދައްކާލާފައި ހުރީ އަމަށަކު ފޯރިއެއް ނޫނެވެ. އެންމެ އެކުވެރި ކާސިމު ބުނީ މިފަހަރު ކުޅިކުޅިވަރެއް ނުކުޅެވޭނެކަމަށެވެ. މިރަށާ އިންވެގެން އޮތް ރަށުގެ މަލަމަތި ފެންނަނީ އަދި މާ ހަލަބޮލިކޮށެވެ. އެންމެންގެ އަމާޒުވެސް ހުރީ އެއް މިސްރާބަކަށް ހިފާފައެވެ. އެވެރިން ތިބީ 27 ވަނަ ދުވަހު މާލެ ދިއުމަށް ކެތްމަދުވެފައެވެ. މަސްވެރިން އެވެރީންގެ މަސައްކަތް މެދުކަނޑާލުމަށްފަހު މާލެ ފުރުމަށް އޮޑިފަހަރު ތައްޔާރުކުރަނީއެވެ.

އާއެކެވެ. ވަށައިގެންވަނީ ބޮޑެތި މައްސަލަތަކެކެވެ. އަޅުގަނޑުމެން ކުރާން ޖެހިފައި މިވަނީ ބުރަ މަސައްކަތެކެވެ. ވާންޖެހިފައި މިވަނީ ބޮޑު ޤުރުބާނީއެކެވެ. މިންޖުވުމަށް ކުރަންޖެހޭ ޤައުމީ މަސައްކަތެވެ. މާތްﷲ ގެ ޙަޟްރަތަށް ދެންނެވުމުގައި އަދާކުރަންޖެހޭ ދީނީ ވާޖިބެވެ. ދަރީންގެ ދަރީންގެ މުސްތަޤްބަލް އުޖާލާކުރުމަށް އުފުލަންޖެހޭ މަތިވެރި ޒިންމާއެވެ. ޤައުމީ މަތިވެރި އަބްޠާލުން ކޮށްޓެވި މަގުން ހިނގުމުގެ އުފާވެރި މަސްއޫލިއްޔަތެވެ. ޢަލީ ރަސްގެފާނާއި، ބޮޑުތަކުރުފާއި، ދޮންބަންޑާރައިންނާއި، ޙުސައިން އާދަމާއި، ރައީސް ނަޝީދުގެ ހިތްވަރުން އުއްމީދު އައުކޮށް ފަހަށް ނުޖެހުމުގެ ރޫޙް ކުރިޔަށް ނެރުމުގެ ނަފްސުގެ ޖިހާދެކެވެ. އަލް މަރުޙޫމް މޫސާ ފަތުޙީގެ ސިފަކުރެއްވުމާ އެއްގޮތަށެވެ.

"މިނިވަންކަމާ އެކުވެރިކަމާ ހަމަހަމަކަމަށް ތަރުޙީބުދީ، ހިނިތުންވެތިބެ ދީނީ އުޚުއްވަތް ފެތުރުމަށް މަގޮވާނަމޭ...

އަގުހުރި އެކާބަފައިން ހަވާލު މިތާ ކުރެއްވި އަމާނަތަށް، ވަގުތާއި ޖާނާ މާލުދީ ރައްކާ ކުރަން ހުންނާނަމޭ..."

މިއަދު މި ޤައުމުގައި ހަމަހަމަކަމެއް ނެތެވެ. އެކުވެރިކަމެއް އެއްބައިވަންތަކަމެއް އެއްބައެއްވަންތަކަމެއް ޢަމުދުން ނެތެވެ. ވަކި ޢާއިލާއެއްގެ ވިރާސީ ރަސްކަން ދެމެހެއްޓުމުގެ ދުނިޔެވީ އެދުންވެރިކަމުގައި މި ލޮބުވެތި ޤައުމުގެ "މިއަދު" ނެތިކޮށްލައިފިއެވެ. މުސްތަޤްބަލް އަނދިރިކޮށްލައިފިއެވެ. އަންނާން އޮތް ޖީލުތަކުގެ ވާގި ނައްތާލައިފިއެވެ. މައިން ބިކަކޮށްފިއެވެ. ދަރީންގެ އުއްމީދުތައް ނަގާލައިފިއެވެ. ކާބަފައިން ޙަވާލުކުރި ޤައުމީ ބޮޑު އަމާނާތަށް ޚިޔާނާތްތެރި ވެއްޖެއެވެ. ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއް ކަރުނައަޅާ ރޮނީއެވެ. މި ޤައުމުގެ އުދަރެހަށް ކޮންމެ ދުވަހަކު އަރާ އޮއްސޭ އިރުގެ ރަންރީންދޫ ދޯދިތަކުން އާދޭސް ކުރަމުން ދަނީ ޚާންދާނީ އަނިޔާވެރި ރަސްކަމުން މިންޖުވާން ހުރިހާ ރައްޔިތުން އަތުގުޅާލުމަށެވެ. ޒާތީ ތަޢައްޞަބުން އެއްކިބާވެ ތިބެ މި ވަޠަނުގެ ދިފާޢުގައި ކޮނޑާކޮނޑު ޖައްސައި ސަލާމް ކުރުމަށެވެ. މި ޤައުމުގެ ޙައްޤުގައެވެ.

