25 May 2020 1 comments

އެކްސް ކިއުޒް މީ؛ ރެންޑަމް ސާމްޕަލް ނެގުމުގައި ބިދޭސީން ތަފާތުކުރަނީތޯ؟


އަނެއްކާވެސް ހަމަ އެއްކަލަ ވާހަކައެވެ. ބިދޭސީންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާއެވެ. މިފަހަރު އެޗްޕީއޭއިން މަގުމަތިން ރެންޑަމް ސާމްޕަލް ނެގުމުގައި ބިދޭސީންގެ ސާމްޕަލް ނުނަގާ މައްސަލައެވެ. ވަރަށް ދެރައެވެ. ބިދޭސީންނެއް ކަމަކު އެމީހުންނަށްވެސް ރެންޑަމް ސާމްޕަލް ނަގައިދިނުމުގެ ޙައްޤު އޮންނަންވާނެތާއެވެ.

ޓްވިޓަރު ހާވަމުން ދިޔައީމެވެ. އެކަމަށް ދެވިހިފާފައި ހުރުމާވެސް އެކު ތޯއްޗެކެވެ. ނިދުމުގެ ކުރިން ޓުވިޓަރަށް ފީނައިނުލީވިއްޔާ ލޮލަށް ނިދިވެސް ނާންނަނީއެވެ. ކުއްލިޔަކަށް ލޮލުގައި އަޅައިގަތީ ޢާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓެކެވެ. އޭނާގެ ކަންބޮޑުވުން ވަރަށް ސާފެވެ. ދިވެހިންނަށް ޚިދުމަތް ދިނުމުގައި އުޅޭ ބިދޭސީންގެ ތެރެއިން މީހެއްގެ ސާމްޕަލް ނެގުމަށް އެޗްޕީއޭގެ ބައެއް ޚިދުމަތްތެރިން ދެކޮޅުހެދީ ޔޯލައެވެ. އެ ބިދޭސީ މީހާ އަމިއްލައަށް ސާމްޕަލް ނަގަން އެދުމުންވެސް އެކަމަށް ފުރަގަސް ދިނީ ޔޯލައެވެ.

އަޅުގަނޑުގެ ހައިރާންކަން އިހުނަށް ވުރެ ބޮޑު ވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މިފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކަށް ބިދޭސީންނާމެދު މުޚާތަބު ކުރެވުނު ގޮތުން އޭނާ އަށް ރަތްމަހަށް ނުގޮވާ ވަރަށް އެއްޗެހި ގޮވި ހަނދާން އަޅުގަނޑުމެންގެ ހަނދާނުން ފިލައިގެންދާހާ ދުވަހެއް ވީކީ ނޫނިއްޔާއެވެ. އެކަމުގައި އެފަހަރު އެޗްޕީއޭގެ ފަރާތުން ކާމިޔާބުވެސް ހޯދިއެވެ. އެ ނޫސްވެރިޔާ މުޅި ރާއްޖެއަށް ފަޟީޙަތްކޮށް ދިވެހިންނަކީ ބިދޭސިންނަށް އެންމެ އިޙްތިރާމް ކުރާ މީހުންނަށް އެ ސައުވީސް ގަޑި އިރަށް ބަދަލުވީ ވިއްޔާއެވެ.

