18 September 2015

Havaa!!!!!!



ލިޔުނީ: ޢަބްދުﷲ ޔާމީން
2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބާއެކު ހޮވުނު 2ވަނަ ރިޔާސަތުގެ 5ވަނަ ރައީސް، ކާމިނީގޭ އަބްދުﷲ ޔާމީންގެ، ސަރުކާރަށް "ހަވާ ސަރުކާރު"ގެ ނަމުން ދިވެހި ރައްޔިތުން މުހާތަބު ކުރަން ފެށީ ބަދަލު ވެގެންދިޔަ ކަންތަށްތަކަކާ ގުޅިގެންނެވެ. ކަމެއް ކުރުމަށް ގެންގުޅުނު އާދައަށް ގެނެވުނު ބަދަލާކާ ގުޅިގެންނެވެ. ޤައުމު ހިންގުމުގެ ސިޔާސަތު ތަކަށް ގެންނަމުން އައި ބަދަލު ތަކުގެ ތެރެއިން ހަވާ އެރުވުމުގެ ސިޔާސަތަށް ގެނެވުނު ބަދަލު ވެގެން ދިޔައީ، ދިވެހި ވައިގައި ހަވާގެ ތާރީހު މުޅިން ބަދަލު ވެގެން ދިޔަކަމަކަށެވެ.

2014 ވަނަ އަހަރު ސިފްކޯގެ ފަރާތުން އާންމު ފަރާތެއްގެ ކައިވެނި ޕާޓީގައި އަރުވާދިން ހަވަޔާއެކު ވިޔަފާރިގެ އުސޫލުން ހަވާއެރުވުން ދިވެހިންގެ ތެރޭގައި އާންމުވެގެން ދިޔައެވެ. ސަރުކާރުގެ ހަފުލާތަކުންފެށިގެން އާންމު ކައިވެނި ޕާޓީތަކުގައިވެސް މިހާރު އަރުވާހަވަޔަކީ ކުރީގެ ރަސްކަންތަކުގައި ހަމައެކަނި ބޮޑު ދެހިތީގައި އެރުވޭއެއްޗެއްކަން ތާރީހުން ހެކިދެއެވެ. އޭރުގައި އެރުވޭ ހަވަޔާއި މިހާރު އެރުވެ ހަވަޔާ، އަދި އޭރު ހަވާއެރުވޭ ގޮތާ މިހާރު ހަވާއެރުވޭ ގޮތާ ވަރަށްވެސް ތަފާތެވެ. އެހެންކަމުން ހަވާގެ އެހާރާ މިހާރަށް ބަލާލުމަކީ، އަޅުގަނޑު ދެކޭގޮތައި، މުހިންމުކަމެކެވެ.

މިހާރު އެރުވުމަށްޓަކައި ގެނެވޭ ހަވާއަކީ، ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކުރާ އެއްޗެހި ކަމުގައިވީނަމަވެސް ކުރީގައި މިކަން ހިނގާފައި އޮތީމިހެނެއް ނޫނެވެ. މިހާރު ކޮންޓުރޯލ ރޫމަކުން ފިތާލެވޭ ފިތަކުން އެރުވޭ ހަވަޔާ އޭރު ދިވެހިން ހަވާ އަރުވާ އުޅުނުގޮތާ ހާސް ތަފާތެވެ. ބޭނުންކުރި އާލާތްތަކާ އުކުޅުތަށް އުޑާ ބިމާހާ ތަފާތެވެ. ކުރީގައި ހަވާ އެރުވުމަށް ޓަކައި ބޭނުންކުރެވުނު ހަވާއަކީ ދިވެހިން އަމިއްލަޔަށް ތައްޔާރުކުރި އެއްޗިއްސެވެ. ހަވާ ހެދުމަށްޓަކައި ޖަސްތުން ހަދައިފައި ހުންނަ ވަށް ހޮޅިގަނޑެއްގެ އެއްކޮޅު ބައްދައި އަނެއްކޮޅުން އެތެރެއަށް ބަޑިބޭސް އަޅައި ކޮޅުގައި އަގުޅި ޖަހައި ބައްދައި، ފުލުގައި ލޯވަޅެއް އަޅައެވެ. އަދި އެލޯވަޅަށް ބަޑިބޭސްލާފައި ހުރި ފުކެއް ޖަހައި ފަންތޮށިން ހިމަކޮށް ސަޑެއް ހަދައި އެހަވާގެ ބޭރުގައި އެސަޑު އައްސައެވެ.

