19 November 2015

މަމެން ކުރީމަ އޯކޭ! ތަމެން ކުރީމަ ގޯސް!

 
ލިޔުނީ: އަޙުމަދު ޔާމީން
މަށަކީ ވެސް ދިވެއްސެކެވެ. ބޮޑުފަތިހާ އެނދުން ތެދުވެ ފަތިސްނަމާދުކޮށްލައިގެން، އޮޑީ ކުދިންނާއެކު މަސްވެރިކަމަށްނިކުމެ، ބޭނުނު މަސްކޮޅު ހިފައިގެން އިރުއޮއްސުމުން ރަށަށް އައިސް އޭގެން ގަރުދިޔަ ކައްކައިގެން ކައިގެން ނިދައި އުޅުނު ދިވެހިވަންތަ ދިވެއްސަކީމެވެ. ވަށައިގެން ހިނގާ ކަންތައްތަކާމެދު ބުއްދި އިސްކޮށް ވިސްނަން އަމުދުން ނުވެސް ދަންނަ ނިކަން ވަރިހަމަ ދިވެއްސަކީމެވެ. އަމިއްލަ ސިކުނޑީގައި ފުޅަފެއް ޖަހައިގެން ދިޔާހަކުރާ ކާއްޓާ މަހުން ދަރިންގެ މުސްތަޤްބަލް ކުރަހަމުން އައި ދިވެއްސަކީމެވެ. މަންމަގެ ތަރިކައިން ވާރުތަވި ރުކުން ވެއްޓޭ ކާއްޓަށް ބަލަމުން އަމިއްލަ ފަސްގަނޑުގެ ތަރައްޤީ ވަޒަން ކުރަމުން އައި ފަޚުރުވެރި ދިވެއްސަކީމެވެ. ވެރިން ވިދާޅުވި ކޮންމެ ކަމެއް ކުރުމުގައި ޚާދިމެއްގެ ގޮތުން ބޯލަނބަމުންއައި ދިވެހީންގެ ދިވެއްސަކީމެވެ.
އަޖާއިބެކެވެ. ކާބަފައިންގެ މި ދިވެހިވަންތަ ސިފަތައް މިއަދާހަމައަށް އަދިވެސް ދިވެހި ޖައްވުގައި މިވަނީ ވަކިހިއްޕާލާފައެވެ. ރާއްޖެތެރޭ މީހުން އުޅެން ޖެހޭނީ ރަށުގައެވެ. އެމީހުން ދާންޖެހޭނީ މަހަށެވެ. އެވަރުން އެމީހުންނަށް ފުދޭނެއެވެ. ތަރައްޤީއާއި، ތަހުޒީބު ލިބެންޖެހޭނީ މާލޭ ބޭފުޅުންނަށެވެ. ވެރިކަން ކުރަންޖެހޭނީ އެބޭފުޅުންނެވެ. ވެރިކަމަކީ ރަސްމަތި ޚާންދާނުގެ ޝާހީ ޢާއިލާތަކުގެ މިލްކެކެވެ. އިތުރު މީހަކު ވެރިކަމުގެ ޚިޔާލު ސިކުނޑިއަށް ގެނައުމަކީވެސް ދީނުން ބޭރުވާފަދަ ބޮޑު ކުށެކެވެ. ވީއިރު ދިވެހިންގެ ވިސްނުމަށް ހަމަ އައްސަރިބަހާއި ސާބަހެވެ.
ވެރިން ކުރިން ދެއްކީ ދީނުގެ ވާހަކައެވެ. އިސްލާމްދީނަކީ ހަމައެކަނި ނަމާދާއި، ދުޢާކުރުމާއި ފަރުޟުތަކުގެ ދީންކަމަށް ވިސްނައިދިނުމެވެ. ހުކުރުދުވަހު "ދީނުގެ މަގު" ކިޔާލީމާ ސީދާމަގު ލިބުނީއެވެ. އެ މިންވަރަށް ރާއްޖެތެރޭމީހުނަށް ދީން އޮޅުންފިލީމާ އެހުރީ އޯކޭ ވެފައެވެ. އިސްލާމްދީނަކީ ސައިންސާއި، ތަމައްދުނާއި، ތަހުޒީބުގެ ދީންކަން ދަސްކުރަންވާނީ ބޭފުޅު އާއިލާތަކުގެ ބޭފުޅުންނެވެ. މިސްރުން ނޫނީ އެޢިލްމު ޢަމްދުން ނުވެސް އުނގެނެވޭނެއެވެ. ދެން އެނބުރި ވަޑައިގެން އެ ދެއްވާ ދަރުސްތަކުންވެސް މީހުން ހޮޑުލަވާވަރު ވެއެވެ.