އެވާހަކަ ބާއްވާށެވެ. މި ވާހަކަ ދައްކަން ހިނގާށެވެ. އެ ޒުވާނާގެ ޓްވީޓް ފަށާފައިވަނީ މާލޭ މާފަންނު ސަހަރާ ކަންމަތިންނެވެ. ދުވަހަކީ ވިހިވިހި މެއި ސައުވީހެވެ. ސިއްޙީ ޚިދުމަތްތެރިން އެތަނުގައި ރެންޑަމް ސާމްޕަލް ނަގާތީ އޭނާވެސް މަންޒަރު ބަލާލަން މަޑުކޮށްލީއެވެ. ސާމްޕަލް ނެގުން އޮތީ ހަމަ ޔާ ހަބޭސްކޮށެވެ. މަގުމަތިން ދާހާ މީހަކު ހިފަހައްޓާފައިވެސް ސާމްޕަލް ނަގަނީއެވެ. އަތް ހޫރަ ހޫރާފައި ކައިރިއަށްވެސް ގެންދަނީއެވެ. ވަރަށް ރަނގަޅެވެ. ހުރިހާ ދިވެހިންގެ ސަލާމަތަށް ޓަކައި އެއީ އެކަން ކުރަންޖެހޭ ގޮތެވެ. އެކަމަށްޓަކައި އެ ޚިދުމަތްތެރިންނަށް އައްސަރިބަހާއި ސާބަހެވެ. ޝުކުރުގެ ޖިޒީތައް ވެދުން ކުރަނީ ހިތުގެ އުމުގުންނެވެ.

ޓުވިޓަރުގައި ލިޔުނު ޒުވާނާގެ ކައިރިއަށް އެވަގުތު އިސްސަފުގައި ޙަރަކާތްތެރިވާ ބިދޭސީ ޚިދުމަތްތެރިއެއް މަޑުކޮށްލައިފިއެވެ. ފުރަބަންދުގައި ތިބި ރައްޔިތުންނަށް މުދާ ޑެލިވަރކޮށް ދިނުމުގެ މަތިވެރި އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ބިދޭސީ ޚިދުމަތްތެރިއެކެވެ. އެތަނުގައި ހިނގާ ކަމަކާ ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި، ކޯވިޑް-19 އަށް ސާމްޕަލް ނަގަނީ ކަމަށްބުނެ އެ ބިދޭސީ ޚިދުމަތްތެރިޔާއަށް ޖަވާބު ދީފިއެވެ.

ދައްކާން އުޅޭ ވާހަކަ ފެށޭވަރުމިވީ އަދިކިރިޔާއެވެ. ކުރާނެ ކަމެއްނެތެވެ. ކީބޯޑުގެ ފިތްތަކަށް ފިތާވަރަކަށް ލިޔާން ހުރި ބައިވަރުތައް ގިނަ ވަނީއެވެ. އަނެއްކާވެސް އެ ބިދޭސީ ޚިދުމަތްތެރިޔާއެވެ. ވަރަށް އުފަލުންހުރެ އޭނާގެ ސާމްޕަލް ނަގައިދިނުމަށް އަމިއްލައަށް އެދެފިއެވެ. އޭނާގެ އެދުމާއެކު، ޖަވާބު ވައިސޫރިއެއްހެން ސާމްޕަލް ނަގަންތިބި ޚިދުމަތްތެރިންވެސް ދީފިއެވެ. "ބިދޭސީންގެ ސާމްޕަލް ނުނަގަމެވެ. ނަގަނީ ދިވެހިންގެ ސާމްފަލެވެ." ރެންޑަމް ވީމަ ބިދޭސީން އިސްތިސްނާ ވަނީވެސް ތޯއްޗެކެވެ.

ކަރުއެލުވާލައިގެން އެނބުރި އައިސް އޭނާގެ ކޮށި ދިވެހި ބަހުން ހިތުގެ ރިހުން ހާމަކޮށްފިއެވެ. "އަސްލު ވަރަށް މުހިއްމު ދޯ! އަހަރެން މީހުން އަބަދު ޑެލިވަރީގަ ބޭރުގަ އުޅެނީ! ކޮންމެސް ޓެސްޓު ކުރަން ބޭނުންދޯ!" ތެދެކެވެ. އެޗްޕީއޭގެ ނޫސްކޮންފަރެންސް ތަކުގައި އަޑުއިވެނީ ރެންޑަމް ސާމްޕަލް ނެގުމުގައި އެއްބާރުލުން ދިނުމަށް ގޮވާލާއަޑެވެ. ނަމަވެސް މިފަހަރު ދިވެއްސަކަށްވުރެ އެކަމުގައި ބިދޭސީއަކު އިސްނެގުމުން ބިދޭސީންގެ ސާމްޕަލް ނެގޭގޮތަށް އެވަގުތު ހަމަޖެހިފައި ނެތީ ތޯއްޗެކެވެ. ނޫނީ ވިއްޔާ މީވެސް ދިވެހިންނާ ބިދޭސީން ތަފާތު ކުރުމުގެ އާ ބާބެއް ބާވައެވެ؟

