03 December 2015 1 comments

E' Biruveri Meemu..!!


ލިޔުނީ: އަޙުމަދު ޔާމީން
ކުޑައިރު އަކުރު އުނގަންނައި ދިނުމަށް މަންމަމެން ކިޔައިދީ އުޅުނެވެ. މީމުން މަސް، މީމުން މަރުތެޔޮ، މީމުން މުޅޯއްޓެވެ. ހަމައެގޮތަށް އަކުރުތަކުގެ ފިލީގެ އަޑު ދެނެގަތުމަށް މަންމަގެ އަޑުދަށުން ކިޔައި އުޅުނީމެވެ. މީމު މަތީ އަބަފިލި ޖެހީމާ "މަ"، މީމު ތިރީ އިބިފިލި ޖެހީމާ "މި"، މީމު މަތީ އުބުފިލި ޖެހީމާ "މު" އެވެ. "މަ، މި، މު" އެވެ. އޭރުވެސް ގަންނާކުރައްވާ ބިރުން މަންމަމެން ކިޔައިނުދޭ އެއްޗެއް އޮވެއެވެ. އެއީ، މީމުން "މައުމޫން" އެވެ. އޭރު ގޭގައި ހުންނަ ފޮޓޯއަކުންވެސް ފެންނަނީ ރައީސުލް ޖުމްހޫރިއްޔާއެވެ. މަންމަމެންވެސް ކިޔާ އުޅެނީ އެގޮތަށެވެ. ޤަބޫލު ކުރެވިފައިއޮތީ ރައީސުލް ޖުމްހޫރިއްޔާ އަކީ އެ ފޮޓޯއިން ފެންނަ ނިކަން އަބުއި ބޭފުޅާއަށް ކިޔާ ނަން ކަމުގައެވެ. އެކަމަކު ހިތަށް އަރައެވެ. ހާދަހާވާ ޒާތެއްގެ ނަމެކެވެ. އިހަށް އެވާހަކަ ބާއްވާށެވެ.
މިހާރުގެ ވާހަކައެވެ. އޭރު މަންމަމެން ބިރުގަންނަނީ މީމުން މައުމޫން ކިޔާދޭށެވެ. މިހާރަށް ވިސްނާއިރު މައުމޫންގެ ކޮއްކޮ ރައީސް ޔާމީން ގެ ކުރިމަތީގައިވެސް މީމަށް ވުރެ ވަކިން ބިރު ބޮޑު އިތުރު އަކުރެއް ނެތެވެ. ދިވެހިދަޢުލަތުގެ ހުރިހާ ބާރެއް އަމިއްލަ އަތްޕުޅަށް ޖަމާކުރައްވައިގެން ހުންނަވައިގެންވެސް ރައީސް ޔާމީނަށް ނުހުއްޓުވިގެން އުޅޭ އެ ބިރުވެރި މީމުގެ ސިއްރުތަކުގެ ތެރެއަށް ފީނާލަން ޖެހިއްޖެއެވެ. ފުރަތަމަ ކަމަކަށް ރައީސް ޔާމީންގެ ތުއްތޮންބެ ރައީސް މައުމޫންގެ ޚުދުމުހުތާރު ދިގުވެރިކަން ފުރޮޅާލީ "މީމުން" ފެށޭ "މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ" ތެރެއިން ނިކުތް ޅަވަރެއްގެ ސޮރެކެވެ. "މީމުން" ފެށޭ "މުޒާހަރާގެ" ޤާނޫނު އަސާސީ އިން ރައްޔިތުންނަށް "މީމުން" ފެށޭ މިނިވަންކަން ހޯދައިދިނުމަށް އެތަކެއް ޤުރުބާނީތަކެއް ވަމުންއައި "މީމުން" ފެށޭ މުޙައްމަދު ނަޝީދޭ ކިޔާ ނިކަން ފިސާރި، ހިތްވަރުގަދަ، ކެރޭ ލީޑަރެކެވެ. ބިރުގަންނަން ޖެހިއްޖެތާއެވެ. ސިހުރު ހާހޫރަ ހަދަން ގެންގުޅޭ ކަހީނު ކަލޭގެއަށްވެސް މި މީމު ހިފަހައްޓަން އެއްކަމެއްވެސް ކުރެވުނު ކަމަކަށް ނުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރިމަތިވާންފެށީ މާ ބިރުވެރި ކަންތައްތަކެކެވެ. އެއްކަލަ މީމުން ފެށޭ މުޙައްމަދު ނަޝީދު ހިފާ ހައްޔަރުކޮށް ނުޙައްޤު އެތައް އަނިޔާއެއްދީ 13 އަހަރަށް ހުރަގޭގައި ބަންދުކޮށްފިއެވެ. އެހެންނަމަވެސް މީމުގެ ކުޅިވަރު ހުއްޓޭގޮތެއް ނުވިއެވެ. މީމުގައި އުބުފިލި ޖަހާފައި މުޒާހަރާތައް ކުރުން މެކުހަށް ޖަހައިފިއެވެ. ގިނަފަހަރަށް މީމުގައި އުބުފިލި ޖަހާލާއިރަށް ތުއްތޮންބޭ ބޭރު ކޮންމެވެސް ކަރައަކަށް ފުރައިގެންދެއެވެ. "މީމުން" އެ ލިބޭ ނަފްސާނީ ގެއްލުމަށް ފަރުވާ ކުރައްވަން ކަމަށްވެސް ވެދާނެއެވެ. އެހެނަސް ރައްޔިތުން މާ ހުށިޔާރެވެ. އެމީހުން ތިބީ މީމުން މައުމޫން ނުކިޔަން ނިންމައިގެންނެވެ. ރައްޔިތުން ކުރި ކަމަކީ މީމުން "މޭޑޭ" މުޒާހަރާކޮށް މުޅިމާލެ ބަންޑުންޖަހާވަރު ކޮށްލީއެވެ. ހަމަ އެއާ ވިދިގެން މީމުން "މިންޖުވާން" ނިކުމެ ސަރުކާރު ހާސްކޮށްލީއެވެ.  ބޭރުފުށުން މާ ޑިމޮކްރެޓިކް ގޮތްގަނޑު ދައްކައިގެން އުޅުނު ސަރުކާރު މުޅިދުނިޔޭގެ ކުރިމަތީގައި ރަނގަޅަށް ބަރަހަނާ ކޮށްލީއެވެ.