ދަންނާށެވެ. ޤައުމަށްވުރެ އަގުހުރި އެއްވެސް އެއްޗެއް ނެތެވެ. ޤައުމެއް ނެތް ތަނެއްގައި ރައްޔިތުންނެއް ނުތިބޭނެއެވެ. ރައްޔިތުން ނެތްތަނެއްގައި ކުރާނެ ވެރިކަމެއް ނޯންނާނެއެވެ. މި އަސާސީ އުސޫލު ނުވިސްނިގެން މި އުޅެނީ މިއަދު ވެރިކަމުގައި ތިއްބެވި ފަންސަވީސްހާސް މީހުންގެ ޕާޓީގެ ނުކުޅެދޭ ސިކުނޑިތަކަށެވެ. ނޫނެކެވެ. ނުވިސްނެނީއެއް ނޫނެވެ. ވިސްނަން ބޭނުންނުވަނީއެވެ. ޤައުމުގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައި ޤައުމު ފުނޑުފުނޑު ކޮށްލަންވެސް އެވެރިން ތިބީ ތައްޔާރަށެވެ. ހަމަ ޖާހިލީއެވެ. ވިސްނަނީ ހަމައެކަނި "ކމނ" ގޭ ހަތަރުފާރުން އެތެރެއަށެވެ. ރައްޔިތުންނަކީ ތިބިބައެއްކަންވެސް ނުދަނެއެވެ. ވީއިރު މިކަމުން މިންޖުނުވެ މިޤައުމު އަތުވާނެ އެއްގޮތެއްވެސް ނެތެވެ.

މީ އަޅުގަނޑު އެކަނި ބުނާ ބުނުމެއް ނޫނެވެ. މިއީ މި ޤައުމުގެ ގިނަ ރައްޔިތުންގެ ހިތުގެ ގޮވުމެވެ. އަންމަކަޅޭ އާއި، ޕައްލަންބެވެސް ދައްކަނީ މިވާހަކައެވެ. 27 އަށް މާލެ އަރާ މިޤައުމު ހަމަމަގަށް އަޅުވަންވެއްޖެ ވާހަކައެވެ. ޔަހުޔާ ކާޅުހިފިގޮތަށް، ދެން ވެދާނޭގޮތެއްގެ އިންތިޒާރުގައި ތިބެވެން ނެތްކަމުގެ ވާހަކައެވެ. މިކަން ނިންމަންވެއްޖެ ވާހަކައެވެ. މި ވަޠަނުގެ ހަފަރާތުގެ ގޮވުންތަކަށް ރައްޔިތުންގެ ހިތުގެ ޖޯޝީ ޤައުމީވަންތަކަމުން އިޖާބަދޭންވެއްޖެ ކަމުގެ ވާހަކައެވެ. ރައީސް ނަޝީދު އަނބުރާ ރައްޔިތުންގެ ލަޝްކަރުގެ ކުރީސަފަށް ގެންނަން ވެއްޖެ ވާހަކައެވެ. އެކަން ކުރެވެން އޮތީ ކުޑަ ހިތްވަރެއް ކޮށްގެންނެވެ. 27 ވަނަ ދުވަހު ނިކުމެ މިންޖުވާން ސަފުތައް ރުކުރުވާލައިގެންނެވެ.