ނޫނެކެވެ. އަޅުގަނޑު އެގޮތަށް ޤަބޫލުކުރާ ހިތެއް ނުވެއެވެ. އެޗްޕީއޭއިން ބިދޭސީން އެދުނަސް ސާމްޕަލް ނަގައިދޭނެއެވެ. ފަހަރުގައި އެޗްޕީއޭގެ ކުދިންނަށް ބިދޭސީ މީހާ ބުނި އެއްޗެއް ފަހުމް ނުވީކަމަށް ވެދާނެއެވެ. ދިވެހިން ބިދޭސީންނަށް ދެރަގޮތެއް ނުހަދާނެތާއެވެ. ރާއްޖޭގައި ޖަނަވާރުންވެސް ނުގެންގުޅޭހާ ދަށުދަރަޖައިގައި ބިދޭސީންނާމެދު ޢަމަލު ކުރެވެމުން ދަނީ ދިވެހިންގެ ހިތުގައި ބިދޭސީ ޚިދުމަތްތެރިންނާމެދު އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ނުވިތާކަށް އެ ބައިބޯ، ކޮށިތަކުން ބިދޭސީންނެރެ އެމީހުންނަށް ރައްކާތެރި ބޯހިޔާހައިކަމެއް ސަރުކާރުން ފޯރުކޮށްދޭން ފެށުމުން އެކަމާ ދެކޮޅަށް ދިވެހިން ޗުއްޕުވެސް ބުނާއަޑެއް ނީވޭތާއެވެ.

އާއެކެވެ. ދިވެހިން ބިދޭސީންނަށް އިޙްތިރާމް ކުރަނީ މީސް މީޑިއާގައެވެ. ނުވަތަ ނޫސްކޮންފަރެންސެއްގައި ތިމާގެ އަގު އަރުވާލުމަށެވެ. ތިމާމެންގެ ޢަމަލުން ދައްކަނީ އޭގެ އިދިކޮޅެވެ. ދެކަންފަތަށް އުނގުރި ޖަހައިގެން ދެލޮލުގައި ފޮތިގަނޑެއް އެއްސީމާ ގައިމު ބިދޭސީންނަށް ދިވެހިން ދީފައިވާ މަތިވެރި މަޤާމެއް ނުފެންނާނެތާއެވެ.

ޓްވީޓްކުރި ޒުވާނާގެ ކަންބޮޑުވުން ވަރަށް ސާފެވެ. ސާފު ނުވެގެން މިއުޅެނީ އެޗްޕީއޭގެ ޚިދުމަތްތެރިން އެ ބިދޭސީ ޚިދުމަތްތެރިއާގެ ސުންކު ނެގުމަށް ދެކޮޅުހެދި ސަބަބެވެ. އެކްސް ކިއުޒް މީ އެޗްޕީއޭ! މިވާނުވާއެއް އަންގާލަބަލާށެވެ. ރެންޑަމް ސާމްޕަލް ނެގުމުގައި ބިދޭސީން އަމިއްލަ އަށް އެދުމުންވެސް އެމީހުންގެ ސާމްޕަލް ނެގޭނެ ގޮތެއް ތިޔަ ގެންގުޅުއްވާ އެސްއޯޕީ ތަކުގައި ނެތީތޯއެވެ؟ ހަމައެކަނި ނޫސްކޮންފަރެންސް އެއްގައި އެކްސްކިއުޒްމީ އޭ ބުނެ ހަމައެކަނި ބަހުން ބިދޭސީންނަށް އިޙްތިރާމް ދިނަކަސް ކަމަކު ނުދާނެއެވެ. ވަރަށް ސަލާމެވެ.


