25 May 2020 1 comments

އެކްސް ކިއުޒް މީ؛ ރެންޑަމް ސާމްޕަލް ނެގުމުގައި ބިދޭސީން ތަފާތުކުރަނީތޯ؟


އަނެއްކާވެސް ހަމަ އެއްކަލަ ވާހަކައެވެ. ބިދޭސީންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާއެވެ. މިފަހަރު އެޗްޕީއޭއިން މަގުމަތިން ރެންޑަމް ސާމްޕަލް ނެގުމުގައި ބިދޭސީންގެ ސާމްޕަލް ނުނަގާ މައްސަލައެވެ. ވަރަށް ދެރައެވެ. ބިދޭސީންނެއް ކަމަކު އެމީހުންނަށްވެސް ރެންޑަމް ސާމްޕަލް ނަގައިދިނުމުގެ ޙައްޤު އޮންނަންވާނެތާއެވެ.

ޓްވިޓަރު ހާވަމުން ދިޔައީމެވެ. އެކަމަށް ދެވިހިފާފައި ހުރުމާވެސް އެކު ތޯއްޗެކެވެ. ނިދުމުގެ ކުރިން ޓުވިޓަރަށް ފީނައިނުލީވިއްޔާ ލޮލަށް ނިދިވެސް ނާންނަނީއެވެ. ކުއްލިޔަކަށް ލޮލުގައި އަޅައިގަތީ ޢާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓެކެވެ. އޭނާގެ ކަންބޮޑުވުން ވަރަށް ސާފެވެ. ދިވެހިންނަށް ޚިދުމަތް ދިނުމުގައި އުޅޭ ބިދޭސީންގެ ތެރެއިން މީހެއްގެ ސާމްޕަލް ނެގުމަށް އެޗްޕީއޭގެ ބައެއް ޚިދުމަތްތެރިން ދެކޮޅުހެދީ ޔޯލައެވެ. އެ ބިދޭސީ މީހާ އަމިއްލައަށް ސާމްޕަލް ނަގަން އެދުމުންވެސް އެކަމަށް ފުރަގަސް ދިނީ ޔޯލައެވެ.

އަޅުގަނޑުގެ ހައިރާންކަން އިހުނަށް ވުރެ ބޮޑު ވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މިފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކަށް ބިދޭސީންނާމެދު މުޚާތަބު ކުރެވުނު ގޮތުން އޭނާ އަށް ރަތްމަހަށް ނުގޮވާ ވަރަށް އެއްޗެހި ގޮވި ހަނދާން އަޅުގަނޑުމެންގެ ހަނދާނުން ފިލައިގެންދާހާ ދުވަހެއް ވީކީ ނޫނިއްޔާއެވެ. އެކަމުގައި އެފަހަރު އެޗްޕީއޭގެ ފަރާތުން ކާމިޔާބުވެސް ހޯދިއެވެ. އެ ނޫސްވެރިޔާ މުޅި ރާއްޖެއަށް ފަޟީޙަތްކޮށް ދިވެހިންނަކީ ބިދޭސިންނަށް އެންމެ އިޙްތިރާމް ކުރާ މީހުންނަށް އެ ސައުވީސް ގަޑި އިރަށް ބަދަލުވީ ވިއްޔާއެވެ.