"އަހުރެންގެމޭ ޤައުމަށްޓަކާ އައްޑަނަ އަކަށް ދިއްކޮށްލުމީ، ފަހުނޭވަޔަށް ދާންދެން މޮޓޯ ކަމުގާޚިޔާރު ކުރާނަމޭ...
އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް، ގަންނާކުރެއްވި ބިރުން ފިލަން ދާ މީހަކަށް މަ ނުވާނަމޭ..."

19 November 2015 0 comments

މަމެން ކުރީމަ އޯކޭ! ތަމެން ކުރީމަ ގޯސް!

 
ލިޔުނީ: އަޙުމަދު ޔާމީން
މަށަކީ ވެސް ދިވެއްސެކެވެ. ބޮޑުފަތިހާ އެނދުން ތެދުވެ ފަތިސްނަމާދުކޮށްލައިގެން، އޮޑީ ކުދިންނާއެކު މަސްވެރިކަމަށްނިކުމެ، ބޭނުނު މަސްކޮޅު ހިފައިގެން އިރުއޮއްސުމުން ރަށަށް އައިސް އޭގެން ގަރުދިޔަ ކައްކައިގެން ކައިގެން ނިދައި އުޅުނު ދިވެހިވަންތަ ދިވެއްސަކީމެވެ. ވަށައިގެން ހިނގާ ކަންތައްތަކާމެދު ބުއްދި އިސްކޮށް ވިސްނަން އަމުދުން ނުވެސް ދަންނަ ނިކަން ވަރިހަމަ ދިވެއްސަކީމެވެ. އަމިއްލަ ސިކުނޑީގައި ފުޅަފެއް ޖަހައިގެން ދިޔާހަކުރާ ކާއްޓާ މަހުން ދަރިންގެ މުސްތަޤްބަލް ކުރަހަމުން އައި ދިވެއްސަކީމެވެ. މަންމަގެ ތަރިކައިން ވާރުތަވި ރުކުން ވެއްޓޭ ކާއްޓަށް ބަލަމުން އަމިއްލަ ފަސްގަނޑުގެ ތަރައްޤީ ވަޒަން ކުރަމުން އައި ފަޚުރުވެރި ދިވެއްސަކީމެވެ. ވެރިން ވިދާޅުވި ކޮންމެ ކަމެއް ކުރުމުގައި ޚާދިމެއްގެ ގޮތުން ބޯލަނބަމުންއައި ދިވެހީންގެ ދިވެއްސަކީމެވެ.
އަޖާއިބެކެވެ. ކާބަފައިންގެ މި ދިވެހިވަންތަ ސިފަތައް މިއަދާހަމައަށް އަދިވެސް ދިވެހި ޖައްވުގައި މިވަނީ ވަކިހިއްޕާލާފައެވެ. ރާއްޖެތެރޭ މީހުން އުޅެން ޖެހޭނީ ރަށުގައެވެ. އެމީހުން ދާންޖެހޭނީ މަހަށެވެ. އެވަރުން އެމީހުންނަށް ފުދޭނެއެވެ. ތަރައްޤީއާއި، ތަހުޒީބު ލިބެންޖެހޭނީ މާލޭ ބޭފުޅުންނަށެވެ. ވެރިކަން ކުރަންޖެހޭނީ އެބޭފުޅުންނެވެ. ވެރިކަމަކީ ރަސްމަތި ޚާންދާނުގެ ޝާހީ ޢާއިލާތަކުގެ މިލްކެކެވެ. އިތުރު މީހަކު ވެރިކަމުގެ ޚިޔާލު ސިކުނޑިއަށް ގެނައުމަކީވެސް ދީނުން ބޭރުވާފަދަ ބޮޑު ކުށެކެވެ. ވީއިރު ދިވެހިންގެ ވިސްނުމަށް ހަމަ އައްސަރިބަހާއި ސާބަހެވެ.
ވެރިން ކުރިން ދެއްކީ ދީނުގެ ވާހަކައެވެ. އިސްލާމްދީނަކީ ހަމައެކަނި ނަމާދާއި، ދުޢާކުރުމާއި ފަރުޟުތަކުގެ ދީންކަމަށް ވިސްނައިދިނުމެވެ. ހުކުރުދުވަހު "ދީނުގެ މަގު" ކިޔާލީމާ ސީދާމަގު ލިބުނީއެވެ. އެ މިންވަރަށް ރާއްޖެތެރޭމީހުނަށް ދީން އޮޅުންފިލީމާ އެހުރީ އޯކޭ ވެފައެވެ. އިސްލާމްދީނަކީ ސައިންސާއި، ތަމައްދުނާއި، ތަހުޒީބުގެ ދީންކަން ދަސްކުރަންވާނީ ބޭފުޅު އާއިލާތަކުގެ ބޭފުޅުންނެވެ. މިސްރުން ނޫނީ އެޢިލްމު ޢަމްދުން ނުވެސް އުނގެނެވޭނެއެވެ. ދެން އެނބުރި ވަޑައިގެން އެ ދެއްވާ ދަރުސްތަކުންވެސް މީހުން ހޮޑުލަވާވަރު ވެއެވެ.