04 April 2020 0 comments

ރާއްޖެތެރޭމީހުންނަށް މާލެއިން ގޯތި ދިނުމުގެ އުޞޫލް


މިއީ، މުޙައްމަދު ފަރީދުގެ ރަސްކަމުގައި އަދި އިބުރާޙީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި  ރާއްޖެތެރޭމީހުންނަށް މާލެއިން ގޯތި ދިނުމުގައި ޢަމަލުކުރަމުންއައި އުޞޫލެކެވެ.
0 comments

ޒުވާބު ކުރާ މީހުންނަށް އަދަބު ދިނުމުގައި އޭރު އޮތްގޮތް


0 comments

އުތުރުގަޑުބަޑު ގެ ޝަރުތުތައް



"އުތުރުގަޑުބަޑު" ނަމުން މަޝްހޫރުވި، މާލޭ  ފަޅުތެރޭގައި  ކުރި އެންމެބޮޑު މުޒާހަރާގައި ހުށަހެޅުނު އުތުރު ރައްޔިތުންގެ ހުށަހެޅުންތައް.)

- ރަށްރަށުގައި ކިޔައި އުޅުނު مولود صلواة ފުޅު އިހުގައި ކިޔައި އުޅުނުގޮތްމަތީން ކިޔުމުގެ އަމުރުފުޅު ދެއްވުން.
- السلطان الغازی ބަންޑާރައިންނަށް އިހުގައި ދިއްދޫން އޮންނަތަކެތި ރައްދުކޮށްދެއްވުން.
- މިހާރު ހުންނެވި السلطان حسن نورالدین ރަދުންގެ ޢިއްޒަތާއި  ތާނިޔާ ނެތިދިޔަގޮތް އަންގަވައިދެއްވުން.
_ ރައްޔިތުންގެ ބޮޑުއިސްޓޯރުގެ ނަން ރައްޔިތުންގެ މަތީންކަޑުއްވައި،  ސަރުކާރުގެ އިސްޓޯރެއް ގޮތުގައި ހިންގަވަން ފެއްޓެވުން. 
- ބޮޑުއިސްޓޯރުގައި  ބަހައްޓާ ސިޓީގައި ސަރުކާރުގެ ސޮއި  އޮތުން.
- ބޮޑުއިސްޓޯަރަށް މަސްކިރުމުގައި، މުދަލާއި ފައިސާ ދޭން ނުލިބޭ މިންވަރަށް މަސްނުކިރުވުން.
- ބުންބާ ބަޑަހަލަށް މަސްކިރުމުގެ ހުއްދަ  އޮތުން.
- ހަތަރު ހަންދަރަށްވުރެ ހަނޑުލުގެ އަގު ބޮޑުނުކުރުން.
- ބިދޭސީންގެ އަތުންނެގޭ މަޢުމޫލު ކުޑަ ކުރެއްވުން.
- މާލޭގެ އެއްގަމަށް ރޭގަނޑު ފޭބުމުގެ އަމުރު ދެއްވުން.
- ވަރުވާ އަށް ދަރާ އޮންނަ ތަންތަނަށް ބޮޑުއިސްޓޯރުގައި ފައިސާ ބެހެއްޓި ސިޓީ ސަރުކާރުގެ މަޙުކަމާތަކަށް ބެހެއްޓެވުން.
- ރެއާއިދުވާލަކަށް ބައިލާހި ކައިގެން މީސްތަކުން ދުނިޔޭގައި ތިބެވޭނެ ގޮތެއް ނުތުމުން  އެއަށްވުރެ އިތުރު ކޮށްދެއްވުން.- 
- ވަރީގެ ޖޫރިމަނާ ލުއިކޮށް ދެއްވުން.
- ވަރިސާބިތު ކޮށްދެއްވުން އަވަސް ކޮށްދެއްވުން.
- މާޅޮސްމަޑުލު ދެބުރީގެ. ރައްޔިތުންގެ ތެރެއިން ބަލިމީހުންނާއި އެނޫންމީހުން ވަކިކޮށް  ބަލިނޫން މީހުންނަށް އެއްރަށުން އަނެއްރަށަށް ސިޓީއަކާއި ނުލައި ދިޔުމުގެ ހުއްދަ ދެއްވުން.
- މާލެ ނާދެވޭގޮތަށް އޮންނަ ކަރަންޓީނު އުވާލަދެއްވުން.
- ރަށްރަށުގާވެސް ޢިލްމު ކިޔަވައި ދެއްވުމުގެ ހުއްދަ ދެއްވުން.

