08 November 2012

ވިސްނުމެއް ނެތަސް ޤައުމު ހަމަ ހަބޭސް




ލިޔުނީ: އަހުމަދު ޔާމީން

21 ވަނަ ޤަރުނުގެ ޑިމޮކްރަސީއަށް ބީރައްޓެހި ބައިގަނޑަށް ވަރަށް ސަލާމެވެ. "ހިތިބޭހެއް ބޯން އެބަޖެހެޔޭ" ރައީސް ނަޝީދު ވިދާޅުވި ބަސްފުޅު ކަލޭމެން އަޑު އެހީމު ހެއްޔެވެ؟ އަޑު އިވުނު ނަމަވެސް ތީގެ ތެރެއިން އެކަކުވެސް އެވާހަކަ ޤަބޫލު ނުކުރިކަމީ ހިތާމައެކެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދުގެ އެވާހަކަފުޅަށް ގޮންޖެހުމަށް ފަހު ތިޔަ ބާގައިގެ މީހުން ޖެއްސީ މުޒާހަރާ ތަކެކެވެ. "އަގަޔާ އަތާ ދިމާނުވަނީ - ރައްޔިތުން ހަނާވަނީ.." ކަމަށް ބުނެއެވެ. ނަމަވެސް އޭރަކު އަދި ހަނައެއް ނުވެއެވެ. އަދިވެސް ހަނާވާން ކައިރިވެސް ނުމެވެއެވެ. ރާއްޖޭން ފުރަފުރައިގެން ދާ ދިވެހިންގެ އަދަދަށް ބަލައިލި ނަމަވެސް އެކަން އެބަ އެގެއެވެ.  ޗުއްޓީ ތަކުގަ ލަންކާ، އިންޑިޔާ، ބެންކޮކް، މެލޭޝިޔާ އަދި ސިންގަޕޫރަށް ދާ ދިވެހިންގެ އަދަދު މިވަނީ ހަބޭސް ވެފައެވެ. ގޭގޭގަ ގެންގުޅެން ގެންނަ ބޭރު ކައްކާއިންގެ އަދަދު ވެސް ހަބޭސް ވެއްޖެއެވެ. ކެފޭ ތަކާއި ސައިހޮޓާތައް ފުރިފައި ވަނީ ދިވެހި ޒުވާނުންނައިގެންނެވެ. ވަޒީފާއެއް އަދާކުރަންކެރޭ ޒުވާނެއް ނެތޭ ބުނުމަކީވެސް ކުށަކަށް ނުވާނެއެވެ. އެކަމަކު ހަކުރުބޯންކެރެއެވެ. ސަލާން ޖަހަންކެރެއެވެ. ވީއިރު ޤައުމު ހަނާވާކަމަށް ބުނެވޭކަށް ނެތެވެ. މީހަމަ ހުރިހާ ކަމަކަށް ހަބޭސް ޤައުމެކެވެ.

އެހެނަސް އަބްދުﷲ ޖިހާދު މިދައްކާ ވާހަކަތައްވެސް އަޑުއަހާލަން އެބަ ޖެހެއެވެ. ފިނޭންސް މިނިސްޓްރީއާއި ހަވާލުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް މި ދައްކަވަނީ ދާދި އެއްވާހަކަތަކެކެވެ. ތީ މިހާރު ދިވެހިންނަށް އާ ވާހަކަތަކެއްނޫނެވެ. އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާދީފައިވާ އިޤްތިސާދީ ސަރަހައްދުގައިވާ ދިވެހި ރައްޔިތު އެންމެންގެ ތަރިކައިގެ ފޮނިމީރުކަމަކީ، އެއިރެއްގައި އެތަކެއްޗާއި ހަވާލުވެގެން ތިބޭ ބައެއްގެ އެއްޗެއްކަން އަޅުގަނޑު ދެނަ ހުރީމެވެ. އެހެނަސް ދެރަކަމަކީ އެތަރިކައިން ލިބޭހާ އެއްޗަކުންވެސް ފުއްދާލައިގެން އުޅެން ނޭންގޭތީއެވެ.  އެހެންކަމުން އެކި މޮޅުނަންތަކުގެ ދަށުން ރައްޔިތުންގެ އަތުން ނެގޭ ފައިސާ މިދަނީ އެއްދުވަހުން އަނެއް ދުވަހައް އިތުރުވަމުންނެވެ.

އަޅުގަނޑަށް މިއީ ވަރަށް ހެއްވާކަމަކަށް ވެއްޖެއެވެ. އަދި މިއީ ބޮޑު ޖޯކަކަށްވެސް ވެއްޖެއެވެ. މިވަރުގެ ބޮޑު ބުރަޔަކާއެކު ޤައުމު ކަވާލުވުމަށް އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ޖީބުންނާއި އަދި ވިޔަފާރިވެރިންގެ އަތުން ވެސް ހޯދައިގެން ވެރިކަމަށް އަންނަން އުޅޭ ކޮންމެ ބަޔަކު ހޭބޯނާރާ މިއުޅެނީ ކާކު އެމީހުން ކައިރީ އެދި ރޮއެ އާދޭސް ކޮށްގެންބާއެވެ.. އަދި ވެރިކަމަށް އާދެވުމާއެކު ދެންމިދައްކަނީ ކޮން ވާހަކަ ތަކެއްބާއެވެ. އާދެ އަޅުގަނޑުމެންނަކީ ހަޤީގަތުގައިވެސް ބުއްދީގެގޮތުން ފިސާރި ނުކުޅެދުން ތެރިބައެކެވެ. ނަމަވެސް، ބުއްދީގެ އަހުލުވެރިން ކަމުގައިވާ ރާއްޖޭގެ ސިޔާސީބޭފުޅުން މިބަސް ބޭނުންކުރަންވާ ހާލަތުގައި ވިދާޅުވެ އުޅޭނީ ދިވެހިންނަކީ ދުނިޔޭގައިވެސް ތިބި އެންމެ ދުރުވިސްނޭ ބުއްދިވެރިންކަމުގައެވެ. ވާނީވެސް އެހެންތާއެވެ. ދިހަ ބާރަ ކެމެރާގެ ކުރިމަތީގައި ބަޣާވާތް ކުރުމަށްފަހު އެއީ ނުކުރާކަމަކަށް ވެސް ހެދިއްޖެތާއެވެ.. މިހުރި ކަންކަމަކީ ހައިރާންވެ އަންތަރީސް ވާ ވަރުގެ ކަންކަމެވެ. 21 ވަނަ ޤަރުނުގެ ކަނު، ބީރު ދިވެހިން ހޭލުންތެރި ބަޔަކަށް ވާނީ ކޮންދުވަހަކުންބާވައެވެ.؟؟

2 comments:

ރަންނަމާރި said...

ދިވެއްސެއްގެ ހައިސިއްޔަތުން މި ލިޔުމުގައި ހުރި ވާހަކަތަކާމެދު ލަދުވެތި ވިޔަސް މީ ހަމަ ޙަޤީޤަތް.

ޝާއި said...

ތެދު ޙަޤީޤަތަކީ ހިތި ޚަބަރަށްވުރެ ޙަޖަމްކުރަން އުނދަގޫ އެއްޗެއް.. ދިވެހިންނަކީ ހަމަ ގަޅި ބައެއް.. ލިޔުންތެރިޔާއަށް ފުރިހަމައަށް ތާޢިދު..

Post a Comment

Labels

 
;