އެބޭފުޅުން ބުނެއެވެ. ވެރިކަމާ ނުތޮޅޭށެވެ. ބަޣާވާތް ނުކުރާށެވެ. އަހަރެމެން އަޑުއަހައި ކިޔަމަންވީމުއެވެ. އެކަމަކު 7 ފެބްރުއަރީގައި އެބޭފުޅުން ބަޣާވާތް ކުރަންވީމައި އެކަންވެސް އޯކޭއެވެ. އެބޭފުޅުން ބުނެއެވެ. ރާ ބުއިމީހެކޭ، ވިއްކި މީހެކޭ، އުފުލި މީހެކޭ އެއްވަރެވެ. އަހަރުމެން އަޑުއަހައި ކިޔަމަންވީމުއެވެ. އެކަމަކު އެބޭފުޅުންގެ ދަބަހުން ދެފުޅި ބަނގުރާ އުފުލާއިރު އެކަން އޯކޭއެވެ. އެބޭފުޅުން ބުނެއެވެ. ބާބް މާޖާއަ ފިލް މަސާޖެވެ. ހިލޭއަންހެނަކާ ދިމާލަށް ބަލައިލުންވެސް ޙަރާމެވެ. އަހަރެމެން އަޑުއަހައި ކިޔަމަންވީމުއެވެ. އެކަމަކު އެބޭފުޅުން އަރާމު ދާންތަކުގައި އުފާ ޙާސިލްކުރަން ވީމައި އެކަން އޯކޭއެވެ. ދީންވެސް މި އޮންނަނީ ރާއްޖެތެރޭ މީހުންނާއި، މާލޭ ބޭފުޅުންނަށް ދެގޮތަކަށް ތޯއްޗެކެވެ.
އެބޭފުޅުން ބުންޏެވެ. ދަތިޙާލުގައި ގިނަގިނައިން ދުޢާކޮށް މާތްﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. އެކަލާނގެ ތިބާމެންގެ ދަތިތައް އުފުއްލަވައި، ރާސްތާ ތަނަވަސްކޮށްދެއްވާނެއެވެ. އެބޭފުޅުންގެ ބަސް ޤަބޫލުކޮށް އަހަރެމެން ކިޔަމަންތެރިކަމާއެކު ހަފްތާއަކު އެއްފަހަރު ދުޢާކުރަން ފެށީމެވެ. ދިވެހިންގެ ސިކުނޑީގައި ލެވިފައިވާ އަނދިރި ފާރުތައް ނެތިކުރައްވައި އެއުރެންނަށް ހެޔޮ ވިސްނުން މިންވަރުކޮށް ދެއްވުން އެދިއެވެ. ރައީސް ނަޝީދާއި، ސިޔާސީ ހައްޔަރީންނަށް ލިބެމުންދާ އަނިޔާއިން މިންޖުކޮށްދެއްވުން އެދިއެވެ. އަނިޔާވެރިންގެ ކިބައިން މި ވަޠަން ނަޖާކޮށްދެއްވުން އެދިއެވެ. އެކަމަކު އެހިސާބުން އެގޯސްވީއެވެ. ހަތަރެސްކަން ހަމަވީއެވެ. އެބޭފުޅުން ބުނަންފެށިއެވެ. ހޯހޯއެވެ. ހޯހޯއެވެ. ތިގޯހެވެ. ކަލޭމެންނަށް ވެރިކަމުގެ ވާހަކަ ދުޢާގައި ނުގެނެވޭނެވެ. ތިޔަ ކުރެވެނީ ބަދު ދުޢާއެވެ. ވެރިކަމާމެދު ދުޢާ ކުރެވޭނީ ބޭފުޅުންނަށް އެކަންޏެވެ. ތިޔާ ކަހަލަ ދުޢާ މަމެން ކުރީމާ އޯކޭ ވިޔަސް ތަމެން ކުރީމާ ގޯހެވެ.
12 November 2015 0 comments

ވާންހުރި ގޮތްވެ ނިމޭނޭ.. ޝުކުރު ކުރުން ހެޔޮވާނޭ..