މިއީ  ( އުތުރުގެ ރައްޔިތުން ލިޔުމުން ސަރުކާރަށް ދެންނެވި ލިޔުމުގެ ނަކަލެއް)
30 March 2020 0 comments

ރަޙްމެއް ނެތް "ޖައްބާރެއް"! ކުށެއްނެތް އަންހެން ކުއްޖެއްގެ، އަނިޔާވެރި މަރު.


ދިވެހި ތާރީޚުގައި ނުފެންނަފަދަ ހިތާމަވެރި މަންޒަރެއް، މިދިޔަ ޖުމާދަލް އާޚިރާ މަހުގެ ތެރޭގައި، ފ. އަތޮޅު ނިލަންދޫގައި ތަމްސީލް ވެގެން ހިނގައްޖެއެވެ.....

ނިލަންދޫ ޙަސަން މޫސާގެ ޙައްވާ އަކީ، ޢުމުރުން 7 އަހަރުވީ، ލަޠީފް އަންހެން ކުއްޖެކެވެ. ޖުމާދަލް އާޚިރާ މަހު 16 ވިލޭރެއި، މެންދަންވީއިރު، އޭނާއަށް އޮތީ ވަރުގަދައަށް ނިދިފައެވެ. މެންދަމުން އަލިވިތަނާ، އެރަށުގައި އުޅޭ ހިމިތީ ބަނޑޭރި އިބްރާހީމްގެ އާދަމް، ޙައްވާގެ ގެއަށް ވަދެ، އެ ނިކަމެތި ފަކީރު، ކޮނޑަށްލައިގެން ދިޔައީ، ރަށުގެ ފުއްޓަރު ފަރާތު އަތިރިމައްޗަށެވެ... އެ ދިޔަގޮތަށް ގޮސް އުނަގަޑުތާ ފެނަށް އެރި، ކުއްޖާގެ ކަރުގައި ދެއަތުން ހިފާފައި މޫދަށް ގަންބައި ކަރަށް ފައިން އަރައި ބާއްވައިގެން މަރާލީއެވެ. މޫދަށް ފައްތާފައި ބައިގަޑިއެއް ހާއިރު ބޭއްވިކަމަށް ވެއެވެ. މަރުވުމަށްފަހު، ބޮއްކުރައަކަށް ލައިގެން ގެންގޮސް ބޭރަށް ކޮށްޕައިލީއެވެ.

އެ ނުލަފާ މުޖުރިމަކީ އެރަށުގައި ހުންނަ މަޝްހޫރު ވަގެކެވެ. އޭނާ އެ އަންހެން ކުއްޖާ މަރާލީ، ވައްކަން ކޮށްކޮށް ނުކުޅަދާނަވެގެން، އަދަގޮޑިޖަހާން ޤަސްދު ކޮށްފައިވާ ދުވަހުގެ ކުރީ ރެއެވެ. އޭނާ އަދަގޮޑި ޖަހާން އުޅުނު މީހުންނަށް ބޮނޑިއެއް ދިނުމުގެ ނިޔަތުގައެވެ. ކުޑަކުޑަ ޙައްވާ އަކީ، ނިލަންދޫ މުދިންމަނިކުގެ ދޮން ދަރިފުޅެކެވެ. މިކުޑަކުޑަ ޙައްވަ އަށް މާތް ރަސްކަލާންގެ ސުވަރުގޭގައި މަތިވެރި ދަރަޖަ ދެއްވާށި އެވެ!