މިފަދަ ގޮތަކަށް ކުރީޒަމާނުގައި ތަށްޔާރުކުރެވޭ ހަވާ، އެރުވުމަށްޓަކާވެސް އަމިއްލަވަންތަ އެއްޗެހި ތަކެއް ދިވެހިން ބޭނުންކޮށް އުޅުނެވެ. އެގޮތުން ހަވާއެރުވުމަށްޓަކައި ދަގަނޑު ކަނިގަނޑެއްގައި ހަރުކޮށްފައި ހުންނަ ދަނޑިއެއް ބިމަށް ޖަހައި އެ ކަނިގަނޑުގައި ހަވާ އަޅުވައެވެ. އަދި ފޮލިސީއެއްގެ ކޮޅުގައި ލާފައި އޮންނަ ކޮރުދަނުގައި އަލިފާން ރޯކޮށް ހަވާގެ ފުކުގައި ޖެއްސުމުން އެ ފުއް އަނދައިގެން އެތެރެއަށްގޮސް ބަޑިބޭހުގައި ރޯވުމުން ހަވާ މައްޗަށް އަރައިގެން ދެއެވެ. ފޮލިސީ އަކީވެސް ދިވެހި އަމިއްލަ އުފެއްދުމަކަށް ވުމުން އެއާގުޅޭ ކުޑަ ތައާރަފެއް ވެސް ދޭނަމެވެ. ފޮލިސީ އަކީ ހިމަ ދަގަނޑުން ހަދާފައި ކޮޅުގައި ގުދެއްލާފައި އޮންނަ އެއްޗެކެވެ. ފޮލިސީގެ ކުރީގައި އުއިން އަނބުރާފައި އޮންނަ ކޮރުދަނެއް ހަރުކޮށްފައި އޮންނާނެއްވެ. މިކޮރުދަނަކީ ހަވާގައި ރޯކުރުމަށް ހަދާފައި އޮންނަ އެއްޗެކެވެ. ފޮލިސީގެ މުށްގަނޑު އޮންނަނީ ލަކުޑިން ހަދާ ލިޔެލާ ޖަހާފައެވެ.

ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދިވެހިން މިހާރު މިއަރުވާ އުޅޭ ހަވަޔާ، އޭރު ދިވެހިން ހަދައިގެން އެރުވުމަށް ބޭނުންކުރި ހަވަޔާ އެހަވާ އެރުވޭ ގޮތުގައި ހުރި ތަފާތުގެ ބޮޑުކަން މިމިންވަރުން ހާމަވެއްޖެ ކަމަށް އުންމީދުކުރަމެވެ! މިކަންކަމުގައި މިހާބޮޑު ތަފާތެއް ހުރިއިރު، ދެން ހިތުގާ އުފެދޭ އަނެއް ސުވާލަކީ، ހަވާ އެރުވޭ މުނާސަބަތުތަކާ މެދުވެސް އެހާބޮޑެތި ބަދަލު ތަކެއް އައިސްފާ ހުރެދާނެ ކަމާ މެދުއެވެ. ޝައްކެއްނެތެވެ! މިދިޔަ ފަންސާހަކަށް އަހަރު ތެރޭގައި، ހަމައެކަނި ރާއްޖޭގެ މިނިވަން ދުވަހާ އެނޫވެސް ބޮޑެތި ޤައުމީ ދުވަސްތަކާ މުނާސަބަތުތަށް ފާހަގަ ކުރެވުމަށް އެރެވެމުން އައި ހަވައަކީ މިހާރު ދެއިރުކާ ބޭސް ގުޅައެއްހެން އެރުވި އެރުވި ހުންނަ އެއްޗެކެވެ. އެހެން ކަމުން މިކަން ކުރީގައި ކުރެވެމުން އައިގޮތާ މިހާރު ކުރެވެމުން އަންނަ ގޮތާދޭތެރެ ވަރަށްވެސް ބޮޑު ފަރަގެއް ހުންނާނެ ކަމާމެދެ ޝަށްކެއް ނުކުރަމެވެ. މިހާރު ބޭއްވޭ އާންމު ކައިވެނި ޕާޓީ ތަކުގައާއި ޖަލްސާތަކާ ހަފްލާތަށް ނިންމުމުގެ ގޮތުންނާއި ބޭއްވޭ ތަފާތު ޝޯތަކާ އެއްވުންތަށް ނިންމުމަށް، މާލޭގެ އުސްފަސްގަނޑާއި ރާޅު ގަނޑުގައާއި ގަލޮޅު ބޯޅަދަނޑުގައި ހަވާ އެރުވުނު ކަމުގައި ވީނަމަވެސް ކުރީގައި މާލޭގައި ހަވާ އެރުވުނު މުނާސަބަތުތަކާއި ތަންތަންވެސް ވަރަށް ތަފާތެވެ.