 
ލިޔުނީ: އަޙްމަދު ޔާމީން
 
އެރޭ ހާދަ ރުއިމެވެ. ހަނދާންވަނީ އެ މަންޒަރެވެ. 13 މާރޗް 2015 އެވެ. ކަންފަތުގައި ގުގުމަނީ އެ ބަސްފުޅެވެ. "ހުރިހާ ބޭފުޅުންވެސް ހިތްވަރު ގަދަ ކުރައްވަން" ކުރެއްވި އިލްތިމާސެވެ. ހަވާ ފަޓާސް ބަރިއެއްހެން ހިންގުނު ޝަރީޢަތެވެ. މެންދަމު އިއްވުނު ބޭއިންސާފު ޙުކުމެވެ. 13 އަހަރުގެ ކުޑަގޮޅިއެވެ. ޖޯޝާއެކު އުފުލަމުން ދިޔަ އަޑު ކަރު ބުޑުގައި ތާށިވިއެވެ. އިތުރަށް އަޑު ބޭރުވާގޮތެއް ނުވިއެވެ. އަތުގައި އޮތް "ފްރީ ޕްރެޒިޑެންޓް ނަޝީދު" ޕޯސްޓަރ ބިންމައްޗަށް ވެއްޓުނީ އިޚްތިޔާރުން ބޭރުގައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ފުހެމުން މިސްރާބު ޖެހީ ގެއާ ދިމާލަށެވެ.
ހިތަށް އެރިއެވެ. މި ނިމުނީއެއް ނޫނެވެ. ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެވެ. ދިވެހިންނަށް އެމަނިކުފާނު ހެޔޮ ވެރިކަމެއް ކޮށްދެއްވާނެއެވެ. މިއަދު އެމަނިކުފާނަށް ބޭއިންސާފުވީ ފަރާތްތަކަށް ހެޔޮވިސްނޭނެ ދުވަހެއް އަންނާނެއެވެ. އެދުވަސްވެސް ދިވެހިން ދެކޭނެ ކަމަށް ޔަޤީން ކުރަމުން މާތްﷲ އަށް ވަކީލް ކުރާ ޙާލު ގެއަށްވަދެ ސޯފާގައި އިށީންދެ ފޯނުނަގާ ޓްވީޓް ކުރަން ފަށައިފީމެވެ.
އެހެން ދުވަހެކެވެ. މެންދުރު ގެޔަށް ކާންވަނީ ބަނޑުހައިވެފަ ހުރިލެއް ބޮޑުކަމުންނެވެ. ބެލްކަނިން ބޭރު ބަލާލީމެވެ. މިނިވަން ފަންސާހަށް މާލެތެރެ ތައްޔާރުކުރަމުންދާ މަންޒަރު ފެނުމުން އެވީ ފޫއްސެއް ބުނެދޭންވެސް ނޭންގުނެވެ. ކާމޭޒު ކައިރީ އިށީންދެ ތަށިތަކުގެ މަތިނަގަން ފެށީމެވެ. އަސްތަޣްފިރުﷲ! ބޮނޑިބަތެވެ. ހުރިހާ ތައްޓެއްގައި ބޮނޑިބަތެވެ. ރިމޯޓްނަގާ ޓީވީ ހުޅުވާލީމެވެ. އިންތިޚާބުވިޔަސް ރައީސް ނަޝީދަށް މަޤާމު ޙަވާލު ނުކުރަން ވަޢުދުވި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް މަޖިލީހުގައި ނެގުމަށް ތައްޔާރުވަނީއެވެ. ބަލަބަލާ ހުއްޓާ ފަތުއަޑުކިޔާފަ އެއޮށް ފާސްކޮށް ނިންމާލީއެވެ. ބޮނޑިބަތް ގަނޑުގެ ފޮނި މަޑުވެ އަމުދުން ކާން ނުކެރޭވަރު ވީއެވެ. ރައީސް ނަޝީދަށް އަމާޒުކުރި ގޮވެލިފަތި ތިމާއަށް އަމާޒުވެ އިންތިޚާބު ވުމުންވެސް ގޮނޑި އަތުލީއެވެ. އެއްޗެއް ވިސްނޭނެ ކަމަށް އުއްމީދު ކުރަމެވެ. އަދި ހިތާމައިގައި ބައިވެރިވަމެވެ.
