26 November 2015

Minjuvaan.. Emmen..

ލިޔުނީ: އަޙުމަދު ޔާމީން
"ކަމަކަށް ގޮވާލީމާ މިޤައުމުގެ ޢިއްޒަތާ އަބުރަށްޓަކާ، އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަވެސް ހުންނާންމޭ...

ކިއްލާތެރޭގާ ވަދެ އޮތަސް ކަނޑުގާއޮތަސް ދަނޑުގާ އޮތަސް، ބިއްލާހި ތެދެކޭ މަރުއައިސް ގެންދާނެކަން ދަންނާނަމޭ..."

ވަޠަނުގެ ލޮބުވެތި މުވާތިނުންނޭވެ. ޤައުމިއްޔަތު ވިއްކައިފިއެވެ. ޙައްޤުތައް ހިފަހައްޓައިފިއެވެ. ޒުވާނުން ކަތިލައިފިއެވެ. ރިޟްވާން ގެއްލުވާލައިފިއެވެ. ޔޫތް ސިޓީ ކާލައިފިއެވެ. މީޑިޔާ ޙިޞޯރުކޮށްފިއެވެ. މިނިވަންކަން ނަގާލައިފިއެވެ. އިޤްތިޞާދު ރޮއްވާލައިފިއެވެ. ޤައުމު ދަރުވާލައިފިއެވެ. އިސްތިޤްލާލް އޮޅާލައިފިއެވެ. ވަޙްދަތު ދިރުވާލައިފިއެވެ. ދީން އޮޅުވާލައިފިއެވެ. ރައްޔިތުން ނިކަމެތިކޮށްފިއެވެ. ސިޔާސީވެރިން ހުރަގޭގައި ޤައިދުކޮށްފިއެވެ. މިތުރުން ހަތުރުންނަށް ހަދައިފިއެވެ. ގަދަމީހާ ގަދަވެއްޖެއެވެ. ބަލިމީހާ ބަލިވެއްޖެއެވެ. ފުރިތާ ޖެހިއްޖެއެވެ. ނޫނީ އެއަށްވުރެ ގޯސްވެއްޖެއެވެ. ވެރިން ގެރިންނަށް ވެއްޖެއެވެ. ގޭގައި މަޑުން ތިބުން ލަދު ކަމަކަށް ވެއްޖެއެވެ. މަގުމައްޗަށް ނިކުންނަށް މަޖުބޫރުވެއްޖެއެވެ. މިންޖުވާން ޖެހިއްޖެއެވެ. މިކަން ނިންމާން ޖެހިއްޖެއެވެ.

ޖެހިގެން ހުރިގޭ އިބުރާހީމް މުޅި ޢާއިލާ ގޮވައިގެން ފުރަނީއެވެ. ކަމަނަ ގޯތީ އާދަނު އިއްޔެ ބޭލި އޮޑީގައި މާލެއަށް ދިއުމަށް މުދިންބެ ދައްކާލާފައި ހުރީ އަމަށަކު ފޯރިއެއް ނޫނެވެ. އެންމެ އެކުވެރި ކާސިމު ބުނީ މިފަހަރު ކުޅިކުޅިވަރެއް ނުކުޅެވޭނެކަމަށެވެ. މިރަށާ އިންވެގެން އޮތް ރަށުގެ މަލަމަތި ފެންނަނީ އަދި މާ ހަލަބޮލިކޮށެވެ. އެންމެންގެ އަމާޒުވެސް ހުރީ އެއް މިސްރާބަކަށް ހިފާފައެވެ. އެވެރިން ތިބީ 27 ވަނަ ދުވަހު މާލެ ދިއުމަށް ކެތްމަދުވެފައެވެ. މަސްވެރިން އެވެރީންގެ މަސައްކަތް މެދުކަނޑާލުމަށްފަހު މާލެ ފުރުމަށް އޮޑިފަހަރު ތައްޔާރުކުރަނީއެވެ.