އެވާހަކަ ބާއްވާށެވެ. މި ވާހަކަ ދައްކަން ހިނގާށެވެ. އެ ޒުވާނާގެ ޓްވީޓް ފަށާފައިވަނީ މާލޭ މާފަންނު ސަހަރާ ކަންމަތިންނެވެ. ދުވަހަކީ ވިހިވިހި މެއި ސައުވީހެވެ. ސިއްޙީ ޚިދުމަތްތެރިން އެތަނުގައި ރެންޑަމް ސާމްޕަލް ނަގާތީ އޭނާވެސް މަންޒަރު ބަލާލަން މަޑުކޮށްލީއެވެ. ސާމްޕަލް ނެގުން އޮތީ ހަމަ ޔާ ހަބޭސްކޮށެވެ. މަގުމަތިން ދާހާ މީހަކު ހިފަހައްޓާފައިވެސް ސާމްޕަލް ނަގަނީއެވެ. އަތް ހޫރަ ހޫރާފައި ކައިރިއަށްވެސް ގެންދަނީއެވެ. ވަރަށް ރަނގަޅެވެ. ހުރިހާ ދިވެހިންގެ ސަލާމަތަށް ޓަކައި އެއީ އެކަން ކުރަންޖެހޭ ގޮތެވެ. އެކަމަށްޓަކައި އެ ޚިދުމަތްތެރިންނަށް އައްސަރިބަހާއި ސާބަހެވެ. ޝުކުރުގެ ޖިޒީތައް ވެދުން ކުރަނީ ހިތުގެ އުމުގުންނެވެ.

ޓުވިޓަރުގައި ލިޔުނު ޒުވާނާގެ ކައިރިއަށް އެވަގުތު އިސްސަފުގައި ޙަރަކާތްތެރިވާ ބިދޭސީ ޚިދުމަތްތެރިއެއް މަޑުކޮށްލައިފިއެވެ. ފުރަބަންދުގައި ތިބި ރައްޔިތުންނަށް މުދާ ޑެލިވަރކޮށް ދިނުމުގެ މަތިވެރި އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ބިދޭސީ ޚިދުމަތްތެރިއެކެވެ. އެތަނުގައި ހިނގާ ކަމަކާ ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި، ކޯވިޑް-19 އަށް ސާމްޕަލް ނަގަނީ ކަމަށްބުނެ އެ ބިދޭސީ ޚިދުމަތްތެރިޔާއަށް ޖަވާބު ދީފިއެވެ.

ދައްކާން އުޅޭ ވާހަކަ ފެށޭވަރުމިވީ އަދިކިރިޔާއެވެ. ކުރާނެ ކަމެއްނެތެވެ. ކީބޯޑުގެ ފިތްތަކަށް ފިތާވަރަކަށް ލިޔާން ހުރި ބައިވަރުތައް ގިނަ ވަނީއެވެ. އަނެއްކާވެސް އެ ބިދޭސީ ޚިދުމަތްތެރިޔާއެވެ. ވަރަށް އުފަލުންހުރެ އޭނާގެ ސާމްޕަލް ނަގައިދިނުމަށް އަމިއްލައަށް އެދެފިއެވެ. އޭނާގެ އެދުމާއެކު، ޖަވާބު ވައިސޫރިއެއްހެން ސާމްޕަލް ނަގަންތިބި ޚިދުމަތްތެރިންވެސް ދީފިއެވެ. "ބިދޭސީންގެ ސާމްޕަލް ނުނަގަމެވެ. ނަގަނީ ދިވެހިންގެ ސާމްފަލެވެ." ރެންޑަމް ވީމަ ބިދޭސީން އިސްތިސްނާ ވަނީވެސް ތޯއްޗެކެވެ.

ކަރުއެލުވާލައިގެން އެނބުރި އައިސް އޭނާގެ ކޮށި ދިވެހި ބަހުން ހިތުގެ ރިހުން ހާމަކޮށްފިއެވެ. "އަސްލު ވަރަށް މުހިއްމު ދޯ! އަހަރެން މީހުން އަބަދު ޑެލިވަރީގަ ބޭރުގަ އުޅެނީ! ކޮންމެސް ޓެސްޓު ކުރަން ބޭނުންދޯ!" ތެދެކެވެ. އެޗްޕީއޭގެ ނޫސްކޮންފަރެންސް ތަކުގައި އަޑުއިވެނީ ރެންޑަމް ސާމްޕަލް ނެގުމުގައި އެއްބާރުލުން ދިނުމަށް ގޮވާލާއަޑެވެ. ނަމަވެސް މިފަހަރު ދިވެއްސަކަށްވުރެ އެކަމުގައި ބިދޭސީއަކު އިސްނެގުމުން ބިދޭސީންގެ ސާމްޕަލް ނެގޭގޮތަށް އެވަގުތު ހަމަޖެހިފައި ނެތީ ތޯއްޗެކެވެ. ނޫނީ ވިއްޔާ މީވެސް ދިވެހިންނާ ބިދޭސީން ތަފާތު ކުރުމުގެ އާ ބާބެއް ބާވައެވެ؟