ދެން އިވެންފެށީ މާ ބިރުވެރި އަޑެކެވެ. މާބާރުގަދަ ބޮޑުވަޒީރަކު ނައިބުރައީސްކަމަށް ގެންނަން ނިންމި ޚަބަރެވެ. މަޖިލިސް މެމްބަރުން ރެއެއް ދުވާލެއް ނެތި އެ ނައިބު ރައީސް ޕްރޮމޯޓް ކުރުމުގައި އުޅުއްވާ މަންޒަރެވެ. އެކަކު ބުނެއެވެ. އެއީ ޚާލިދު ބިން ވަލީދެވެ. އަނެކަކު ބުންޏެވެ. އެއީ ކޮންމެ ސަރުކާރަކަށްވެސް ލިބޭނެ ރަންގަނޑެކެވެ. ދެން ހުރި މީހާ ބުނާއަޑު އިވުނެވެ. އެއީ ތިމަންނަމެން ޕާޓީ ހިންގުމަށް ޗަންދާ ހޯދައިދޭ ބޭފުޅާއެވެ. ހިތަށް އެރިއެވެ. ކިހާވަރަކުން ދާނެބާވައެވެ.
މުޅި މަޖިލިސް އެކީ އެކައްޗަކަށް ފޫގަޅައިގެން ނިކުމެ މިނިވަން ފަންސާހަށް ނިކަން ބިޔަ ނައިބު ރައީސްއެއް ގޮނޑީގައި ވަޑުވައިފިއެވެ. މުޅި ޤައުމު "ސްޓްރެސް ފްރީ" ވީކަމަށް ނިންމާ ސިއްކަ ޖަހައިފިއެވެ. ދެނަކާ ދެނެއް ނެތެވެ. ބިޔަ ނައިބު ރައީސް ފުލުފުލުން އިދިކޮޅު ފަރާތްތަކަށް ނިސްބަތްކޮށް ގަދަބަސް ވިދާޅުވުން އުފަލަކަށް ހައްދަވައިފިއެވެ. ޔެލޯފީވާ ނައްތާލަން ވައިރަސް ތަކެއް މުޅި ރާއްޖެއަށް ދޫކޮށްލަނީ ކަމަށްބުނެ މަހާރެހެންދި ރުއްސަން މަހާސިންތާގެ ނަމުގައި އެރޮބިކްސް ކްލާސްތަކެއް ވެސް ހިންގައިފިއެވެ. ރައީސް ޔާމީން އަތްޕުޅު ޖައްސަވަނީއެވެ. ސިއްދީޤު އާއި އައްބާސް އާދިލް ރިޒާ ނަށްޓަވަނީއެވެ. ވާހް ސަރީ ވާހް!
ވިސްނާލީމެވެ. މިވެރިން މިހާވަރަކުން މިއުޅެނީ ކާމިނީ ޢާއިލާގެ ހިޔަޅުކަން އަދި ނޭންގެނީއެވެ. ބޮކި ނައިބުރައީސް ބޮތްކެއްހެން ފަޅާވެސް ލާނެއެވެ. ކަންތައްވީ ހީކުރެވުނު ގޮތަށެވެ. ޚާލިދު ބިން ވަލީދު ގެ ލަޤަބް އަބޫ ޖަހުލުގެ ލަޤަބަށް ބަދަލުކޮށް މިނިވަން ދުވަހަށް ގެނައި ނައިބުރައީސް ޖުމްހޫރީ ދުވަހަށް ބޭރުކުރާނެކަން އިޢުލާނު ކޮށްފިއެވެ. އެންމެ އިޚްލާސްތެރި ބްރޯ ބޮޑު ޓެރަރިސްޓަކަށް ވީޔޯލައެވެ. ފިނިފެންމާ ދޯނީގައި އެގޮވި އެއްޗެއް ގޮވައި ވަޔަށް އަރައިގެންދިޔަ ހަވާ ފަޓާސް ގަނޑެއް ގޮތަށް ބްރޯވެސް ވަޔަށް ބުރައިގެން ދިޔައީއެވެ. އެންމެ 107 ދުވަހުގެ ތެރޭގައި ހުރިހާ އާރަކާއި ބާރެއް ގެއްލި ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާން ޖެހުނީއެވެ. ސަނާ ކިޔަމުން ފަހަތުން ދުވި އެންމެންގެ އަތުން ގްރީން ބަޓަނަށް ޕްރެސްކޮށް އިމްޕީޗްކޮށް ނިންމާލީއެވެ. ހެއްދެވި ނުހެއްދެވިއަށް ގޮވީއެވެ. އިންސާނިއްޔަތު ކަމުގެ ބަހެއް ބުނެލީ ހަމައެކަނި އެއްކަލަ އެމްޑީޕީ އިންނެވެ. މާތް ﷲ ގެ ކުޅަދުން ވަންތަ ކަމެވެ.
ދެން ކުރިމަތިވީ މާބޮޑު ކަމެކެވެ. ރައްޔިތުންގެ މަޖިލިސްކުރާގޭ ކައިރިއަށް ނޫސްވެރިން އެއްވެ އުޅޭތީ ވާގޮތެއް ބަލާލަން ކައިރިއަށް ޖެހިލީމެވެ. ރޭގަނޑު ކަމަށް ވުމުން މަޖިލީހުގެ ޖަލްސާއެއް ނޯންނާނެތާއެވެ. މިހާ ޑިމޮކްރެޓިކް ވެރިކަމެއް އޮންނަ ޤައުމެއްގަ ކުއްލި ކުއްލި އަށް އުސޫލު ބަދަލުވިޔަސް މަޖިލިސް މެމްބަރުން ވަރަށް އިޚްލާސްތެރިވާނެތާއެވެ. ކުއްލިޔަކަށް ފެނުނީ ގުންފައި ޖަހާފައި ނިކަން ފުންނާބުއުސް ބޭފުޅަކު ނިކުމެ ޝަކުވާ ކުރައްވަން ފެއްޓެވި މަންޒަރެވެ. ޖަވާބު ދާރީވާން ފުރުސަތު ނުދިނީޔޯލައެވެ. މައްސަލަ ހުށައަޅާ 12 ގަޑީއިރު ތެރޭ ރާސްޓަސް ކިޔާ މައްސަލަ ނިންމާ މަޤާމުން ބޭރުކޮށްލަނީ ކަމަށާއި، މީ ބޭއިންސާފު ކަމަށް ވިދާޅުވެއްޖެއެވެ. ކާކުތޯ ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ރައީސް ނަޝީދަށް ބޭއިންސާފު ދަޢުވާކުރި ޕީޖީ އެވެ. ވައިސޫރިއެއްހެން މަޤާމު ގެއްލުނީއެވެ. ދަންވަރު ރައީސް ނަޝީދަށް ހުކުމް އިއްވަން މައްސަލަ ހުށައެޅުއްވި ޕީޖީ ދަންވަރު މަޤާމުން ބޭރުކޮށް އެއްލާލީއެވެ. މާޟީ އިޢާދަވީއެވެ. ރައީސް ނަޝީދަށް ބޭއިންސާފުވީ މީހުން، ފަހަރަކު މީހަކު މިދަނީ އެ ބޭއިންސާފުގެ ހިތިކަން ދެކެމުންނެވެ. އެބޭފުޅުން އެބޭފުޅުންނާ ނަގޫ ގޮށްޖެހި ވަފާތެރިންނާއި، ބޭވަފާތެރިން އެބޭފުޅުންނަށް ވެސް އޮޅި ހަމަ ރަނގަޅަށް އަތަށް ގޮވައިފިއެވެ. ކުރާނެކަމެއް ނެތެވެ. ވާންހުރި ގޮތްވެ ނިމޭނެއެވެ. ޝުކުރު ކުރުން ހެޔޮވާނެއެވެ.


Labels

 
;