އާއެކެވެ. ވަށައިގެންވަނީ ބޮޑެތި މައްސަލަތަކެކެވެ. އަޅުގަނޑުމެން ކުރާން ޖެހިފައި މިވަނީ ބުރަ މަސައްކަތެކެވެ. ވާންޖެހިފައި މިވަނީ ބޮޑު ޤުރުބާނީއެކެވެ. މިންޖުވުމަށް ކުރަންޖެހޭ ޤައުމީ މަސައްކަތެވެ. މާތްﷲ ގެ ޙަޟްރަތަށް ދެންނެވުމުގައި އަދާކުރަންޖެހޭ ދީނީ ވާޖިބެވެ. ދަރީންގެ ދަރީންގެ މުސްތަޤްބަލް އުޖާލާކުރުމަށް އުފުލަންޖެހޭ މަތިވެރި ޒިންމާއެވެ. ޤައުމީ މަތިވެރި އަބްޠާލުން ކޮށްޓެވި މަގުން ހިނގުމުގެ އުފާވެރި މަސްއޫލިއްޔަތެވެ. ޢަލީ ރަސްގެފާނާއި، ބޮޑުތަކުރުފާއި، ދޮންބަންޑާރައިންނާއި، ޙުސައިން އާދަމާއި، ރައީސް ނަޝީދުގެ ހިތްވަރުން އުއްމީދު އައުކޮށް ފަހަށް ނުޖެހުމުގެ ރޫޙް ކުރިޔަށް ނެރުމުގެ ނަފްސުގެ ޖިހާދެކެވެ. އަލް މަރުޙޫމް މޫސާ ފަތުޙީގެ ސިފަކުރެއްވުމާ އެއްގޮތަށެވެ.

"މިނިވަންކަމާ އެކުވެރިކަމާ ހަމަހަމަކަމަށް ތަރުޙީބުދީ، ހިނިތުންވެތިބެ ދީނީ އުޚުއްވަތް ފެތުރުމަށް މަގޮވާނަމޭ...

އަގުހުރި އެކާބަފައިން ހަވާލު މިތާ ކުރެއްވި އަމާނަތަށް، ވަގުތާއި ޖާނާ މާލުދީ ރައްކާ ކުރަން ހުންނާނަމޭ..."

މިއަދު މި ޤައުމުގައި ހަމަހަމަކަމެއް ނެތެވެ. އެކުވެރިކަމެއް އެއްބައިވަންތަކަމެއް އެއްބައެއްވަންތަކަމެއް ޢަމުދުން ނެތެވެ. ވަކި ޢާއިލާއެއްގެ ވިރާސީ ރަސްކަން ދެމެހެއްޓުމުގެ ދުނިޔެވީ އެދުންވެރިކަމުގައި މި ލޮބުވެތި ޤައުމުގެ "މިއަދު" ނެތިކޮށްލައިފިއެވެ. މުސްތަޤްބަލް އަނދިރިކޮށްލައިފިއެވެ. އަންނާން އޮތް ޖީލުތަކުގެ ވާގި ނައްތާލައިފިއެވެ. މައިން ބިކަކޮށްފިއެވެ. ދަރީންގެ އުއްމީދުތައް ނަގާލައިފިއެވެ. ކާބަފައިން ޙަވާލުކުރި ޤައުމީ ބޮޑު އަމާނާތަށް ޚިޔާނާތްތެރި ވެއްޖެއެވެ. ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއް ކަރުނައަޅާ ރޮނީއެވެ. މި ޤައުމުގެ އުދަރެހަށް ކޮންމެ ދުވަހަކު އަރާ އޮއްސޭ އިރުގެ ރަންރީންދޫ ދޯދިތަކުން އާދޭސް ކުރަމުން ދަނީ ޚާންދާނީ އަނިޔާވެރި ރަސްކަމުން މިންޖުވާން ހުރިހާ ރައްޔިތުން އަތުގުޅާލުމަށެވެ. ޒާތީ ތަޢައްޞަބުން އެއްކިބާވެ ތިބެ މި ވަޠަނުގެ ދިފާޢުގައި ކޮނޑާކޮނޑު ޖައްސައި ސަލާމް ކުރުމަށެވެ. މި ޤައުމުގެ ޙައްޤުގައެވެ.