މީގެ  އަހަރުތަކެއް ކުރިން ހަވަޔަކީ ހަމައެކަނި ބޮޑުދެހިތީގައި، ބަޑިޖެހުމަށްފަހު ހިތިވިލޭރޭ ހިތިގެ ދޮށުގައި އަތިރިމަތީ އަރުވާ އުޅެވުނުއެއްޗެކެވެ. މިކަންކޮށް އުޅެނީ ރަދުން ހިތިގެދޮށަށް އައުމުން މާލޭގެ ހަތަރުކޮށިގެ މީހުންނެވެ. ކޮންމެ ކޮށްޓަކުން އެރުވޭ ހަވައެއްގައި ރޯކުރުމަކީ އެކޮށްޓެއްގެ އެދުރުބޭކަލުން ނުވަތަ އިސްދަރިވަރުން ކޮށްއުޅުނުކަމެކެވެ. ބޮޑުނާބަ ޖެހުމަށްފަހު އެރުވޭ މިހަވާ އަރުވަނީ އަމުރުކުރެވިފައިވާ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ އެރުވޭ ހަވާ އަރުވާނީ ބަންޑާރަ ކޮށިންނެވެ. ދެންއެރުވޭ ހަވާ ތުރުކީ ކޮށިން އަދި އެއަށްފަހު މޫދުގޭ ކޮށިން އަދި އެންމެ ފަހު ހަވާ ފާދިއްޕޮޅު ކޮށިންނެވެ.

މިހާހިސާބުން ބޮޑުދެހިއްޗަކީ ކޮބައިކަމާ އަދި ބޮޑު ނާބައަކީ ކޮބައި ކަމާމެދު ސުވާލު އުފެދިފައި ހުރުމަކީ އެކަށީގެން ވާކަމެކެވެ. ހިތި ދުވަސްތަށް އަންނާނީ ރޯދަމަހުގެ ތެރޭގައެވެ. ފުރަތަމަ އަންނާނީ ހެންވެރު ބޮޑު ހިއްޗެވެ. އެއީ ރޯދަމަހުގެ 22 ވަނަ ދުވަހެވެ. އަދި އެދުވަހުގެ ރޭ، 23 ވިލޭރެއަކީ ހެންވޭރު ބޮޑު ހިތި ވިލޭރެއެވެ. ދެވަނަ ބޮޑުހިތި އަންނާނީ ރޯދަމަހުގެ 24 ވަނަ ދުވަހުއެވެ. 25ވިލޭރެއަކީ މާފަންނު ބޮޑު ހިއްޗެވެ. މިނޫްވެސް ހިތި ދުވަސްތަށް ވާކަން ތާރީހުން ހެކިދީފައި ވީނަމަވެސް، ހަވާ އަރުވާ އުޅެވުނުކަމަށް ފެންނަންހުރީ މިބޮޑު ދެހިތީގައި އެކަންޏެވެ.