ނޫނެކެވެ. އަޅުގަނޑު އެގޮތަށް ޤަބޫލުކުރާ ހިތެއް ނުވެއެވެ. އެޗްޕީއޭއިން ބިދޭސީން އެދުނަސް ސާމްޕަލް ނަގައިދޭނެއެވެ. ފަހަރުގައި އެޗްޕީއޭގެ ކުދިންނަށް ބިދޭސީ މީހާ ބުނި އެއްޗެއް ފަހުމް ނުވީކަމަށް ވެދާނެއެވެ. ދިވެހިން ބިދޭސީންނަށް ދެރަގޮތެއް ނުހަދާނެތާއެވެ. ރާއްޖޭގައި ޖަނަވާރުންވެސް ނުގެންގުޅޭހާ ދަށުދަރަޖައިގައި ބިދޭސީންނާމެދު ޢަމަލު ކުރެވެމުން ދަނީ ދިވެހިންގެ ހިތުގައި ބިދޭސީ ޚިދުމަތްތެރިންނާމެދު އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ނުވިތާކަށް އެ ބައިބޯ، ކޮށިތަކުން ބިދޭސީންނެރެ އެމީހުންނަށް ރައްކާތެރި ބޯހިޔާހައިކަމެއް ސަރުކާރުން ފޯރުކޮށްދޭން ފެށުމުން އެކަމާ ދެކޮޅަށް ދިވެހިން ޗުއްޕުވެސް ބުނާއަޑެއް ނީވޭތާއެވެ.

އާއެކެވެ. ދިވެހިން ބިދޭސީންނަށް އިޙްތިރާމް ކުރަނީ މީސް މީޑިއާގައެވެ. ނުވަތަ ނޫސްކޮންފަރެންސެއްގައި ތިމާގެ އަގު އަރުވާލުމަށެވެ. ތިމާމެންގެ ޢަމަލުން ދައްކަނީ އޭގެ އިދިކޮޅެވެ. ދެކަންފަތަށް އުނގުރި ޖަހައިގެން ދެލޮލުގައި ފޮތިގަނޑެއް އެއްސީމާ ގައިމު ބިދޭސީންނަށް ދިވެހިން ދީފައިވާ މަތިވެރި މަޤާމެއް ނުފެންނާނެތާއެވެ.

ޓްވީޓްކުރި ޒުވާނާގެ ކަންބޮޑުވުން ވަރަށް ސާފެވެ. ސާފު ނުވެގެން މިއުޅެނީ އެޗްޕީއޭގެ ޚިދުމަތްތެރިން އެ ބިދޭސީ ޚިދުމަތްތެރިއާގެ ސުންކު ނެގުމަށް ދެކޮޅުހެދި ސަބަބެވެ. އެކްސް ކިއުޒް މީ އެޗްޕީއޭ! މިވާނުވާއެއް އަންގާލަބަލާށެވެ. ރެންޑަމް ސާމްޕަލް ނެގުމުގައި ބިދޭސީން އަމިއްލަ އަށް އެދުމުންވެސް އެމީހުންގެ ސާމްޕަލް ނެގޭނެ ގޮތެއް ތިޔަ ގެންގުޅުއްވާ އެސްއޯޕީ ތަކުގައި ނެތީތޯއެވެ؟ ހަމައެކަނި ނޫސްކޮންފަރެންސް އެއްގައި އެކްސްކިއުޒްމީ އޭ ބުނެ ހަމައެކަނި ބަހުން ބިދޭސީންނަށް އިޙްތިރާމް ދިނަކަސް ކަމަކު ނުދާނެއެވެ. ވަރަށް ސަލާމެވެ.


Labels

 
;