ދަންނާށެވެ. ޤައުމަށްވުރެ އަގުހުރި އެއްވެސް އެއްޗެއް ނެތެވެ. ޤައުމެއް ނެތް ތަނެއްގައި ރައްޔިތުންނެއް ނުތިބޭނެއެވެ. ރައްޔިތުން ނެތްތަނެއްގައި ކުރާނެ ވެރިކަމެއް ނޯންނާނެއެވެ. މި އަސާސީ އުސޫލު ނުވިސްނިގެން މި އުޅެނީ މިއަދު ވެރިކަމުގައި ތިއްބެވި ފަންސަވީސްހާސް މީހުންގެ ޕާޓީގެ ނުކުޅެދޭ ސިކުނޑިތަކަށެވެ. ނޫނެކެވެ. ނުވިސްނެނީއެއް ނޫނެވެ. ވިސްނަން ބޭނުންނުވަނީއެވެ. ޤައުމުގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައި ޤައުމު ފުނޑުފުނޑު ކޮށްލަންވެސް އެވެރިން ތިބީ ތައްޔާރަށެވެ. ހަމަ ޖާހިލީއެވެ. ވިސްނަނީ ހަމައެކަނި "ކމނ" ގޭ ހަތަރުފާރުން އެތެރެއަށެވެ. ރައްޔިތުންނަކީ ތިބިބައެއްކަންވެސް ނުދަނެއެވެ. ވީއިރު މިކަމުން މިންޖުނުވެ މިޤައުމު އަތުވާނެ އެއްގޮތެއްވެސް ނެތެވެ.

މީ އަޅުގަނޑު އެކަނި ބުނާ ބުނުމެއް ނޫނެވެ. މިއީ މި ޤައުމުގެ ގިނަ ރައްޔިތުންގެ ހިތުގެ ގޮވުމެވެ. އަންމަކަޅޭ އާއި، ޕައްލަންބެވެސް ދައްކަނީ މިވާހަކައެވެ. 27 އަށް މާލެ އަރާ މިޤައުމު ހަމަމަގަށް އަޅުވަންވެއްޖެ ވާހަކައެވެ. ޔަހުޔާ ކާޅުހިފިގޮތަށް، ދެން ވެދާނޭގޮތެއްގެ އިންތިޒާރުގައި ތިބެވެން ނެތްކަމުގެ ވާހަކައެވެ. މިކަން ނިންމަންވެއްޖެ ވާހަކައެވެ. މި ވަޠަނުގެ ހަފަރާތުގެ ގޮވުންތަކަށް ރައްޔިތުންގެ ހިތުގެ ޖޯޝީ ޤައުމީވަންތަކަމުން އިޖާބަދޭންވެއްޖެ ކަމުގެ ވާހަކައެވެ. ރައީސް ނަޝީދު އަނބުރާ ރައްޔިތުންގެ ލަޝްކަރުގެ ކުރީސަފަށް ގެންނަން ވެއްޖެ ވާހަކައެވެ. އެކަން ކުރެވެން އޮތީ ކުޑަ ހިތްވަރެއް ކޮށްގެންނެވެ. 27 ވަނަ ދުވަހު ނިކުމެ މިންޖުވާން ސަފުތައް ރުކުރުވާލައިގެންނެވެ.

"އަހުރެންގެމޭ ޤައުމަށްޓަކާ އައްޑަނަ އަކަށް ދިއްކޮށްލުމީ، ފަހުނޭވަޔަށް ދާންދެން މޮޓޯ ކަމުގާޚިޔާރު ކުރާނަމޭ...
އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް، ގަންނާކުރެއްވި ބިރުން ފިލަން ދާ މީހަކަށް މަ ނުވާނަމޭ..."

0 comments:

Post a Comment

Labels

 
;