އެ ނުލަފާ ކަންތައް ކުޅަ އާދަމް، ބުރިހަން ނަގަފައި އަރުވާލައިފިއެވެ. އާދޭހެވެ! ހިތާމައަކީ، އެފަދަ "ޖައްބާރު" ން ނަށް ދިނުން އެކަށީގެންވާފަދަ އަދަބެއް، ދިވެހި ޤައުމުގައި އަދި ކަނޑައެޅިފައި ނުވާކަމެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. އެ ނުލަފާ ކަލޭގެއަށް ޙައްޤު ވެގެންވާ އޮތީ، އެންމެ އަދަބެކެވެ................. މަރެވެ.


ނޯޓް: މީގެ 70 އަހަރު ކުރިން ފ. ނިލަންދޫގައި ޢުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު، އަނިޔާވެރި ރަޙުމުކުޑަ ގޮތަކަށް މަރާލި ޚަބަރު. މިއީ ހިޖުރައިން 1 ޝަޢުބާން 1369 (19 މެއި 1950މ.) ގެ ސަރުކާރުގެ ޚަބަރު ނޫހުގައި ލިޔެފައިވާ ޚަބަރެއް.

0 comments

އަބަދުވެސް ހަމަ މިހެންތަ؟ ދިވެހި ވިޔަފާރިވެރީންނަށް ގޮވާލުމެއް.


 ބަލަ އަބަދުވެސް ހަމަ މިހެންތަ؟ ދިވެހިރާއްޖޭގެ މާޟީގެ ތާރީޚް ގެ ގަނޑުތައް އުކަމުން ދާއިރު، ދިވެހީންނަކީ، ވިޔަފާރީގެ ޚިޔާލާތުގެ ތެތްކަމުން މަޙްރޫމް ވެފައިވާ ބައެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ދިވެހިންނަކީ، ހިތްވަރުން ވަކިވެފައިވާ ބައެއްކަމަކަށްވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. އެއްޒަމާނެއްގައި ދިވެހިންނަކީ ދިވެހި ބިމުގައި ހެދުނު ކާބޯތަކެތީން ފުދިގެން، ދިވެހި އަތްތަކުން އުފެއްދި ތަކެތީގެ ބޭނުން ހިފައިގެން އުޅުނު ބައެކެވެ. އަނެއް ޒަމާނެއްގައި، ދިވެހީންނަކީ ބޭރު ތަންތަނުގައި ހެދިފައިވާ ކާބޯތަކެއްޗާއި، ބިދޭސީންގެ އަތްތަކުން ހައްދާފައިވާ ތަކެތި، ދިވެހިންގެ ފުރާދުއްވާ ތަކެތީގައި ގެނެސްގެން އެތަކެތިން ބޭނުންތައް ފުއްދައިގެން އުޅުނު ބަޔެކެވެ. އަދިވެސް އަނެއް ޒަމާނަކީ، ދިވެހީން އެބައިމީހުންގެ ވިޔަފާރި ބޭރުގެ ރަށްރަށުގައި ފަތުރައިގެން، ރާއްޖޭގެ ނަމާއި، ޢިއްޒަތް މަތިވެރިކުރި ޒަމާނެވެ. މި ޒަމާނަކީ...... އާހް!