ނާބައަކީ އިހުގައި މުންނާރުން، މަޣްރިބު ނަމާދަށް ބަންގި ގޮވައި ނިމުމުން ނާބުސްޚާނުން ޖަހާބެރެކެވެ. މިބެރު ޖެހުމުގައި ތާޅަފިލި ދުންމާރި ނުފުމޭއިރު މިބެރު ޖަހާނީ އެންމެ މީހެކެވެ. މިއާޚިލާފަށް ބޮޑުނާބަ އަކީ ހިތިގެ ދޮށުގައި ބޮޑު ދެހިތީގައި ޖަހާއުޅުނު އެއްޗެކެވެ. ބޮޑުނާބަ ޖަހަންފަށާނީ ރަދުން ވަޑައިގެން ހިތިގެ ދޮރުމަތީގައި ހުންނަ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގަތީމައެވެ. ހެންވޭރު ހިތިނަމަ، ލޮނުޒިޔާރަތް ކޮޅު ބުރުޒުން ބޮޑުބަޑީގެ ތިންބަޑި ޖެހުމާއެކު ބޮޑުނާބަ ފަށާނެއެވެ. މިނާބަ ޖެހުމަށްޓަކައި ބެރު ދުންމާރިވެރިން ތިބޭނީ ރަސްމީހެދުމުގައި ހިތިގެ ދޮރުމަތީގައެވެ.

ހިތިރޭރޭ ހަތަރު ކޮށީން އެރުވޭ ހަވައަށްފަހު "ފައިދޮށުފުރޭތަ"އޭ ކިޔާ ހަވައެއްވެސް އަރުވާއުޅުނެވެ. މި ހެދިފައި އޮންނާނީ ވަރަށްކުރު ސަޓުބުރިއެއްލާފައެވެ. މިހަވާ ރޯކުރާނީ މޫދާ ވަރަށްކައިރީގައި ބާއްވާފައެވެ. ސަބަބަކީ، މިހަވައަކީ އެއްގޮތަކަށް ވަކިދިމާއަކަށް ދާނެކަމުގެ ޔަޤީންކަން އޮންނަ އެއްޗަކަށް ނުވާތީއެވެ. ރޯކުރުމަށްފަހު މިހަވާ ދާނެ ވަކި މިސްރާބެއް ދިމާލެއް ޔަގީންނުވެ އެކި ގޮތްގޮތަށް އެކި ކޮޅުކޮޅަށް ތެޅޭތެޅުމުގެ ސަބަބުން މިހަވައަށް ފައިދޮށުފުރޭތައޭ ކިޔެއެވެ. ފައިދޮށުފުރޭތައަކީ ހިތިރޭރޭ އެންމެފަހުން ރޯކުރެވޭ އެއްޗަށް ވުމުން މިކަންނިމުމަށް ފަހު ރަދުން ވަޑައިގަންނަވާނީ ގަނޑުވަރަށެވެ.

އިހުގައި ހަވާއެރުވުނީ މަތީގައިދެންނެވިފައިވާ ދުވަސްތަކާ މުނާސަބަތުތަކުގައި ކަމަށް ވީނަމަވެސް، މިހާރު ހަވާއަރުވާކަށް ވަކި ޚާއްސަ ސަބަބެއް ވަކި ކަމެއް އޮންނާކަށްނުޖެހެއެވެ. ކައިވެނި ޕާޓީއެއްނިންމުމަށް ކަމުގައިވީނަމަވެސް، ނުވަތަ އާންމު ކުންފުންޏެއްގެ ބައްދަލުވުމެއް ނިންމުމަށް ކަމުގަ ވީނަމަވެސް، ނުވަތަ މަޖިލީހަށް ނުވަތަ ރަށު ކައުންސިލްއަށް އާބޭފުޅަކު އިންތިހާބުވުމުން އެކަމުގެ އުފަލުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއްނިންމުމަށް ނުވަތަ ޖަލްސާއެއް ހުއްޓުވަން ކަމުގަވީނަމަވެސް ބޭނުންކުރެވެމުން އަންނަ ހަވާ މިހާރު ވެފައިމިވަނީ "ނުވަތަ" ޖަހައިގެންވެސް އެއެރުވޭ ސަބަބުތަށް ހާމަނުކުރެވޭ ވަރަށް ދިވެހިންގެ ތެރޭގައި އާންމުވެފައެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ، ދިވެހިންގެ ތެރޭގައި މިހާރު ހަވާއެރުވުމަކީ މާލޭގެ މަގުމަތިން ބަންގާޅިޔެއް ފެނުންހާ އާންމުކޮށް ވަމުންއަންނަކަމެކެވެ. އިރެއްގައި ރަންހެން އެރުވެމުން އައިހަވާ މިހާރުވެފައިމިވަނީ ދިވެހިނަށް ހުރި "ފައިދޮށުފުރޭތަ"އަކަށެވެ.

0 comments:

Post a Comment

Labels

 
;