އެބޭފުޅުން ބުނެއެވެ. ވެރިކަމާ ނުތޮޅޭށެވެ. ބަޣާވާތް ނުކުރާށެވެ. އަހަރެމެން އަޑުއަހައި ކިޔަމަންވީމުއެވެ. އެކަމަކު 7 ފެބްރުއަރީގައި އެބޭފުޅުން ބަޣާވާތް ކުރަންވީމައި އެކަންވެސް އޯކޭއެވެ. އެބޭފުޅުން ބުނެއެވެ. ރާ ބުއިމީހެކޭ، ވިއްކި މީހެކޭ، އުފުލި މީހެކޭ އެއްވަރެވެ. އަހަރުމެން އަޑުއަހައި ކިޔަމަންވީމުއެވެ. އެކަމަކު އެބޭފުޅުންގެ ދަބަހުން ދެފުޅި ބަނގުރާ އުފުލާއިރު އެކަން އޯކޭއެވެ. އެބޭފުޅުން ބުނެއެވެ. ބާބް މާޖާއަ ފިލް މަސާޖެވެ. ހިލޭއަންހެނަކާ ދިމާލަށް ބަލައިލުންވެސް ޙަރާމެވެ. އަހަރެމެން އަޑުއަހައި ކިޔަމަންވީމުއެވެ. އެކަމަކު އެބޭފުޅުން އަރާމު ދާންތަކުގައި އުފާ ޙާސިލްކުރަން ވީމައި އެކަން އޯކޭއެވެ. ދީންވެސް މި އޮންނަނީ ރާއްޖެތެރޭ މީހުންނާއި، މާލޭ ބޭފުޅުންނަށް ދެގޮތަކަށް ތޯއްޗެކެވެ.
އެބޭފުޅުން ބުންޏެވެ. ދަތިޙާލުގައި ގިނަގިނައިން ދުޢާކޮށް މާތްﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. އެކަލާނގެ ތިބާމެންގެ ދަތިތައް އުފުއްލަވައި، ރާސްތާ ތަނަވަސްކޮށްދެއްވާނެއެވެ. އެބޭފުޅުންގެ ބަސް ޤަބޫލުކޮށް އަހަރެމެން ކިޔަމަންތެރިކަމާއެކު ހަފްތާއަކު އެއްފަހަރު ދުޢާކުރަން ފެށީމެވެ. ދިވެހިންގެ ސިކުނޑީގައި ލެވިފައިވާ އަނދިރި ފާރުތައް ނެތިކުރައްވައި އެއުރެންނަށް ހެޔޮ ވިސްނުން މިންވަރުކޮށް ދެއްވުން އެދިއެވެ. ރައީސް ނަޝީދާއި، ސިޔާސީ ހައްޔަރީންނަށް ލިބެމުންދާ އަނިޔާއިން މިންޖުކޮށްދެއްވުން އެދިއެވެ. އަނިޔާވެރިންގެ ކިބައިން މި ވަޠަން ނަޖާކޮށްދެއްވުން އެދިއެވެ. އެކަމަކު އެހިސާބުން އެގޯސްވީއެވެ. ހަތަރެސްކަން ހަމަވީއެވެ. އެބޭފުޅުން ބުނަންފެށިއެވެ. ހޯހޯއެވެ. ހޯހޯއެވެ. ތިގޯހެވެ. ކަލޭމެންނަށް ވެރިކަމުގެ ވާހަކަ ދުޢާގައި ނުގެނެވޭނެވެ. ތިޔަ ކުރެވެނީ ބަދު ދުޢާއެވެ. ވެރިކަމާމެދު ދުޢާ ކުރެވޭނީ ބޭފުޅުންނަށް އެކަންޏެވެ. ތިޔާ ކަހަލަ ދުޢާ މަމެން ކުރީމާ އޯކޭ ވިޔަސް ތަމެން ކުރީމާ ގޯހެވެ.

0 comments:

Post a Comment

Labels

 
;