އަދުގެ އަޅުގަނޑުމެންގެ ޙާލެވެ! އަދުގެ އަޅުގަނޑުމެންގެ ހިތާމަވެރި ޙާލެވެ! އާދެ! މިޒަމާނަކީ، ދިވެހީން ދިރިދުނިޔޭގައި ތިބުމަށްޓަކައި، ބޭރު ބިންތަކުގައި އުފެދޭ ތަކެއްޗާއި، އެހެނިހެން ޤައުމުޤައުމުގެ މީހުން ހަދާ އެއްޗެތި، ބިދޭސީ ވިޔަފާރިވެރިން އެބައިމީހުންގެ ފުރާ ދުއްވާ އެއްޗެތީގައި ގެންނާން ޖެހިފައިވާ ޒަމާނެވެ. ޝައްކެއްނެތެވެ. ވިޔަފާރިކުރާ،ދިވެހިން މިޒަމާނުގައި ވަރަށްވެސް ގިނައެވެ. އިހު އުޅުނު ވިޔަފާރިވެރިންނަށްވުރެ، އެބައިމީހުންގެ ޚިޔާލާތުތައް މަތިވެރިކަމުގައިވުން އެކަށީގެންވެއެވެ. ވިޔަފާރީގެ ސިއްރުތަކާއި، ޙިކުމަތްތަކުގެ ތެރެއަށް ވަންނާނޭ ދޮރުތައް ދުވަހަކުވެސް ނުހުޅުވޭ ފަދައިން އަދުވަނީ ހުޅުވިފައެވެ. ނަމަވެސް.....

އާދެ! ނަމަވެސް ވިޔަފާރީގެ މަތިވެރި ދަނޑުގައި ދިވެހި ޤައުމަށް ލިބެމުންދާ ފައިދާއަކީ ވަރަށްވެސް ކުޑަ ފައިދާއެކެވެ. ނުވަތަ ސުމެކެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނެއް، ނުވަތަ ކަކާގޭ އިސްމާޢީލް ދީދީ އެއް، ނޭވާފުޅު ލެއްވި ބިމެއްގެ މަތީން، ޒަމާނާ ނިސްބަތްކޮށް ބަލާއިރު، އުފެދެންވީ އެއްވެސް ވިޔަފާރިވެރިއެއް ހަމަކަށަވަރުންވެސް އަޅުގަނޑަކަށް ނުފެނެއެވެ. ސަބަބަކީ، ސިއްރަކީ ފަހެ ކޮބައިތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި، އެކަމުގެ ސަބަބަކީ، ގާތްގަނޑަކަށް ދިވެހިންގެ އެންމެންނީ، އަދު ވިޔަފާރިވެރިން ކަމުގައި ވެފައިވާކަމެވެ. ޤައުމީ ބޭނުންތަކުގެ މައްޗަށް ޢާއްމު ފައިދާއަށް ވުރެއް ބޮޑަށް އަމިއްލަ އެދުންތަކަށާއި، އަމިއްލަ މުއްސަނދިކަމުގެ މައްޗަށް ތަރުޙީބު ދެވޭކަމެވެ. ވިޔަފާރީގެ ތަނަވަސް ދަނޑުގައި ހުޅުވިފައިވާ ގިނަގުނަ ވެގެންވާ އެކިއެކި މަގުތަކުން ހިނގޭތޯ ނޫޅެ، ވިޔަފާރީގެ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހުރިހައި ވިޔަފާރިވެރީންނަށްމެ އެނބުރެވޭކަމެވެ. އާދޭހެވެ! ޤައުމު މުއްސަނދިވޭތޯ، ޤައުމު ކުރިއަރާތޯ، ދިވެހީންގެ ޢިއްޒަތާއި ނަން ފެތުރޭތޯ ބޭނުންކަމަކީ، އެދެވޭ ކަމަކީ، އެންމެންގެ އެއްބާރުލުމެވެ. =ދިވެހި ދަރިއެއް=


ނޯޓް: މިއީ ހިޖުރައިން 1 ޝައްވާލު 1366 (މީލާދީން 18 އޮގަސްޓް 1947) ގައި ނުކުތް ސަރުކާރުގެ ޚަބަރުގެ 46 ވަނަ ނަންބަރު ނޫހުގައި "ދިވެހި ދަރިއެއް" ގެ ފަރާތުން ދިވެހި ވިޔަފާރިވެރީންނަށް ގޮވާލާފައިވާ ގޮވާލުމެއް. މިއީ މިހާރަށްވެސް ފުދޭ ރަނގަޅު ގޮވާލުމެއް.

Labels

 
;