ޤަބޫލުކުރައްވާށެވެ. އެމްޑީޕީ އިން މިންޖުވާން ކުރި މުޒާހަރާ ކިތަންމެހާވެސް ކާމިޔާބެވެ. ރައްޔިތުން ދެމި ގުއިރޯނުގައި ސަރުކާރު ވަނީ ރަނގަޅަށް ޖެހިފައެވެ. ސިޔާސީ މާބޮޑު ބާރުވެރިކަމެއް ސަރުކާރުގެ އެތެރޭގައާއި، ރައްޔިތުންގެ މަޖިލީހުގައި ނެތްކަމުގައި ވިޔަސް އެމްޑީޕީ ދަނީ ރައްޔިތުންގެ ބާރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަމުންނެވެ. އަނިޔާވެރިކަމާ ދެކޮޅަށް ދުޢާ ކުރުން ޢާއްމުވާން ފެށުމުން ސަރުކާރަށް މަޖުބޫރުވީ ދުޢާކުރުން މަނާކޮށް ސަރުކާރުގެ ރަސްމީ ލެޓަރހެޑްގައި ބަޔާންނެރެ "ލާދީނީ" ޓެގް އަމިއްލަ ކަރުގައި އަޅުވާށެވެ. ސިޔާސީ ލީޑަރުން ބަންދުކޮށް، ސިޔާސީ ގޮތުން ރައްޔިތުން ހައްޔަރުކޮށް އަމިއްލަ އަތުން އަނިޔާވެރިކަމުގެ ލޭބަލްވެސް އަމިއްލަ ސަރުކާރުގައި ޖަހާށެވެ. މީމުގައި އުބުފިލި ޖަހާލީމާ ގަންނާކުރެއްވި ބިރުން ރައްޔިތުންނަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އިމެއްނެތި އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާ "ޚުދުމުހުތާރު" ކަމުގެ ބިލްބޯޑް ރައީސް އޮފީސް ކުރިމަތީގައި ބަހައްޓާށެވެ. އަނިޔާވެރިކަން އިސްކޮށް ރައްޔިތުން އޮބަހައްޓާ ބައިނަލްއަޤްވާމީ ދުނިޔޭގައި ސަރުކާރު އަމިއްލައަށް ފަޟީޙަތްވާށެވެ.
މިއަދުގެ ހަޤީޤަތަކީ މިއީއެވެ. ގަދަބާރުން ގަދަބަދަވި ކަމުގައި އުޅެމުން އައި "މިރައީސް" ގެ ބޮޑާކަމާއި، ތަކައްބުރުކަމާއި، ނާޤާބިލުކަން މުޅިޤައުމަށް ބޭޒާރުވެ ސަރުކާރާމެދު ޕީޕީއެމްގެ މެމްބަރުންވެސް މާޔޫސްވެ އުއްމީދު ކަނޑާލައިފިއެވެ. ރަސްކަމަކަށް މިރައީސް އަމާޒް ހިފާފައިވާކަމަށް ރައްޔިތުން ޤަބޫލުކޮށްފިއެވެ. މިންޖުވާން މުޒާހަރާއިން ލިބުނު އެންމެބޮޑު ކާމިޔާބަކީ އެއީއެވެ. ސަރުކާރުގެ ނުކުޅެދުންތެރިކަން މުޅި ޤައުމަށް އިޙުސާސް ކުރެވުމެވެ. އެމްޑީޕީގެ މެމްބަރުންވެސް، އަދި އިސްލާޙަށް އެދޭ އެންމެހާ ދިވެހިންވެސް ދާންވީ ކުރިއަށެވެ. ބާރަށް ކުރިއަށެވެ. މި ސަރުކާރުގެ އަނިޔާވެރި ވަކިތަކުން ޤައުމު ސަލާމަށް ކުރުމަށެވެ. ހިފެހެއްޓިފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަށް އަލުން ހޯދުމަށް އާހިތްވަރަކާއެކު ކަމަރު ބަނދެގެންނެވެ. އުއްމީދާއި، ހިތްވަރާއެކު ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެއެވެ. ކާމިޔާބުގެ އައްސޭރި އޮތީ ނުހަނު ކައިރީގައެވެ. ހަމަޔަޤީނުންވެސް މީމުގައި އުބުފިލި ޖަހާއިރަށް މަރަށް ތެޅިގަންނަ ސަރުކާރަކަށް ރައްޔިތުންނަށް ކޮށްދެވޭނެ ވެރިކަމެއް ނެތެވެ. ބޮޑުވަރަކަށް އޮލިމްޕަހުގައި ސަރުކާރުން ޕްރޮޑިއުސްކޮށް، ނަހުލާ ޑައިރެކްޓްކުރާ "އެ ބިރުވެރި މީމު" ނަމަކަށް ކިޔާ ފިލްމެއް އެޅުވިދާނެ ތޯއްޗެކެވެ.


Labels

 
;